30 މެގަވޮޓުގެ ކަރަންޓު ކެޕޭސިޓީ ޤާއިމްކުރުމުގެ ބޮޑު މަޝްރޫއެއް އައްޑޫ ސިޓީގައި ފަށަނީ
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 30 މެގަވޮޓުގެ ކަރަންޓު ކެޕޭސިޓީ ޤާއިމްކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެ ސިޓީގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތަފްސީލްވަނީ ހިއްސާކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެސިޓީގައި ކުރިއަށްގެންދަން ހަވާލުކޮށްފައިވާ ހުރިހާ މަޝްރޫޢުތަކަށްވެސް ބަޖެޓް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމަށް އެކި ފަހަރުމަތިން މަސައްކަތްކުރެއްވިކަމަށެވެ. އަދި މިހާތަނަށްވެސް 8 ޖެންސެޓް ފޮނުވައިގެންވެސް އެކަމަށް ހައްލެއް ލިބިފައިނުވާކަމަށެވެ.
އެގޮތުން މި މައްސަލަ ހައްލުކުރުމުގެ ގޮތުން ބޮޑު މަޝްރޫޢެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށާއި، 30 މެގަވޮޓުގެ ކަރަންޓު ކެޕޭސިޓީ ގާއިމްކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި އެކަމަށް އިދާރީ މަސައްކަތް ފަށްޓަވާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކުރިއަތް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަމުގެ މަސައްކަތް ކުރުމަށް ހަވާލުކުރައްވާނެކަމަށެވެ. އަދި ޖަނަރޭޓަރުތަކާއި އިންޖީނުގެ އަޕްގްރޭޑްކުރުމުގެ އިތުރަށް މިހާރު ހުރި ކެޕޭސިޓީގެ ތެރެއިން ރަނގަޅުކުރަން ޖެހޭ ކަންކަން ކުރައްވާނެނެކަމަށް އެމަނިކުފާނު ވިދާޅުވިއއެވެ.
30 މެގަވޮޓަށްވާ ވަރުގެ ކަރަންޓުގެ ކެޕޭސިޓީ ޤާއިމްކުރުމަކީ ސަރުކާރުން ކުރާނެކަމެއް. މަގުތަކުގެ މައްސަލަ ހައްލުކުރުމަށް މި މަސައްކަތް މިވަނީ ފަށާފައި. މިއީ އިޤްތިޞާދީ މަސައްކަތްކުރުމަށްވެސް އެޅިފައިވާ ހުރަހެއް. މަގުތައް ހެދުން ވެގެންދާނީ އިންވެސްޓްކުރާ ފަރާތްތަކާށާއި ކޮންމެ ދުވަހަކުވެސް މަގުތައް ބޭނުންވާ ފަރާތްތަކަށް މުހިއްމުކަމަކަށް. އިތުރު ފޭސްތަކަށް ބަހާލުމެއްނެތި މަގުތައް ހަދާނެ. ހުއްޓުމެއްނެތި އެ މަސައްކަތް ކުރިއަށް ދާނެ." ރައީސް ވިދާޅުވިއެވެ.