Advertisement

ކެޔޮދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

20 Sep 2025 | 11:56
ރައީސް ކެޔޮދޫގައި - ފޮޓޯ: ރައީސް އޮފީސް

ވ. ކެޔޮދޫގެ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement

މިއީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަން ފާހަގަކުރައްވައި، ވިދާޅުވީ ކެޔޮދޫގެ ތަރައްޤީއާއި ކުރިއެރުމަށް ބިމުގެޖާގަ ބޭނުންވާތީ ބިންހިއްކަންޖެހޭކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން، އަހަރުގެ ކުރީކޮޅު އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ނިންމަވާފައިވާކަމަށެވެ.

ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި، ކެޔޮދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ޤާއިމްކުރުމުގެ އެއްބަސްވުމާއި ކެޔޮދޫގައި ހަތަރު ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

މި މަޝަރޫޢުތަކަށް އިޝާރާތްކުރައްވައި ވިދާޅުވީ އަލަށް ޤާއިމުކުރައްވާ ޞިއްޙީ މަރުކަޒުގައި ވަސީލަތްތައް އިތުރުވާނެކަމަށާއި އެތަން ނިމޭއިރު ވިހި އެނދު ހުންނާނެކަމަށެވެ. ސްކޫލްގެ މަސައްކަތް ނިމޭއިރު ޖާގައާއި ހޯލާއި އެހެނިހެން ވަސީލަތްތައް ފުރިހަމަވާނެކަމަށް ވިދާޅުވިއެވެ. ހަތަރު ބުރީގެ ސްކޫލްގެ މަސައްކަތް ނިމުމުގެ ކުރިން މިހާރު ހުރި ސްކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކޮށް، ކްލާސްރޫމް އޭސީ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ކެޔޮދޫ އަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ކެޔޮދޫގައި ވެސް ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކެޔޮދޫއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން، މިއަދު އެރަށު ކައުންސިލް އިދާރާގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.

Advertisement

ކޮމެންޓް