އައްޑޫ މީދުއާއި ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުއްވުމަށް ރައީސް ނިންމަވައިފި
އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި، އައްޑުއަތޮޅު "މަރަދޫ" އާއި، އައްޑުއަތޮޅު "މަރަދޫފޭދޫ" އާއި، އައްޑުއަތޮޅު "ފޭދޫ" ކަމަށާއި، "އައްޑޫ" ގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 33/2025 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން އިޞްލާޙުކުރުން) މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައި ކަމަށެވެ.
އެގޮތުން މި އިޞްލާޙާއެކު، "އައްޑޫ ސިޓީ" އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ނިންމައި، "އައްޑޫ ސިޓީ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، "އައްޑޫ މީދޫ" ހިންގުމަށްޓަކައި، އައްޑުއަތޮޅު / ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، "އައްޑޫ ހުޅުދޫ" ހިންގުމަށް ޓަކައި، އައްޑުއަތޮޅު/ ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ވަނީ ނިންމަވާފައެވެ.
ރައީސް އޮފީހުން ބުނީ، މި އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ.
އަދި އެ އިންތިޚާބުގައި، އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވަނީ ކަނޑައަޅުއްވައިފައެވެ.