Advertisement

ދިގު މުއްދަތަކަށް ދައުލަތައް ޚިދުމަތް ކުރެއްވި 97 ބޭފުޅަކަށް ޝަރަފުގެ އިނާމު ދީފި

11 Nov 2025 | 14:44
ދައުލަތައް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝަރަފުގެ އިނާމު ދެއްވުން- ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ 97 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނައާއި ހަނދާނީ ލިޔުން ދީފިއެވެ.

 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަޔާއި ހަނދާނީ ލިޔުން ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

Advertisement

މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނެވެ.

އަދި މީގެ ކުރިން މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވި 94 ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރައްވާ އިނާމު ދީފައިވެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ނަމުގައި އިނާމު ދޭން ފެއްޓެވީ، 2021ވަނަ އަހަރުގައެވެ.

އެއީ، ވަރަށް ދިގު މުއްދަތަކަށް އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރައްވައިފައިވާ ގިނަ އަދަދެއްގެ ބޭފުޅުން އޭރުވެސް ތިއްބެވުމާއެކު، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.

Advertisement

ކޮމެންޓް