Advertisement

"ދުޅަހެޔޮ-ދިރިއުޅުން އުފާވެރި މުޖުތަމައު" ކެމްޕެއިން ފެށުން- އިސްލާމްދީނުގައި ޙަލާލް ރަގަނޅު ކާބޯތަކެތި ކައިބޮއި އުޅުމަށް އަންގަވާފައިވޭ: މެޑަމް ސާޖިދާ

09 Nov 2025 | 09:42
ފޮޓޯ:ރައީސް އޮފީސް

ސަލާމަތް ޞިއްޙަތާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް އިސްލާމްދީން ވެސް ބާރުއަޅުއްވާކަމަށާއި، ޙަލާލު ރަނގަޅު ތަކެތި ކައިބޮއި އުޅުމަށް ކީރިތި ޤުރްއާނުގައި އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

 ސާޖިދާ މިހެން ވިދާޅުވީ ''ދުޅަހެޔޮ ދިރިއުޅުން އުފާވެރި މުޖުތަމަޢު'' ކެމްޕެއިން އިފްތިތާޙްކުރުމަށް މާލެ އަތޮޅު ގުރައިދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ، ކެއިންބުއިމުގެ ރަނގަޅު އާދަތަކާއި ހޭލުންތެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދޭއިރު، ކާބޯތަކެތި ވިއްކާ ތަންތަނުން ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާ ކާނާ ލިބެން ހުންނަންޖެހޭ ކަމަށެވެ.

އަދި ފުރިހަމަ މުސްލިމެއްގެ ދިރިއުޅުން ބިނާވެފައި އޮންނާނީ ހަރަކާތްތެރިކަމުގެ މައްޗަށްކަން ފާހަގަކުރައްވައި، މުސްލިމުންގެ މުރާލި ދިރިއުޅުމާއި ކެއިންބުއިމުގެ ހަރުދަނާ އާދަތަކުގެ ސަބަބުން ދިވެހި ޤައުމު ދުޅަހެޔޮ އުފާވެރި ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކާ ބެހޭ ގޮތުން މަޢުލޫމާތު ދޭއިރު، އެ ފަދަ އަމަލުތަކަށް މަގުފަހިވާ ގޮތަށް މުޖުތަމަޢުގައި ހުޅުވިފައިވާ ދޮރުތައް ބަންދުކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ހަރަކާތްތެރިކަމާއި ކަސްރަތުގެ މުހިންމުކަމުގެ މަޢުލޫމާތު ދޭއިރު، ދުވަހުގެ ތާވަލުން އެ ކަމަށް ވަގުތު ހުސްކުރެވެންޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ދިރިއުޅުމުގެ ނުރަނގަޅު އާދަތަކާއި ކެއިންބުއިމުގެ އާދަކާދަ ބެހެއްޓޭ ގޮތުން، ޞިއްޙަތަށް ލިބޭ ގެއްލުންތަކާ މެދު ހޭލުންތެރިކުރުމުގެ ޤައުމީ ޙަރަކާތެއްގެ މުހިންމުކަން ފާހަގަކުރައްވައި ސާޖިދާ ވިދާޅުވީ އެފަދަ ރަނގަޅު އާދަތައް ދަސްކޮށް، އެކަމަށް އަހުލުވެރިވުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިކަމަށެވެ.

ސާޖިދާ ވާހަކަފުޅު ނިންމަވާލެއްވީ، އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށްޓަކާ، މިއަދު މި ފެށުނު މުހިންމު ޤައުމީ ކެމްޕޭނުގައި ހުރިހާ ރައްޔިތުން ހިތާރޫޙުން ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވަމުންނެވެ.

ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިނަކީ އާންމު ޞިއްޙަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދިރިއުޅުގެ އާދަތަކާއި ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިކޮށް ރައްކާތެރިކުރުމަށް، ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ހިންގޭ ކެމްޕޭނެކެވެ.

"ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމަޢު" މި ޝިޢާރުގެ ދަށުން މި ކެމްޕެއިންގައި ކުޑަކުދިންނާ، ޒުވާނުންނާ، އަންހެނުންނާ އަދި ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށް ދުޅަހެޔޮކަން ކުރިއަރުވާ އެކަމުގައި މަޝްހޫލުވެ، ދެމެހެއްޓެނިވި އާއްމު ޞިއްޙަތާ ގުޅޭ ހަރަކާތްތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށް ވަނީ ނިންމާފައެވެ.

މިކެމްޕެއިންގެ މަސައްކަތާއި ހަރަކާތްތަކުން އާއްމު ޞިއްޙަތު ކުރިއެރުވުމަށް އެންމެ ރަގަޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި މަސައްކަތުގައި ދެމިހުރުމަށް ހިތްވަރު ދިނުމަށް ތިން އެވޯޑެއް ވަނީ ތަޢާރަފްކޮށްފައެވެ. އެއީ ކެމްޕެއިންގެ ޝިޢާރުގެ ދަށުން، ރަށު އެވޯޑް، ސްކޫލު އެވޯޑް އަދި ޖަމިއްޔާ އެވޯޑެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމާއި މިނިސްޓްރީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. 

Advertisement

ކޮމެންޓް