ދުނިޔޭގެ ކާބޯތަކެތީގެ ދުވަހު ރައީސްގެ މެސެޖު: ދުންފަތާ ވޭޕާ ދުރުކުރުމުގެ ބޭނުމަކީ ގެއްލުންލިބޭ ކެއުންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލި ކުރުން
މިއަދަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގައެވެ.
ދުވަހުގެ މުނާބަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަނީ ދިވެހީންނަށް ދުވަހުގެ ތަޙުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.
އެ މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ ދުންފަތާއި ވޭޕްގެ ބާވަތްތަކާއި ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ ހަށިގަނޑަށް ގެއްލުންލިބޭ ކެއުންބުއިމުގެ އާދަތަކާއި ރައްޔިތުން ދުރުހެލިކުރުން ކަމަށެވެ.
"އެއާއެކު ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮ އަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަންވެސް ސަރުކާރުން މިދަނީ ޢަމަލީ ފިޔަވަޅުތަކެއް އަޅަމުން" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ ބަލިތަކާއި ދުރުހެލި، ދުޅަހެޔޮ މުޖުތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކަމަކީ ކެއުންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުން ކަމަށެވެ.
ޤައުމީ ފެންވަރުގައި މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނެކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.