ގެދޮރު ގަތުމަށް ބީއެމްއެލްއިން ދޫކުރާ ފައިނޭންސިންގެ އިކުއިޓީ ފަސް ޕަސެންޓަށް ދަށްކޮށްފި
ބޭންކް އޮފް މޯލްޑިވްސްއިން ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ މިންވަރު ފަސް ޕަސެންޓަށް ދަށްކޮށްފިއެވެ.
މިއީ ކުރިން ގެދޮރު ގަތުމަށް ދޫކުރާ ލޯނާއި ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި 20 ޕަސެންޓުން ފެށިގެން ކަނޑައަޅާފައިވާ ނިސްބަތަށް ގެނައި ހެޔޮ ބަދަލެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ދިވެހި އާއިލާތަކަށް ގެދޮރުވެރިކަން ހޯދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެޔޮ ބަދަލުތައް ގެންނަމުން އަންނަ ކަމަށެވެ.
"ގެދޮރު ގަތުމަށް ފައިނޭންސިންގ ދޫކުރުމުގައި އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ ނިސްބަތް އެންމެ ފަސް ޕަސެންޓަށް ދަށްކުރުމާއެކު ގެދޮރުވެރިވާން ބޭނުންވާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު މާލީ އެއް ގޮންޖެހުމަށް ހައްލެއް ލިބިގެންދާނެ" ޝަރީފް ވިދާޅުވިއެވެ.
މި އައި ބަދަލުގެ މިސާލެއް ދެއްވަމުން ސީއީއޯ އަދި އެމްޑީ ވިދާޅުވީ 3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަންނަން ބޭނުންވާ ފަރާތަކުން ކުރިން %20 ގެ އިކުއިޓީގެ ގޮތުގައި 700,000 ރުފިޔާ ހޯދަން ޖެހުނު ނަމަވެސް، މި ބަދަލާއެކު އެ އަދަދު 175,000 ރުފިޔާއަށް ދަށްވެގެންގޮސްފައިވާކަމަށެވެ.
ދާދި ފަހުން ބޭންކުން ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ލޯނުގެ އަދަދު ތިން މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ.