ބީއެމްއެލްއިން ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމް ގާއިމުކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް ބޭންކުގެ ޚިދުމަތް ފުޅާކޮށްފިއެވެ.
މި ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންފައިިވެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމަކީ ފުވައްމުލަކު ރައްޔިތުން ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި އޭޓީއެމްއާއެކު އެ ސިޓީގެ ފަރުދުންނާއި ވިޔަފާރިތަކަށްވެސް ބޭރު ފައިސާ ލިބުމަށް ފަސޭހަވެ، ފުވައްމުލަކުގެ އިގްތިސާދަށް އިތުރު ކުރިއެރުން ގެނެސްދޭނެ ކަމަށެވެ.
އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް
ބީއެމްއެލްއިން ބުނީ، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 260 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.