ސަރުކާރުން ޕްރޮޖެކްޓް އެވޯޑުކުރި ކޮންޓްރެކްޓަރުންނަށް އުސޫލުން ބޭރުން ފައިސާ ދޫކުރާކަމަށް ކުރާ ތުހުމަތު ބީއެމްއެލްއިން ދޮގުކޮށްފި
ސަރުކާރުން ޕްރޮޖެކްޓް އެވޯޑުކުރި ކޮންޓްރެކްޓަރުންނަށް އުސޫލުން ބޭރުން ފައިސާ ދޫކުރާކަމަށް ކުރާ ތުހުމަތުތައް ބޭންކް އޮފް މޯލްޑިވްސް އިން ދޮގުކޮށްފިއެވެ.
މިކަން އެ ބޭންކުން ދޮގުކޮށްފައިވަނީ މިއަދު އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައެވެ.
ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން މި ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް އެ ބޭންކުން ދޮގުކުރާކަމަށެވެ.
"ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސްއާއި މިނިވަންކަމާއެކުގައި، މިކަން ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވަރނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެ، ބޭންކުން ހިފަހައްޓަމުންދަނީ ބައިނަލްއަގުވާމީ ބޭންކިންގ ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތަކެއް" ބޭންކުން ބުނެފައިވެއެވެ.
އެގޮތުން ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި ވަނީ ރާއްޖޭގެ ބޭންކިންގ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމް.އެމް.އޭ އިން ކަނޑަ އަޅުއްވާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑަރޑް ތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑަރޑްތަކަށް ކަމަށާއި މީގެ އިތުރުން ބައިނަލްއަގުވާމީ އޮޑިޓް ފަރމްތައް ދަނީ ގަވައިދުން ބޭންކު އޮޑިޓްކުރަމުންނެވެ. އަދި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވޭކަމުގައި ބީއެމްއެލްއިން ބުނެފައިވެއެވެ.
ބޭންކުން ބުނެފައިވާގޮތުގައި އެ ބޭންކު ހިނގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށް އަދި ހިންގުމުގެ އެކިދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީ ތަކާއި އެއްގޮތަށް ބޯޑުން ނިންމަވާ ނިންމެވުމާއި ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ. މިގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާއި އެގޮތަށް ދޫކުރާ ލޯނުތަކެކެވެ. އެގޮތުން ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވަރ އެކްސްޕޯޝަރ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝަރ އަށްވެސް ބަލާނެއެވެ. ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލައެވެ. އަދި ލޯނު ދޭނީ އަންޑަރ ރައިޓިން އުސޫލާ އެއްގޮތަށެވެ. މިއީ ކޮންމެ ހާލަތެއްގައިވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލެވެ. ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެއެވެ. ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެއެވެ.
މީގެ އިތުރުން އެކި ދާއިރާތަކަށް ލޯނުދޫކުރެވޭނެ މިންގަޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅުއްވާފައިވެއެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި ސަރުކާރުން ގެރަންޓީދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނޭކަމަށް ބުނެފައިވެއެވެ.
"ބޭންކުގެ އުސޫލުތަކާއި ހަމަތައް އެކުލަވާލާފައިވާ ގޮތުން ވަކި މުވައްޒަފަކަށް ލޯނާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރެއް ނޯންނާނެ، އެކަން މިހާރު ހިނގަމުން ދަނީވެސް އަދި ކުރިޔަށް އޮތްތާގައި ހިނގަމުންދާނީވެސް ކުރިން ބަޔާންކުރި ފަދައިން ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ޕޮލިސީތަކާއި ބޭންކުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން" ބީއެމްއެލްއިން ބުނެފައިވެއެވެ.
މިއަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުށްފައިވެއެވެ. މިހާތަނަށް ބޭންކުން އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯންތަކުގައި ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ހުރި ޖުމްލަ އަދަދުތަކަކީ:
- ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ
- އަމިއްލަ ފަރުދުންނަށް – 5.34 ބިލިއަން ރުފިޔާ
- ޢިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް – 5.09 ބިލިއަން ރުފިޔާ
- ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް – 2.40 ބިލިއަން ރުފިޔާ
- ވިޔަފާރިތަކަށް – 1.04 ބިލިއަން ރުފިޔާ
- އެހެނިހެން ދާއިރާތައް – 1.11 ބިލިއަން ރުފިޔާ
މިއަދަދުތަކުން ހާމަވާ ގޮތުގައި ބޭންކުން ދަނީ އެކި ދާއިރާތަކަށް ބޭންކުގެ ރިސްކްތްރެޝްހޯލްޑް މިންގަނޑުގެ ތެރެއިން ލޯނު ދޫކުރަމުންނެވެ.
ބޭންކުން ފާހަގަކުރާގޮތުގައި ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ތަރައްގީއާއި މުޖުތަމައުގެ ކުރިއެރުމަށް ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭންކަކަށް ވީހިނދު، ގައުމީ ތަރައްގީގައި ގައުމީ ބޭންކުގެ ހިއްސާ ވަރަށް ބޮޑެވެ. އެހެނަސް އެ ބޭންކުން އަމަލުކުރަމުންދާނީ ބޭންކުގެ ޑިޕޮސިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމުކުރެވިފައިވާ ހަރުދަނާ ގަވަރނަންސް އުސޫލުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ.
މިހެންކަމުން އެބޭންކާ ގުޅޭ ގޮތުން އާންމުންނަށް ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާކަމަށާއި އަދި ކަމުގެ މަޢުލޫމާތު ރަގަޅަށް ނުހޯއްދަވާ، ބައެއް ފަރާތްތަކުން ވަކި މަގުސަދެއް ހާސިލްކުރުމަށްޓަކައި މި ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ޚިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި ބޭންކުން ބުނެފައިވެއެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށްވެސް ބޭންކުން އިލްތިމާސްކޮށްފައިވެއެވެ.