އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ތ ގައި ރައީސް ފައްޓަވައިދެއްވައިފި
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ޚިދުމަތް ޒޯން ހަތަރެއްގެ ތ. އަތޮޅުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސައުދީ އާއި، އަތޮޅު ކައުންސިލްގެ ރައީސް އާއި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން، އަދި ސަރުކާރުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.
ޒޯން 4 ގެ ތ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރި ޚިދުމަތް ހަފުތާއަކު ހަ ދުވަހު، އާރް.ޓީ.އެލް ބްރޭންޑްގެ 2 ސްޕީޑް ފެރީ މެދުވެރިކޮށް، 5 ރޫޓަކުން ލިބިވަޑައިގަންނަވާނެ ކަމަށާއި އާރް.ޓީ.އެލް ފެރީ ޚިދުމަތުގެ ޝެޑިއުލް އާރް.ޓީ.އެލް ވެބްސައިޓް އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް އެމް.ޓީ.ސީ.ސީ އިން ބުނެއެވެ.
ތ. އަތޮޅުގައި އާރް.ޓީއެ.އެލް ފެރީގެ ޚިދުމަތް ފެށިގެން ދިއުމާއެކު، މި އަތޮޅުގެ ރައްޔިތުންނަށް އިޤްތިސޯދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، އަތޮޅުގައި ދަތުރުފަތުރުގެ އިންޤިލާބީ އާ ބާބެއް ފެށޭނެ ކަމުގައި އެމް.ޓީ.ސީ.ސީ އިން ޤަބޫލު ކުރެއެވެ.
އާރް.ޓީ.އެލް ފެރީތަކަކީ ޖުމުލަ 50 ފަސިންޖަރުންނަށް އަރާމުމަކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެއް، އާރް.ޓީ.އެލް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރީންނަކީ މި މަސައްކަތަށް ބޭނުންވާ ތަމްރީނުތައް ފުރިހަމަކޮށްފައިވާ މުވައްޒަފުން، މި އުޅަނދުތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ވީލްޗެއާ ޖާގަ އާއި ސްޓްރެޗާ އަށް ޚާއްޞަ ޖާގަވެސް ހުންނާނެ
އެމް.ޓީ.ސީ.ސީ އިން ބުނެފައިވެއެވެ.
އާރް.ޓީ.އެލް ޚިދުމަތް ތ. އަތޮޅުގައި ފެށުމަށްފަހު ޖުމުލަ 12 އަތޮޅެއްގައި މިހާރު މި ޚިދުމަތް މި އަންނަނީ ދެމުންނެވެ. އެއީ، ޒޯން 1 ގެ ހއ. ހދ. ށ އާއި ޒޯން 2 ގެ ނ. ރ. ބ. ޅ އާއި ޒޯން 4 ގެ ތ. އާއި ޒޯން 5 ގެ ގދ. ގދ އަދި ޒޯން 6 ގެ ޏ، ސ. އަތޮޅެވެ. ހަމައެހެންމެ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ލަފާގެ މަތީން ބާކީ 8 އަތޮޅުގައިވެސް އާރް.ޓީ.އެލް ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެމް.ޓީ.ސީ.ސީ އިން ބުނެއެވެ.