ޖުޑީޝަރީއަށް މާލީ މިނިވަންކަން ލިބިގެންދާނޭފަދަ ބޮޑު ނިންމުމެއް ކެބިނެޓުން ވާނީ ނިންމާފައި: ރައީސް މުޢިއްޒު
ޖުޑީޝަރީގެ މާލީ މިނިވަންކަން ލިބިގެންދާނޭފަދަ ބޮޑު ނިންމުމެއް ކެބިނެޓުގައި އިއްޔެ ނިންމާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ޖުޑިޝަރީ މިނިވަންކަމާއެކު ފަންކްޝަންކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށްވާއިރު އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މިއަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބިގެންދާނޭ ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާ ކޮށް އިއްޔެ ވަނީ ނިންމާފައި ކަމަށެވެ.
"އެގޮތުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށްވަނީ ނިންމާފައި" ރައީސް ވިދާޅުވެފައިވެއެވެ.
އަދި އެގޮތުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށްވެސް ނިންމާފައިވާކަމަށާއި މިކަމަށްޓަކާ ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރުވަނީ ފަށާފައިކަމުގައި ރައީސް ވިދާޅުވިއެވެ.