300 ކިލޯ ޑްރަގާއެކު އަތުލައިގަތް ލަންކާ މަޝްވެރިން އަނބުރާ އެ ޤައުމަށް ގެންދެވޭތޯ މަސައްކަތް ފަށައިފި
ދިވެހި އަސްކަރިއްޔާއިން ޑްރޯންގެ އެހީގައި އަތުލައިގަތް 300 ކިލޯގެ މަސްތުވާތަކެތި އުފުލި ސްރީ ލަންކާގެ ބޯޓުގައި ތިބި މަސްވެރިން އަނބުރާ އެ ޤައުމަށް ގެންދެވޭތޯ އެ ޤައުމުން މަސައްކަތް ފަށައިފިއެވެ.
ލަންކާގެ ބައެއް ނޫސްތަކަށް މަޢުލޫމާތުދެމުން އެ ޤައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު، އާނަންދަ ވިޖެޕަލަ ވިދާޅުވެފައިވަނީ އެކަމާއި ގުޅޭގޮތުން ރާއްޖޭގެ ޚާރިޖީ ވުޒާރާއާއި މަޝްވަރާ ފަށާފައިވާކަމަށާއި އެކަމާއިގުޅޭ ރަސްމީ ސިޓީބިޓީ މިހާރު ބަދަލުކުރެވިފައިވާނެ ކަމަށެވެ.
އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ބޯޓުގައި ތިބީ ނެގަމްބޯއަށް ނިސްބަތްވާ މަސްވެރިންނެވެ.
ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އެ ބޯޓު މާލެ ސަރަހައްދަށް ގެނެސް މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާއިރު އެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ލަންކާގެ ފުލުހުންގެ ނާކޮޓިކްސް ބިއުރޯގެ ވަފުދެއްވެސް މިހާރު ރާއްޖެ ފުރާފައިވާކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
އިއްޔެ ނޫން ކުރީ ދުވަހު ދިވެހި އަސްކަރިއްޔާއިން ބުނެފައިވަނީ ދިވެހި އަސްކަރިއްޔާގެ އެއާކޯރ ގެ ޑްރޯންގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޯޓެއް ހުއްޓުވައި ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ރޭގައި ލަންކާގެ ނޫސްތަކުން އެނގުނު ގޮތުގައި އެ ބޯޓުގައި ހުރިކަމަށްވަނީ ހެރޮއިނާއި މެތު (އައިސް) ހިމެނޭހެން 300 ކިލޯގެ ޑްރަގެވެ.
ރާއްޖޭގެ ރަސްމީ އިދާރާއަކުން އަދި އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.