މަހުޖަނުންނަށް އެންސްޕާ، އާސަންދަ ދޭކަށް ނުޖެހޭ: ސަލީމް
މަހުޖަނުންނަށް ދައުލަތުގެ ބައިތުލްމާލުން ދޭ އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދަވާ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ، މި ޤައުމު ހިންގޭވަރަށް ޤައުމަށް ފައިސާ ލިބޭ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ބައިތުލްމާލުން އިނާޔަތް ހައްގުނޫން މީހުންނަށް އިނާޔަތުގެ ގޮތުގައި އެކި އަދަދުތައް ދިނުމަކީ މައްސަލައެއް ކަމަށެެވެ.
އަދި 65 އަހަރުން މަތީގެ ބޭފުޅުންނަށާއި، ސަބްސިޑީގެ ގޮތުގައި ފައިސާ ދެވޭ ފަރާތްތަކަކީ ފުދުންތެރި ބަޔަކަށް ވެގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
އެފަދަ ފައިސާ ދައުލަތުން ދޭން ޖެހޭނީ ނިކަމެތި ރައްޔިތުންނަށް ކަމަށާއި ރާއްޖޭގައި އެންސްޕާ އަދި އާސަންދަ ލިބޭ އެތައް މަހުޖަނަކު އެބަހުރި ކަމަށް ސަލީމް ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ދުވަސްވީ ބޭފުޅުންނަށް ދޭ 5000 ރުފިޔާވެސް ބޮޑެތި މަހުޖަނުންނަށް ލިބޭކަން ސަލީމް ފާހަގަކުރެއްވިއެވެ.
އެގޮތުން، ދައުލަތުގެ ފައިސާއިން ހައްގު ނޫން މީހުންނަށް މިދެވޭ އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
"މިހާރު މި ފެންނަނީ މުސަނދިން އަތުން ނަގަންޖެހޭ ޒަކާތް އެމީހުންނަށް ލިބޭ މަންޒަރު"
މެންބަރު ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ފުދުންތެރި މީހުން އަތުން ޒަކާތް ނެގޭ ނަމަ ނިކަމެތި ރައްޔިތުންގެ މުހުތާދުތައް ފުދޭނެ ކަމަށެވެ.