Advertisement

ވާނުވާ ބަންދުގައި ތިބި ފަރާތްތަކުގެ މައްސަލަ ވީ އެެންމެ އަވަހަކަށް ނިންމުމަށް ރައީސް ޑރ. މުއިއްޒު ގޮވާލައްވައިފި

11 Nov 2025 | 15:00
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ގައުމާ މުޙާތަބު ކުރެއްވުން- ފޮޓޯ: ރައީސް އޮފީސް

"ވާނުވާ ބަންދުގައި" ތިބި ފަަރާތްތަކުގެ މައްސަލަ ވީ އެންމެ އަވަހަކަށް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވުނު ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، "ވާނުވާ ބަންދުގައި" ބަޔަކު ތިބެގެން ނުވާނެކަމަށާއި ކޯޓު މަރުހަލާގެ ތެރެއިން ނިންމަންޖެހިފައި ހުރި މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމެވުމަށާއި، ޢަދުލުވެރިކަމާއި، އިންސާފުވެރިކަމާއެކު އެކަން އެގޮތަށް ކުރައްވާނެކަމުގެ ސައްތަ އިންސައްތަ ޔަޤީންކަން ޖުޑީޝަރީގެ މައްޗަށް އެބައޮތްކަމަށެވެ.

Advertisement

"ވާނުވާ ބަންދު"ގެ މައްސަލައަށް ނިމުން ގެނެސްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅަކަށް ވާއިރު، ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރި ކަމަށާ، ސަރުކާރުން މިހާރުވެސް މި ރޮނގުން މަސައްކަތްތައް ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމަށް އިސްކަންދެއްވައިގެން ޖުޑީޝަރީއަށް ބޭނުންވާ ޖާގަ ހަމަޖައްސަވައިދެއްވުމާއި، ދަޢުލަތުގެ ބަޖެޓު ކަނޑައަޅުއްވުމުގައި ޖުޑީޝަރީގެ ބަޖެޓް ވަކިކޮށްދެއްވާފައި ވަނީވެސް، މި ސަބަބާ ހުރެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން ޖުޑީޝަރީގެ ތެރެއިން ނިންމަންހުރި ކަންކަން ނިންމުމަށް ސަރުކާރުން ކޮށްދޭންޖެހޭކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ޤާނޫނީ އިމުގެ ތެރެއިން ގެންނަންޖެހޭ އިސްލާހެއް ކަމުގައި ވީ ނަމަވެސް، އެކަމަކަށް ބޭނުންވާ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް  ވަނީ ދެއްވާފައެވެ.

މީގެއިތުރުން ޝަރުޢީ ނިޒާމާއި ޤާނޫނު ހެދުމުގެ ނިޒާމުގެ ކަންކަމުގައި ސަރުކާރުން ދެމި އޮންނާނީ ޗެކް އެންޑް ބެލަންސް ގާއިމުކުރުމުގައި ފުރިހަމައަށް އެއްބާރުލުންދިނުމުގައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ވެރިކަމުގެ ނިޒާމަކަށް ވާއިރު، މި ނިޒާމު ރާއްޖޭގައި އޮންނަތާ 57 އަހަރު ފުރިގެންދިޔައީކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް މުހިންމު ވާނީ ރައްޔިތުންގެ ޙައްޤުތައް އަދާވެގެން ދިއުންކަމުގައެވެ. އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ޒިންމާދާރު، ޢަދުލުވެރި އަދި އިންސާފުވެރިގޮތެއްގައި ވެރިކަން ކުރެއްވުމަށް ކަމަށާ، ޢަދުލުވެރިވެވޭނީ އޭގެ އެންމެ ފުރިހަމަ މާނާގައި އެކަން ކުރަން އުޅެގެން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް