ޣައްޒާ މަސްރަޙް: އަސީރުން ދޫކޮށްލައިފި ހައްޔަރީން މިނިވަންކޮށްފި – ދެން ކޮން ކަމެއް !
ޣައްޒާ މަސްރަޙްގައި ފާއިތުވި 24 ގަޑިއިރަށް ނަޒަރު ހިންގާލާއިރު ފެންނަނީ އުންމީދީ މަންޒަރުތަކެކެވެ.
07 އޮކްޓޯބަރު 2023 ގައި ހަމާސް އިން އިސްރާއީލަށް ވަދެގަނެ ހަމަލަތައް ދިނުމަށްފަހު އަސީރުންގެ ގޮތުގައި ގެންދިޔަ ފަރާތްތަކުގެ ތެރެއިން ދިރި ދުނިޔޭގައި ތިބި އެންމެ ފަހުގެ 20 އަސީރުން އިއްޔެ އިސްރާއީލާ ހަވާލުކުރިއެވެ. ބަދަލުގައި އިސްރާއީލުގެ ޖަލުތަކުން ފަލަޞްޠީނުގެ 1900 ހައްޔަރީން މިނިވަން ކުރިއެވެ.
އެއީ އެމެރިކާގެ ރައީސް ޓްރަމްޕް އެކުލަވައިލި ސުލްހައިގެ މަގުޗާޓުގެ ފުރަތަމަ މަރުޙަލާގައި ހަމާސް އާއި ޣައްޒާއިން އެއްބަސްވި ގޮތެވެ. އެއީ ހަނގުރާމަ ވަގުތުން ހުއްޓައިލުމާއި އިސްރާއީލުގެ ފައުޖުތައް ޣައްޒާ ބިމުން ކޮންމެވެސް ވަރަކަށް ފަހަތައްވެސް ޖެހޭގޮތަށް އޮތް ޑީލެކެވެ. ފުރަތަމަ މަރުޙަލާގެ ޑީލް ގާތްގަނޑަކަށްހެން ފުރިހަމަވެފައިވާއިރު ދެން އޮތީ އެންމެ އުނދަގޫ އެއް މަރުޙަލާއެވެ.
އެ މަރުޙަލާއަކީ އިންސާނީ އަވަސް އެހީއަށް ފުޅާގޮތެއްގައި ދޮރުތައް ހުޅުވައިލުމާއި އިސްރާއީލު ސިފައިން ޣައްޒާ ބިމުން އެކުގައި ފޭބުމާއި ހަމާސް އިން ހަތިޔާރު ބެހެއްޓުމާއި ޣައްޒާ ހިންގުމުގެ އިދާރީ ބާރު ހަމާސްއިން ދޫކޮށްލުމެވެ.
ނަމަވެސް މިހާ ހަމައިން ބޮޑެތި މައްސަލަތަކެއް ދިމާވެ ދެ ފަރާތުންވެސް ގޮތް ދޫނުކޮށްފާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެހެންނަމަވެސް މިސްރުގައި އެމެރިކާގެ ރައީސް އާއި އަރަބި ލީޑަރުންވެސް ހިމެނޭހެން ކުރިއަށްގެންދަން ތައްޔާރުވަމުން އަންނަ ޣައްޒާ ސުލްހައިގެ ސަމިޓުގެ ތެރެއިން އެ ކަންކަމަށް ހައްލު ލިބި ދިގުދެމިގެންދާ ސުލްހައައަކަށް މިފަހަރު ގެންދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ދެކެއެވެ.
ޓްރަމްޕްގެ އެ މަގުޗާޓުގައިވާގޮތުން އިސްރާއީލު ފައުޖުތައް ޣައްޒާ ބިމުން އެކުގައި ފައިބަން ޖެހެއެވެ. ހަމާސް އިން ހަތިޔާރުގެ ބާރާއި އިދާރީ ގޮތުން ޣައްޒާ ހިންގުމުގެ ބާރު ދޫކޮށްލަން ޖެހެއެވެ.
އެ މަގުޗާޓުގައިވާގޮތުން އެހާހަމައިން ޢައްޒާގެ އަމަން ބަލަހައްޓާނީ އަރަބި ޤައުމުތަކުން އެކުލަވައިލާ ގުޅިފައިވާ އަސްކަރީ ފައުޖަކުންނެވެ.