Advertisement

ރޯދަ ހަދިޔާ ދިނުމަށް މަޢުލޫމާތު އެއްކުރަން ފަށައިފި

04 Nov 2025 | 12:10
މިދިޔަ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބެހީ މަސްދަޅު ކޭސް - ފައިލް ފޮޓޯ

އަންނަ ރަމަޟާން މަހަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތަށް ބޭނުންވާ ލިސްޓު އެކުލަވާލުމުގެ މަސައްކަތް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި ކައުންސިލްތައް ގުޅިގެން ފަށައިފިއެވެ.

ބައެއް ކައުންސިލްތަކުން މިހާރު ވަނީ ކައުންސިލުން ކަނޑައަޅާ ތާރީޚުތަކަށް މި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް އިޢުލާނުކޮށްފައެވެ.

Advertisement

ސަރުކާރުން ދޭ ރޯދަ ހަދިޔާ ދެނީ ގޭބިސީތަކުގެ އަދަދަށް ބެލުމަށްފަހުއެވެ.

އެގޮތުން އެއް ގެއެއްގައި ގިނަ ގޭބިސީތަކަށް ދިރިއުޅޭނަމަ، އެ ގޭބިސީތައް ވަކިވަކިން ރެޖިސްޓަރ ކުރަންޖެހޭނެއެވެ.

ހަދިޔާ ލިބޭ ލިސްޓް ތައްޔާރުކޮށް ވުޒާރާއަށް ހުށައަޅަން ޖެހެނީ ރަށު ކައުންސިލްތަކުންނެވެ. ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން ބުނީ މި ލިސްޓު ކަނޑައަޅާ، މިމަހު ވިހި ވަނަ ދުވަހުގެ ނިޔަލަށް ވުޒާރާއަށް ހުށައެޅުމަށް ކައުންސިލްތަކަށް މިހާރު އަންގާފައިވާނެކަމަށެވެ.

މީގެއިތުރުން  އަންނަ އަހަރަށް ރޯދަ ހަދިޔާގެ ގޮތުގައި ދޭނެ ބާވަތެއް ސަރުކާރުން އަދި އިޢުލާނު ކޮށްފައެއް ނުވެއެވެ.

ސަރުކާރުން މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި 111231 މަސް ދަޅު ކޭސް ބަހާފަވެއެވެ. ކޮންމެ ގެއަކަށް 48 ދަޅުގެ މަސްދަޅު ކޭސް ބަހާފަވާއިރު، އެކަމަށް 81 މިލިއަން ރުފިޔާ ހޭދަކޮށްފަވެއެވެ.

މިދިޔަ އަހަރު ވެސް މި ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް ހަނޑޫ އަދި ފުއް ބަސްތާއެއް ބަހާފައިވެއެވެ. އެގޮތުން 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ސަރުކާރުން މިދިޔަ އަހަރު ބަހާފައިވެއެވެ.

Advertisement

ކޮމެންޓް