މުސާރަ ބޮޑު ނުވާ ސިވިލް ސާވަންޓުންނާއި ޖުޑީޝަރީ އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރުން ފެށިގެން ބޮޑުވާނެކަން އިޢުލާނުކުރައްވައިފި
ޕޭ ހާމަނައިޒޭޝަންގެ ދަށުން މިހާތަނަށް މުސާރަ ބޮޑު ނުވާ ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ނޮވެމްބަރ އެކަކުން ފެށިގެން ބޮޑުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.
ރައީސް މިކަން އިޢުލާނުކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
"ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު އެކެއް ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށްވާނީ ދަންނަވާފައި ކަމަށާއި އަދި ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށެވެ.