Advertisement

ޑަބްލިއުއެފްޕީގެ ވެރިޔާ ޣައްޒާއަށް ގޮސް ހައިހޫނުކަން ލޮލުން ދެކެ އެކަން އިޢުލާނުކުރުމުންވެސް ނަތަންޔާހޫ ބުނަނީ އެއީ ޕްރޮޕެގަންޑާކަމަށް

29 Aug 2025 | 23:30
ޣައްޒާ ހާލަތު -

އދ ގެ ކާބޯތަކެއްޗާއިބެހޭ ބޮޑީ، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ ވެރިޔާ ސިންޑީ މެކެއިން ޣައްޒާއަށް ގޮސް ޣައްޒާގެ ހާލަތު ލޮލުން ބެލުމަށްފަހު ޣައްޒާގައި ބަނޑުހައި ހޫނުކަން އިންތިހާ ދަރަޖައަށް ފެތުރެމުން އަންނަކަން އިޢުލާނުކުރުމުންވެސް އެކަން ޤަބޫލުކުރަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހަދައިފިއެވެ.

ބުދަ ދުވަހު ޣައްޒާގައި ހޭދަކުރުމަށްފަހު ސިންޑީ މެކެއިން ބުނެފައިވަނީ ޣައްޒާގެ އެންމެ ބޮޑު ސިޓީކަމުގައިވާ ޣައްޒާ ސިޓީގައި ބަނޑުހައިހޫނުކަން ފެތުރިފައިވާކަމަށާއި އަވަސް އެހީ ނުލިބޭނަމަ މުޅި ޣައްޒާއަށް ބަނޑުހައިހޫނުކަން ފެތުރިގެންދިއުމުގެ ބިރު އިންތިހާއަށް ބޮޑު ކަމަށެވެ.

Advertisement

އެއަށްފަހު ސިންޑީ ވަނީ އެ ހާލަތާއި ގުޅޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރާވެސް ވާހަކަދައްކާފައެވެ. ނަމަވެސް ނަތަންޔާހޫ ބުނެފައިވަނީ ބަނޑުހައިހޫނުކަމުގައި ޣައްޒާއިން މީހުން ބަނޑަށް މަރުވާ ވާހަކައަކީ ހަމާސް އިން ފަތުރާ ޕްރޮޕެގަންޑާއެއް ކަމަށެވެ.

ޑަބްލިއުއެފްޕީގެ ވެރިޔާ އެކަން އިޢުލާނުކުރުމުން އިސްރާއީލަށް މިހާރު އޮތް ޕްރެޝަރު އިތުރުވެފައިވީނަމަވެސް ހަމަލަތައް 60 ދުވަހަށް މެދުކަނޑާލުމަށް މިހާރު އޮތް ޕްރޮޕޯޒަލަށް އިސްރާއީލުން އަދިވެސް ވަކި އެއްޗެއް ނުބުނެއެވެ.

އިސްރާއީލުން ބުނަނީ ދުވާލެއްގެ މައްޗަށް މިހާރުވެސް 300އެއްހާ އެހީގެ ލޮރީ އެތެރެވަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެހީދޭ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބުނަނީ އިސްރާއީލުން އެ ހާމަކުރާ ޢަދަދުތަކުގައިވެސް އޮޅުވާލުން ބޮޑު ކަމަށާއި ޣައްޒާގެ އެތެރޭގެ ހާލަތު އިންތިޙާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި އިތުރު ޒަރޫރީ އެހީ ނުލިބޭނަމަ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ.

ޣައްޒާ މަސްރަޙުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފާހަގަކޮށްލެވޭ އިތުރު ބައެއް ޚަބަރުތަކަށް ބަލައިލާއިރު އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށްބުނެ އދ ގެ 500 އަށްވުރެ ގިނަ އޮފިޝަލުން ސިޓީއެއްގައި ސޮއިކުރިކުރުން ފާހަގަކޮށްލެވެއެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ބަނޑުހައި ހޫނުކަމުގައި ބަނޑަށް ދިހަ މީހަކު މަރުވެފައިވާއިރު އޭގެތެރޭގައި ކުޑަ ދެ ކުއްޖަކު ހިމެނޭކަންވެސް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިންގެ ހަމަލަތަކުގައި ސަހީދުވި ޣައްޒާގެ ރައްޔިތުންގެ އަދަދު 76 އަށް އަރާފައިވެއެވެ.

ޖުމުލަ އަދަދުތަކަށް ބަލައިލާއިރު އޮކްޓޯބަރު 7 2023 އިން ފެށިގެން ބަލާނަމަ ބަނޑަށް މަރުވި އަދަދު 313 އަށްވަނީ އަރާފައެވެ. އޭގެ ތެރެއިން 119 އަކީ ކުޑަކުދިންނެވެ. ހަމަލަތަކުގައި ސަހީދުވި ޖުމުލަ އަދަދު 63 ހާހުން މައްޗަށް ގޮސްފައިވެއެވެ.

Advertisement

ކޮމެންޓް