ޕީއެންސީ ބޮޑު އެއްވުމަށް އާއްމުންނަށް ދައުވަތު ދިނުމަށް ޚާއްޞަ ހަރަކާތެއް ފަށައިފި
މި މަހު 14 ވަނަ ދުވަހު ޕީއެންސީން ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ހަރަކާތަށް އާއްމުންނަށް ދައުވަތު ދިނުމުގެ ގޮތުން، ހާއްސަ ހަރަކާތެއް މިއަދު އެ ޕާޓީން ފަށައިފިއެވެ.
މިއަދު ހެނދުނު އެ ޕާޓީގެ ހަރުގޭގައި ހަރަކާތެއް ބާއްވާފައިވާއިރު، އެ ހަރަކާތަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދައުވަތު ދިނުން ފެށުމަށްޓަކައި ބޭއްވި ހާއްސަ ހަރަކާތެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވެއެވެ.
މީޑިއާ ތަކާއި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ޕީއެންސީގެ ވެރިކަމަށް ދެ އަހަރުވެގެން ދިޔަ އިރުވެސް ޕީއެންސީން ބޮޑު އެއްވުމެއް ބާއްވާފައިނުވާ ކަމަށާއި، ބޭއްވި އެއްވުމެއް ބާއްވާފައިވަނީ ޕާޓީގެ ހަރުގޭގައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެ ޕާޓީއަށާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބޮޑު އެއްވުމެއް ބޭއްވުމަށް އެދެމުން ދާކަމަށާއި، އެ ހަރަކާތުގައި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާނެ ކަމަށްވެސް ފަލާހު ވިދާޅުވެފައިވެއެވެ.
ޕީއެންސީގެ މި ހަރަކާތަށް ރަށްރަށުުން ވަރަށް ގިނަ އާއްމުން ބައިވެރިވާނެ ކަމަށައި، އެ ޖަލްސާގެ މައިގަނޑު މަގްސަދަކީ ރައީސްއާއި، ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ޕީއެންސީގެ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުން ކަމަށް ފަލާހު ވިދާޅުވިއެވެ.
ޕީއެންސީގެ މި ބޮޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުގައެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.