މިފަހަރުވެސް ރޯދަ ހަދިޔާއަށް މަސްދަޅު ކޭސް
މި އަަހަރެކޭ އެއްފަދައިން މި ފެށޭ އަހަރުގެ ރޯދަ މަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދޭން ނިންމާފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފިއެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު، އާދަމް ޝަރީފް އަދަދު ނޫހަަށް މައުލޫމާތު ދެމުން ވިދާޅުވީ، ކުރިއަށް އޮތް ރޯދަ މަހު ވެސް ކޮންމެ ގޭބިސީއަކަށް ދޭނީ މަސްދަޅު ކޭހެއް ކަމަށެވެ.
ސަރުކާރުން ދޭ ރޯދަ ހަދިޔާ ދޫކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ލޯކަލް ކައުންސިލް ތަކުން ވަނީ ފަށާފައެވެ.
ސަރުކާރުން ބަޖެޓް ހިމެނިއިރު، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް އެއްވެސް މިންވަރެއް ހިމަނާފައެއް ނުވެ އެވެ.
މިދިޔަ ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެކެވެ. އެކަން ކުރުމަށް ދައުލަތުގެ ބަޖެޓުން އެފަހަރު 111.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މަސްދަޅަކީ ދިވެހިން ރޯދަ މަހު އެންމެ ގިނައިން ބޭނުން ކުރާ އެއް ބާވަތެވެ. ސަރުކާރުން މި ދެ އަހަރުވެސް 48 ދަޅުގެ މަސްދަޅު ކޭހެއް ދީފައި ވާއިރު 2024 ވަނަ އަހަރު ކޮންމެ ގޭބީސީއަކަށް ވަނީ ކާޑުގެ ބާވަތްތައް ދީފައެވެ.