" މިފޮތްތައް މިތަނުން ނުނަގާތި.." އެނޯޓުކޮޅުގައި މިހެން ލިޔެފައިވެއެވެ. ގަސްދުގައި އާކިން އޭނާއަށް ޖެއްސުމަށް ކުރިކަމެއްކަން ރޫބީއަށް އެނގުނެވެ. ކުއްލިއަކަށް ރޫބީގެ ސިކުނޑިއަށް އައި މޮޅު ހިޔާލާއެކު އެގޮތަށް ކަންތައް ކުރުމަށް އަވަސްވެގަތެވެ.
ސޯފާމަތީގައި އޮތް ބާލީސް ހިފައިގެން ރޫބީ އެނދަށް އެރިއެވެ. އާކިންއަށް ބަލާލާފައި ވައްތަރެއް ޖައްސައިލުމަށްފަހު އެނދުގައި ހަށިގަނޑު ދަމައިލިއެވެ. ދުވަސްތަކަކަށްފަހު އެނދުގެ މަޑުތަންމަތީގައި ހަށިގަނޑު ޖެހުމާއެކު ރޫބީއަށް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ނަމަވެސް ހަމަ އެހިނދުން ހިތަށް އައިސް ވަން ކަމަކުން މުޅި ހިތް ނުތަނަވަސް ކުރުވައިފިއެވެ. މިއަދު އަމްރާއާ އެކު ގެއަށް އައި މަގުމަތީގައި އެފެނުނީ ހަމަ ސައިފް ހެއްޔެވެ؟ ނަމަވެސް އެހެންވާނީ ކިހިނެއް ހެއްޔެވެ؟ ސައިފް ދިޔައީ ތިންމަހުގެ ޓްރެއިނިންގް އަކަށެވެ. އެޓްރެއިނިންގެ ފުރިހަމަ ނުކުރިއްޔާ ސައިފަށް ވަޒީފާ ގެއްލޭނެއެވެ. އެފަދަ ކަމެއް ސައިފް ކޮށްފާނެ ހެއްޔެވެ؟
*******************
ފަތިސް ނަމާދު ބަންގީގެ އަޑަށް އާކިން ނިދިބަރުވެފައިވާ ދެލޯ މަޑުމަޑުން ހުޅުވައިލިއެވެ. މޯޅިއަކަށް ދެމިލިތަނުން ފެނުނު މަންޒަރުން އާކިންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އޭނާއަށް ފުރަގަސްދީގެން އަރާމު ނިންޖެއްގައި ރޫބީ ނިދާލާފައި އޮތެވެ. ކުރުގެޅިގެން އޮތް ގޮތުން އެއޮތީ ހީކަރުވާފައިކަންވެސް އެނގުނެވެ. ނަމަވެސް އެކަމުން އާކިންގެ ހިތަށް ކުޑަވެސް އަސަރެއް ކުރިހެން ހިޔެއް ނުވެއެވެ. އައިސްފައިވާ ރުޅީގެ ސަބަބުން ވިސްނައިނުލައި ކުއްލި ހަރަކާތަކާއެކު ރޫބީގެ އުނަގަނޑުގައި ފައިން އަޅާ ކޮއްޕައިލިއެވެ. އެހިނދު ބާރުމިނުގައި ރޫބީ އެނދުން ތިރިއަށް ވެއްޓުނެވެ. މަޑު ހަޅޭކެއްގެ އަޑު ރޫބީގެ އަނގައިން ނިކުތީ ލިބުނު ސިހުމުންނާއި ވީތަދުންނެވެ. ކޮޓަރީގެ ލައިޓް ދިއްލައިލުމަށްފަހު އާކިން ރޫބީ ކައިރިއަށް ޖެހިލިއެވެ. ޓައިލްސްތައް މަތީގައި އުނގަނޑުގައި އަތްއަޅައިގެން އޮތް ރޫބީގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ވޭނެވެ. ރޫބީ ނަގާކަށް އާކިން ގަސްދެއް ނުކުރިއެވެ. ބަދަލުގައި އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.
" ހުރި ލަދުހަޔާތް ކުޑަކަން ބަލާބަލަ.. ކަލެއަކާ ނުޖެހޭނެ އަހަރެންގެ ހުއްދަނެތި އަހަރެންގެ އެނދުގައި އޮންނާކަށް.. އަހަރެންގެ މިއެނދުން ޖާގަ އޮތީ އެންމެ އަންހެނަކަށް.. އެއީ އަހަރެންގެ ނަޖް... " އާކިން ރުޅިއައިސްފައި ބުނެލިއެވެ. ވެފައިވާ ތަދާއެކު އެނދުގެ އެހީ ހޯދަމުން ރޫބީ ތެދުވިއެވެ. އޭނާ އާކިން ބަލައިލީ ރުޅިއާއި ޝަކުވާ އެކުލެވިފައިވާ ނަޒަރަކުންނެވެ.
" އާކިން އާ ޖެހޭތަ އަހަރެން ނިދާ ތަނުގައި ފޮތްތައް ބަހައްޓަން.. އަހަރެން މިއެނދުގައި ނިދަންޖެހުނީ ނިދާނެ އިތުރު ތަނެއް ނެތިގެން.. " ތުރުތުރުއަޅާ އަޑަކުން ރޫބީ ބުންޏެވެ. އޭރުވެސް އޭނާ ހުރީ އުނަގަނޑުގައި ހިފަހައްޓައިލައިގެންނެވެ.
" ނިދާނެ ތަނެއް ނެތިއްޔާ މިޓައިލްސްތައް ހުންނާނެއްނު.. ނޫނީ މިކޮޓަރިން ނިކުމެގެން ދިޔަނަމަ..." ރޫބީއަށް ފުރަގަސްދެމުން އާކިން ބުނެލިއެވެ. " މިހާރު ހުންނާނީ ހޭއަރާފަ.."
" ތީ ކިހާވަރެއްގެ ކާކުކަން މިހާރު ވަރަށް ރަނގަޅަށް އެނގިއްޖެ.. ތިކަހަލަ ރަހުމެއް ޙަމްދަރުދީއެއް ނެތް ފިރިހެނަކާ އަހަރެންގެ ނަޖޫ ކައިވެނި ނުކުރިކަން ނަސީބު.. ކޮންމެގޮތެއްވިޔަސް އަންހެނަކަށް އަނިޔާވެރިވާނީ ފިރިހެނުންގެ ސިފައިގައި ތިބޭ ރަނޑުން.. އެންމެ އަންހެނަކަށް އަނިޔާ ކުރި މީހެއް ދެވަނަ އަންހެނަކަށް އަނިޔާކުރާކަށް ފަހެއް ނުޖެހޭނެ.. ތީ ބޮޑު ރަނޑެއް.. ފިނޑިއެއް.." އައި ރުޅީގައި ރޫބީ ކިޔައިލިއެވެ. އާކިން އިތުރުބަހެއް ނުބުނެ އެތަނުން ނިކުމެގެން ދިޔައެވެ.
ރޫބީއަށް ރޮވުނީ ވެފައިވާ ތަދާއި ހިތަށް ކުރި ފުންއަސަރުންނެވެ. އެނދުގައި ލެގިލައިގެން އެތައް އިރަކު ރޯން އިނުމަށްފަހު ރޫބީ ގަޑިއަށް ބަލައިލިއެވެ. އިރުއަރަން މާގިނައިރެއް ނެތްކަން އެނގުމުން އިންތަނުން ތެދުވެގެން ފާހާނާއާ ދިމާލަށް ހިނގައިގަތެވެ. އުނަގަނޑަށް ވެފައި ހުރި ތަދުން ރޫބީ ހިނގާއިރު ފާޑެއްގެ އުނިގޮތެއް ހުއްޓެވެ. ފެންވަރައިގެން ނިކުމެ ފަތިސް ނަމާދަށް އެރިއެވެ. ނަމާދުކުރަމުން ދިޔައިރުވެސް ރޫބީއަށް ރޮވެއެވެ. ނަމާދަށްފަހު ﷲ ތަޢާލާގެ ހަޝްރަތުގައި ދުޢާ ދަންނަވަމުން ދިޔައީ އޭނާގެ ކަންތައްތައް އޭނާއަށް ފަސޭހަ ކޮށްދެއްވުމަށް އެދިއެވެ.
****************
މިސްކިތުން ފައިބައިގެން ގެއާ ދިމާލަށް ހިނގަމުން ދިޔަ އާކިންގެ މޫނުމަތިން ފެންނަމުން ދިޔައީ މޮޅިވެރިކަމެވެ. ރޫބީދެކެ ކިތަންމެ ރުޅިއައި ނަމަވެސް އޭނާއާ ދޭތެރޭގައި ކަންތައް ކުރެވުނު ގޮތުން އާކިން ދެރަވެއްޖެއެވެ. އެއްވެސް އަންހެނަކާ ދޭތެރޭގައި އަނިޔާވެރިވުމަކީ އާކިން ދުވަހަކު ކުރަން ހިތަށްވެސް އަރާ ކަމެއް ނޫނެވެ. އޭނާގެ މައިންބަފައިން އޭނާއަށް ދީފައިވަނީ އެއަށްވުރެ މަތިވެރި ތަރުބިއްޔަތެކެވެ. ނަމަވެސް މިއަދު އައި ރުޅީގައި ވިސްނައިނުލައި ކުރެވުނު ކަމަކުން އާކިން މުޅިން މާޔޫސްވެއްޖެއެވެ. އެކަމުގައިވެސް އާކިންއަށް ކުށްވެރިކުރެވުނީ ރޫބީއެވެ. އޭނާގެ އުޅުމަށް މިހާ ބޮޑު ބަދަލުތަކެއް އަންނަން ޖެހުނީ ރޫބީގެ ސަބަބުންނެވެ. ރޫބީގެ ސަބަބުން ނަޖުވާގެ ލޯބި އުމުރަށް ގެއްލުނީއެވެ. މިއަދާ ހަމައަށްވެސް ނަޖުވާ ވީތަނެއް ކުރާކަމެއް އޭނާއަކަށް ނޭނގެއެވެ. ނަޖުވާއަށް ގުޅަންވެސް އެތައް ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް އާނޭގެ އެހާ ހިތްވަރެއް ނެތެވެ. ނަޖުވާއަށް އެހާ ބޮޑު ދެރައެއް ދިނުމަށްފަހު އޭނާ ނަޖުވާއަށް ގުޅާނީވެސް ކޮން މޫނަކައިގެން ހެއްޔެވެ.
ގެއަށް ވަންގޮތަށް އާކިން މިސްރާބުޖެހީ ލައިބްރަރީއާ ދިމާލަށެވެ. އެމަންޒަރު ބަދިގޭގައި ކޮފީއެއް ތައްޔާރުކުރަން އުޅުނު ރޫބީއަށް ފެނުނެވެ. ސިޑިން ފައިބައިގެން އައި އަމްރާ ހުރީ ދުވަން ދާން ތައްޔާރުވެގެންނެވެ. ރޫބީއަށް ގޮވާލާފައި އާކިން ކޮބައިތޯ ސުވާލުކުރިއެވެ. ލައިބްރަރީގައޭ ބުނުމުން އަމްރާ ކުޑަކޮށް ހައިރާންވިއެވެ. މިފަދަ ވަގުތެއްގައި އާކިން އެތަނަށް ވަނީމައެވެ. ރޫބީވެސް އަމްރާ އާ ނަޒަރުވަކިކޮށްލަމުން ކޮފީތަށިން ކޯވަރެއް ބޯލިއެވެ. ރޫބީގެ މޫނުމަތިން ފެނުނު މަންޒަރުން އެދެމެދުގައި ކޮންމެވެސް މައްސަލައެއް ޖެހުނީ ކަމުގައި އަމްރާއަށް ޤަބޫލުކުރެވުނެވެ. އާކިންއަށް ގޮވުމެއް ނެތި އެކަނި ދުވަން ދިޔައީ މައްސަލަ ހައްލުކުރުމަށް ވަގުތު ދިނުމަށެވެ.
އާކިންއަށް ހެނދުނުގެ ސައި ރޫބީ ތައްޔާރު ކުރުމުން ގެންގޮސް ދިނީ ނާބީއެވެ. ނަމަވެސް އާކިން އެދުނީ އޭނާ ފެންވަރައި ނިމޭހާއިރުކޮށްފައި ސައި ކޮޓަރިއަށް ފޮނުވައިދިނުމަށެވެ. އާކިން ކޮޓަރިށް ވަންނަން ދިޔައިރު އޭނާގެ ކުރިމަތިން ރޫބީ ގޮސް ކޮޓަރިއަށް ވަންނަނީއެވެ. އެހިނދު ރޫބީގެ ހިނގުމުގައި ގޮތެއް ހުރިކަން އާކިންއަށް ފާހަގަވިއެވެ. ރޫބީ އުނަގަނޑުގައި އަތްއަޅައިލި ގޮތުން އަދިވެސް ރޫބީގެ އުނގަނޑުގައި ރިއްސަނީކަން އާކިންއަށް އެނގުނެވެ. އަނެއްކާވެސް އަމިއްލަ ކުށް އާކިންއަށް އިހުސާސް ކުރެވެން ފެށުނެވެ. އާކިންއަށް ކޮޓަރިއަށް ވަދެވެނުއިރު ފޮތްތައް އެއްކައިރި ކޮށްލާފައި ރޫބީ ސޯފާގައި އިށީންނަނީއެވެ. އާކިން ފެނުމުން އޭނާއަށް ނަޒަރެއް ދިނުމަށްފަހު ރޫބީ ފޯނާ ކުޅެން ފެށިއެވެ.
އެންމެ ފުރަތަމަ ކަމަކަށް އާކިން ގޮސް ސޯފާ މަތީގައި ބަހައްޓާފައިވާ ފޮތްތައް ނަގާ ޑްރެސިންގ ޓޭބަލް މަތީގައި ބެހެއްޓިއެވެ. އެއަށްފަހު ރޫބީއަށް ތައްޔާރުވުމަށް އެންގިއެވެ.
" ކީއްކުރަން؟" ރޫބީ ރުންކުރު ރާގެއްގައި އަހައިލިއެވެ.
" ކަލެއަށް ތަދުވީ އަހަރެންގެ ސަބަބުން.. މީހުންނަށް އަނިޔާވެރި ވުމަކީ އަހަރެންގެ މައިންބަފައިން އަހަރެންނަށް ދަސްކޮށްދިން ކަމެއް ނޫން.. އަނިޔާވީ އަހަރެން އަތުން އެހެންވީމަ ތިކަމުގެ ފުރިހަމަ ޒިންމާވެސް ނަގާނީ އަހަރެން.. ތައްޔާރުވޭ އަހަރެންނާއެކު ހޮސްޕިޓަލަށް ދާން.." އަމުރުވެރި ރާގަކަށް އާކިން ބުންޏެވެ.
" އަނިޔާވީޢެއް ނޫނެއްނު ގަސްދުގަ އަނިޔާކުރީއެއްނު.." މަލާމާތުގެ ގޮތަކަށް ހީނލަމުން ރޫބީ ބުންޏެވެ. " ނޯ ތޭންކްސް! އައި ކެން މެނޭޖް.." އަނެއްކާވެސް ފޯނަށް ނަޒަރު ހުއްޓައިލަމުން ރޫބީ ބުންޏެވެ.
" ފައިން.. އަހަރެންވެސް ނޫޅެން ކޮންމެހެން ހޭބަލިވެގެން ކަލެއަށް ބޭސްކޮށްދޭ ހިތުން.. ޔޫ ލިވް އޯ ޑައި.. އައި ޑޯންޓް ކެއަރ.." ފާހާނާއަށް ވަނުމުގެ ކުރިން އާކިން ބުނެލިއެވެ. ވަކި އެއްޗެއް ނުބުނެ ކުރިން އިންގޮތަށް ރޫބީ ފޯނަށް ބަލަހައްޓައިގެން އިނީއެވެ.
***************************
ރޭގަނޑުގެ ކެއުމަށްފަހު ކޮޓަރިއަށް ވަނުމުގެ ކުރިން ރޫބީ އަމްރާގެ ކޮޓަރިއަށް ދިޔައެވެ. ރޫބީ އެދުނީ ތަދު ކެނޑޭނެ ކަހަލަ ބޭހެއް ދިނުމަށެޗެ. ވީ ކިހިނެއްތޯ އަމްރާ ސުވާލު ކުރުމުން ދޮގު ހަދަން ރޫބީއަށް މަޖުބޫރުވިއެވެ. ރޫބީ ބުނީ ފާހާނާއަށް ކައްސާލީ ކަމުގައެވެ. އަމްރާ ރޫބީ އަށް ދިނީ އެތަނުގައި އުނގުޅާނެ ކްރީމްއެކެވެ. އަމްރާއަށް ޝުކުރުއަދާ ކުރުމަށްފަހު ރޫބީ އެކޮޓަރިން ނިކުތެވެ. އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގަމުން ދިޔައިރު ކަންތައް ކުރާނެ ގޮތް ސިކުނޑީގައި ރާވަމުން ދިޔައެވެ. އޭނާއަށް އެހާ ބޮޑު އަނިޔާއެއް ދިނުމަށްފަހު އާކިން އަރާމުގަ ނިދާކަށް ހިލާ ނުކުރޭނޭ ހިތަށް އެރިއެވެ.
ރޫބީ ކޮޓަރިއަށް ވަންއިރު އާކިން އުޅެނީ ފާހާނައިގައި ކަން އެނގުނީ ޝަވަރު ދޫކޮށްލާފައި ހުރި އަޑުއިވުމުންނެވެ. ނިދާ ހެދުމަށް ބަދަލުކުރުމަށްފަހު ރޫބީ އެނދު އަޅައިލިއެވެ. އެއަށްފަހު ސޯފާމަތީގައި އޮތް އޭނާގެ ބާލިސް ގެނެސް އާކިންގެ ބާލީހާއި ޖެހިގެން ބާއްވައިލިއެވެ. އާކިން ފާހާނައިން ނިކުތީ ހަމައެވަގުތުއެވެ. ރޫބީ ކަބަޑުން ރަޖާ ގަނޑެއް ގެނެސް އެނދުމަތީގައި އޭނާ އާ ވީ ފަރާތުގައި ބާއްވައިލި މަންޒަރު ފެނި އާކިންގެ ދެބުމަގޮށްޖެހުނެވެ.
" މިއަދުގެ ހާދިސާއިން ފިލާވަޅެއް ނުލިބެނީތަ؟ އަހަރެން ރުޅިއަރުވާނެ ގޮތެއް ނޭނގިގެންތަ ތިއުޅެނީ؟" ތުވާލި އެނދުމައްޗަށް އެއްލައިލަމުން އާކިން ބުންޏެވެ. ރޫބީގެ ތުންފަތްމަތިން ފެނިގެން ދިޔައީ މަލާމާތުގެ ހިނިތުންވުމެކެވެ.
" އާކިން ރުޅި އަޔަސް އަހަރެން ބިރެއް ނުގަނޭ.. ކިތަންމެ ރުޅިއަޔަސް ރުޅިއައިސްގެން ފަޅައިގެން ދިޔަސް އަހަރެން މީގެ ފަހުން ނިދާނީ މިއެނދުގަ.. މިކޮޓަރިއާއި މިއެނދަކީ އާކިންގެ އެއްޗިއްސަށްވީ ވަކި ޒަމާނެއްގައި.. އަހަރެންނާއި ކައިވެނި ކުރުމަށްފަހު މިކޮޓަރީގެ ހުރި ކޮންމެ އެއްޗެއްގެ ބަރާބާރު ހިއްސާދާރަކަށ އަހަރެން ވާނެ.. އެހެންވީމާ ތިއިންޒާރުތައް ގޮސް ކޮންމެވެސް އެހެންމީހަކަށް ދީ.. އަހަރެން އާކިން ދެކެ ބިރެއް ނުގަނޭ..." އެއަތް އުރައިލަމުން ރޫބީ ބުންޏެވެ.
" އަހަރެންގެ ކެތްތެރިކަން ޓެސްޓުކުރަން ނޫޅޭ ރޫބީ.. އަނެއްކާވެސް އަހަރެން އަތުން އަނިޔާއެއް ލިބެން ބޭނުން ނޫނިއްޔާ ތިކަން ހުއްޓާލާ.." ރޫބީއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން އާކިން ބުންޏެވެ.
" ކުރިންވެސް ބުނިހެން އަހަރެން އާކިން ދެކެ ބިރެއް ނުގަނޭ.. ފިރިހެނަކަށްވިތީ ތިމާގެ ގަދަކަން ދައްކަން ހިތަށްވެސް ނާރުވާތި.. އަހަރެން ނިދާނީ މިއެނދުގައި.. އާކިން އެކަމާ ހިތްހަމަނުޖެހެންޏާ ކޮންމެވެސް އެހެންތަނެއްގައި ނިދިޔަސް މައްސަލައެއް ނެތް.. އެކަމަކު އަހަރެން މިއެނދުގައި ނިދުމަކުން އާކިންއަކަށް ނުހުއްޓުވޭނެ.. " އެނދާ ދިމާލަށް ދަމުން ރޫބީ ބުންޏެވެ. އާކިންގެ މުށްބާރުވެގެން ދިޔަ ހިނދު އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ރޫބީ ހުއްޓި އެނބުރި އާކިންއާ ދިމާލަށް ބަލައިލިއެވެ.
" އޯހް އެންޑް.... ހީނުކުރާތި އާކިން އަނިޔާ ކުރަންދެން އަހަރެން މަޑުމަޑުން ހުންނާނޭ.. މީގެ ފަހުން އަހަރެންނަށް އަނިޔާއެއް ކޮށްފިއްޔާ ނޫނީ އަހަރެން ގައިގައި ޖަހައިފިއްޔާ އަހަރެންވެސް މަޑަކުން ނުހުންނާނަން.. އަންހެނެއްކަމަކު އަހަރެންގެ އަތުގައިވެސް އަދި ފައިގައިވެސް ބާރު އެބަހުރި.. އަހަރެން ޖަހައިފިއްޔާ ވަކި ތަދު މަޑެއްވެސް ނުވާނެ.. ދެވަނަ ފަހަރަށް އަހަރެންނަށް އަނިޔާއެއް ދީފިއްޔާ އާކިންގެ މައިންބަފައިންނަށްވެސް އަންގާނަން.. ޕޮލިހުން ކައިރިއަށްވެސް ދާނަން.. ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަންގާނަން.. " ރޫބީގެ މޫނުމަތިން އާކިންއަށް ފެނުނީ ވަރުގަދަ އިންޒާރެކެވެ. ރޫބީ އެނދަށް އަރާ ރަޖާއަޅައިގެން އޮށޯތީ އާކިން އެހުރި ގޮތަށް ހުއްޓައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 7 ޑިސެމްބަރ ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް