ރައްޔިތުންނަށް ވާނުވާ އެނގޭ - ރައްޔިތުން އެ ތިބީ ސަރުކާރާ އެކު: އަބްދުއްރަޙީމް
މި ސަރުކާރަށް ރައްޔިތުންގެ އިތުބާރާ ޔަގީންކަން އެބަ އޮތްކަމަށާއި، ރައްޔިތުން ތިބީ ސަރުކާރާ އެއްކޮޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މި މަހު 14 ވަނަ ދުވަހު ޕީއެންސީއިން ބާއްވާ ބޮޑު ޖަލްސާއަށް ތައްޔާރުވުމަށް މިއަދު އެ ޕާޓީން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޙާއްސަ ހަރަކާތުގައި ވާހަކަދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، މި ޖަލްސާއަށް ރައްޔިތުން އައީމަ ދެން އިތުރަށް އޮޅުން ފިލުވާކަށް ނުޖެހޭނެ ކަމަށެވެ. އަދި މި ޖަލްސާއަށް ރައްޔިތުން އެ އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ކޮށްދެއްވާފައިވާ ތަރައްގީއަށް ޝުކުރުވެރިވާތީ، ތާޢީދުކުރާތީ އަދި އެކަން ބަލައިގަންނާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީގެ މަޝްރޫތައް ބާރަށް ކުރިއަށްދާ ކަމަށާއި، ޕީއެންސީގެ ވެރިކަމެއްގައި ރައްޔިތުން ބޭނުންވާ ތަރައްގީއަށް ވާސިލްވެވޭނެ ކަމާއި، އެ ޔަގީންކަން ރައްޔިތުން ރައީސް ޑރ މުއިއްޒުއަށް ކުރައްވާކަން ކަށަވަރުކުރުމަށްޓަކައި އެ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެ ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.
"އެހެންވީމާ ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގި އޮޅުން ފިލުވާކަށެއް ނޫން. ރައްޔިތުން އެ އަންނަނީ އެމީހުންނަށް އެ ވާނުވާ އެނގޭތީ. އެކަން ހިނގާ މަގު އިނގޭތީ. މި ވެރިކަން ދާ މިސްރާބު ރަނގަޅު ކަމުގައި ގަބޫލުކުރެވޭތީ. އައު އުންމީދަކާއި އައު ރޫހަކާއި ދިރުމަކާއި އެކީގައި، އައު މުސްތަގުބަލަކަށް އުންމީދު ކޮށްގެން އެ އަންނަނީ. ޔަގީންކަން އެބައޮތް ޕީއެންސީގެ ސަރުކާރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެކީ އެމީހުން ބޭނުންވާ ތަރައްގީއަށް ވާސިލުވެވޭނެ ކަމުގެ. އެހެންވީމާ އެ ޔަގީންކަން އިތުރަށް ކަށަވަރުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ކަށަވަރުކޮށްދިނުމަށް އެމީހުން ތިބީ ޕީއެންސީގެ ސަރުކާރާއި އެކީގައިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެކީގައިކަން."
އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީ މި މަހުގެ 14 ވަނަ ދުވަހު ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.