ދަންވަރު މީހަކަށް އަނިޔާކުރާ އަޑު އިވޭތީ ވަދެ ބެލިއިރު ފެނުނީ 17 ކިލޯ ޑުރަގު
އެމް.ޕީ.އެލް ޓަވަރެއްގެ އެޕާޓްމަންޓެއްގައި ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ ރިޕޯޓަކާއި ގުޅިގެން ފުލުހުން އެޕާޓްމަންޓަކަށް ވަންއިރު އެ އެޕާޓުމަންޓު ތެރެއިން މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނި އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ ތަކެތި ފެނިފައިވަނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ ރިޕޯޓަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ ރެސްޕޮންސް އެންޑް ޕެޓްރޯލް އިން ރެސްޕޮންޑްކުރުމަށްފަހު، މަސްތުވާތަކެތި ހުރިކަމަށް ތުހުމަތު ކުރެވިގެން އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު އެވެ.
އެޕާޓްމަންޓް ބަލާފާސްކުރި އިރު ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 17.39 ކިލޯ ހުރި ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން، އެވަގުތު އެޕާޓްމަންޓުގައި ހުރި، ދަފްތަރު. ނަންބަރު ދރ 1786 / މާލެ، މުޙައްމަދު ޖަޒުލާން އަޝްރަފު (29 އަހަރު) ވަނީ ހައްޔަރުކޮށްފައެވެ.
މުޙައްމަދު ޖަޒުލާން އަޝްރަފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.