އެންމެ އެކުވެރި އިންޑިއާއިން ވެދެއްވި ދީލަތި އެހީތެރިކަމަށް ޝުކުރުވެރިވަން: އަބްދުﷲ ޝާހިދު
ނޮވެމްބަރު 3 ގައި ދިވެހި ސަރުކާރުން އެދި ވަޑައިގަތުމަށް އަވައްޓެރި އިންޑިއާގެ ސަރުކާރުން ވެދެއްވެވި އެހީތެރިކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.
ޝާހިދު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ސަރުކާރުގެ އެދި ވަޑައިގަތުމަށް އެންމެ އެކުވެރި އަވައްޓެރި އިންޑިއާގެ ސަރުކާރުންދެއްވި އަވަސް އިޖާބައަށާއި، ވެދެއްވި ދީލަތި އެހީތެރިކަމަށް އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އަދި ދިވެހި ސިފައިން ގައުމުގެ ދިފާއުގައި ދެއްކެވި ހިތްވަރާއި ކުރެއްވި އަގުހުރި ޖިހާދުގެ ހަނދާން އައުކޮށް އައްސަރިބަހާއި ސާބަސް ދަންނަވާކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޝަހީދު ހުސެއިން އާދަމް ދެއްކެވި ސާބިތުކަމާއި ހިތްވަރާއި ވެވަޑައިގެންވި މަތިވެރި ގުރުބާނީގެ ހަނދާން އަބަދުމެ އަބަދަށް ދިވެހި މި ބިމުގައި ތަކުރާރުވެ ޛިކްރާ ވެވެމުންދާނެކަމުގެ ޔަގީންކަމާއި އެކުގައި ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، އެ ނިރުބަވެރި ހަމަލާގައި ދިވެހި ރައްޔިތުން ދެއްކެވި އެއްބައިވަންތަކަމާއި އެކުވެރިކަމާއި، ހިތްވަރަށް ޝުކުރު އަދާކުރައްވާ ސާބަސް ދަންނަވާފައި ވެއެވެ.