Advertisement

މުސާރަ އެއްހަމަކުރެވިގެން ދިއުމާ މެދު ކަންބޮޑުވުމެއް ނުބޭއްވެވުމަށް ރައީސް އެދިވަޑައިގެންފި

05 Nov 2025 | 09:31
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކުގައި - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އިޙްސާސްތަކާއި ވިންދު އެނގިވަޑައިގެންކަމަށާ، މުސާރަ އެއްހަމަކުރެވިގެން ދިޔަދިއުމާ މެދު ކަންބޮޑުވުމެއް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގަތީ، ފުވައްމުލައް ސިޓީއަށް ކުރަައްވަމުންދާ ދަތުރުފުޅުގައި އެ ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement

ހިނގަމުން މިދާ 2025 ވަނަ އަހަރަށް ކަނޑައެޅުއްވި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ މި ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއްހަމަ ކުރައްވާފައިވާއިރު، އެކަން ކުރެއްވީ ވަރަށް ބޮޑަށް ދިރާސާކުރައްވައިގެން ކަމަށާއި މުވައްޒަފުންގެ މުސާރަ ބޮޑުކުރެވުނީ ކުރިއަށް އޮތް ތަނުގައި ޙަޤީޤީ މާނާގައި އެކަމުގެ ފައިދާވާނެ ގޮތަށްކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވިއެވެ.

މި ބަދަލާއެކު މުވައްޒަފުންގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައި އޮތް އެއް ކަމަކީ އިތުރުގަޑީގެ މަސައްކަތު ވަގުތާ މެދު ކަން ފާހަގަކުރައްވަމުން ރައީސް ވަނީ، މުސާރަ އެއްހަމަކުރުމުގެ ތެރެއިން އެކަން ހަމަޖެހިފައިވާ ގޮތުގެ ޚުލާސާ މިސާލެއް، ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އަދި ވަކިވަކި ދާއިރާތަކުގައި ހުރި މިފަދަ ކަންބޮޑުވުންތައް، ޕޭ ކޮމިޝަނާ މަޝްވަރާކުރައްވައިގެން މުވައްޒަފުންނަށް ތަފްޞީލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިދާރާތަކުގެ އިސްވެރީންނަށް ގޮވާލައްވާފައެވެ.

ހަމަމިއާއެކު ކުރިމަތިވެދާނެ ޚާއްޞަ ޙާލަތްތަކުގައި ވަކިކަހަލަ ނިންމުންތަކެއް ނިންމެވުމުގެ ބާރު ޕޭ ކޮމިޝަނަށް ލިބިފައި އޮތްކަމަށްވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

ނޮވެންބަރު އެއް ވަނަ ދުވަހުން ފެށިގެން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބާކީ ހުރި ދާއިރާތަކުގެ މުވައްޒަފުންނަށްވެސް އަންނަ އަހަރުގެ ތެރޭގައި އެކަން ހަމަޖެހޭނެކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މުސާރަ އެއްހަމަކުރެވި، އެންމެ ދަށް އަސާސީ މުސާރައިގެ ގޮތުގައި 7000 ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، މިކަމުގެ ސަބަބުން މުވައްޒަފުގެ ޕެންޝަން ފަންޑަށްވެސް ހެޔޮ ބަދަލު އަންނާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވާފައިވެއެވެ.

މި ބަދަލާއި އެކު، ޕެންޝަން ފަންޑުގެ ބޭނުން ކުރުމަށްވެސް ލުއި ގޮތްތަކެއް ހައްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ޢަމަލުކުރަން ފެއްޓެވި ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން، ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމުގެ ގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ.

Advertisement

ކޮމެންޓް