ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ބާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ވަރަށް ވިސްނުމަށްފަހު ރޫބީ ގޮތެއް ނިންމިއެވެ. އެގޮތަށް ކަންތައްތައް ކުރުމަށް ހިތުގައި އަޒުމް ކަނޑައެޅަމުން އިންތަނުން ތެދުވެގެން ހިނގައިގަތެވެ. ރޫބީ ކޮޓަރިއަށް ވަންއިރު އާކިންއ...

21 Nov 2021 | 06:08

ކުރީގެ އަދަދާއި ގުޅޭ...

ވަރަށް ވިސްނުމަށްފަހު ރޫބީ ގޮތެއް ނިންމިއެވެ. އެގޮތަށް ކަންތައްތައް ކުރުމަށް ހިތުގައި އަޒުމް ކަނޑައެޅަމުން އިންތަނުން ތެދުވެގެން ހިނގައިގަތެވެ.

ރޫބީ ކޮޓަރިއަށް ވަންއިރު އާކިންއަށް ނިދިފައި އެނދުގައި އޮތެވެ. ފާހަނާއަށް ވަދެ ފެންވަރައިގެން ނިކުތްއިރު އެނދުމަތީގައި އިށީނދެ އިން އާކިން ފެނުމުން ރޫބީއަށް ލިބުނީ ސިހުމެކެވެ. އާކިން އެހާ އަވަހަށް ހޭލައިފާނެ ކަމަކަށް ރޫބީ ހިޔެއް ނުކުރެއެވެ. އާކިންއަށްވެސް އެވަގުތު ރޫބީއަށް ބަލައިލެވުނީ ބޭއިޙްތިޔާރުގައެވެ. ރޫބީ ފާހާނައިން އެނިކުތީ ފާހާނާއަށް ދިއުމަށްޓަކައި އޭނާ ތެދުވިތަނުންނެވެ. ދެވަނަ ހިނދުގައި އާކިން އަނެއްފަރާތަށް އެނބުރުނުއިރު އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ލަދުވެތިކަމެއް ފާޅުވާން ހުއްޓެވެ. ބާތްރޯބްގައި ހުރި ރޫބީވެސް ހުރީ ލަދުން ހަލާކުވާ ވަރުވެފައެވެ. އޭނާ އެފަދަ ހާލެއްގައި ހުއްޓައި އާކިންއަށް ފެނުމުންނެވެ. އަވަސް އަވަހަށް ރޫބީގޮސް ކްލޯޒެޓަށް ވަނެވެ. އާކިން ފޫހިކަމާއެކު ފުންނޭވައެއް ދޫކޮށްލުމަށްފަހު ގޮސް ފާހާނައަށް ވަނެވެ.

ރަތްކުލައިގެ ކަކުލާ ހަމައަށް އަންނަވަރުގެ އަތްދިގު ހެދުމަކާއެކު ކަޅު ޖިންސެއްގައި ކްލޯޒެޓުން ނިކުތް ރޫބީ މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލީ އެއްވެސް ދިމާލަކުން އާކިން ފެންނަން ހުރިތޯ ބެލުމަށެވެ. އެވަގުތު ފާހާނައިގެ މާގަނޑު ދޫކޮށްލާފައިވާ އަޑުއިވުމުން އާކިން އުޅެނީ ފާހާނައިގައި ކަން ރޫބީއަށް އެނގުނެވެ. އެވަގުތު ރޫބީގެ ނަޒަރު ދަތުރުކޮށްލީ އާކިންގެ އެނދަށެވެ. ކޮންމެވެސް ވަރަކަށް ބެޑެޝީޓު ހަޑިވެފައި ހުރުމުން ބެޑުޝީޓު ބަދަލުކޮށްލަން ރޫބީގެ ހިތަށް އެރިއެވެ. އަނތްބެއްގެ ވާޖިބު އަދާކުރަން އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުންނެވެ. އާކިން ފާހާނައިން ނިކުތީ ރޫބީ އެނދުގެ ޝީޓު ބަދަލުކުރުމަށްފަހު ހަޑި ޝީޓުތައް ނަގައިގެން ހިންދެމިލި ވަގުތުއެވެ. އެމަންޒަރު ފެނި އާކިންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

" ކަލޭ ކައިރީ ނުބުނަމެއްނު އެނދުގެ ޝީޓު ބަދަލު ކުރާށެކޭ.. " ތުވާލި ހަރުގަނޑަށް އެއްލައިލުމަށްފަހު ރޫބީއާ ދިމާލަށް ފިޔަވަޅެއް އަޅައިލަމުން އާކިން ބުންޏެވެ. އޭނާގެ އަޑުގައިވީ އިންތިހާއީ ރުޅިއެވެ. ރޫބީއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީ ޖެހިލުންވި ވަރުންނެވެ.

" އެނދުގެ ބެޑްޝީޓް ހަޑިވެފައި ހުރީމައި..." ރޫބީ އެހެންބުނިއިރު އޭނާގެ އަޑުގައިވެސް ވީ ޖެހިލުމެވެ. އާކިންގެ ރަތްފިޔައެއް ފަދަ ދެލޯ އޭނާއަށް އަމާޒުވެފައި ހުރީ ގޮތުން ރޫބީގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

" ކިތަންމެ ހަޑިވިޔަސް އަހަރެންގެ ތަކެއްޗާ ބެހޭކަށް ކަލެއަކާ ނުޖެހޭނެ..  މީގެ ފަހުން އަހަރެންގެ އެއްވެސް އެއްޗަކަށް ތިމުޑުދާރު އަތުން އަތްލައިގެން ނުވާނެ.. ފަހަރެއްގައިވެސް ހީނުކުރާތި ތިކަހަލަ މަސައްކަތްތައް ކޮށްގެން އަހަރެންގެ ރުހުމާއި އަހަރެންގެ ހިތުން ޖާގައެއް ލިބޭނޭ.. ތިއިންސާނާ ފެނުނަސް އަހަރެންގެ ލޭކެކެން ފަށާ.. މީގެ ފަހުން ކަލޭ އަހަރެންގެ ކުރިމައްޗަށް ނާރާތި... " މިހެން ބުނުމަށްފަހު ހަރުފިޔަވަޅުތަކެއްގައި އާކިން ކޮޓަރިން ނިކުތެވެ. އާކިންގެ ތޫނު ބަސްތައް ރޫބީގެ ހިތަށް ހެރުނީ ތޫނު ކަށިތަކެއް ފަދައިންނެވެ. އިސާހިތަކު ރޫބީގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެން ފެށިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ގިސްލެވެންވެސް ފެށުނެވެ. ބެޑްޝީޓުތައް މެޔާލައި ބޮނޑިކޮށްލައިގެން ހުރިއިރު އޭނާގެ މުޅި ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިފައި ވިއެވެ. އެވަގުތު ރޫބީ ހަނދާންވީ އަމްރާ އޭނާ ކައިރީގައި ދައްކާފައިވާ ވާހަކަތަކެވެ. އާކިން ކިތަންމެ ހިތްހަމަނުޖެހުނަސް އަނތްބެއްގެ ވާޖިބު އަދާކުރުމުން އޭނާ ނުހުއްޓުވޭނެއެވެ. އެކަމާ އާކިން ހިތްހަމަނުޖެހޭނަމަ އާކިން އޭނާ ވަރިކުރީމައި ވީނޫންހެއްޔެވެ؟ އެވަގުތު ރޫބީގެ ހިތަށް ލިބިގެން ދިޔަ ސާބިތުކަމާއެކު ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ. އެއަށްފަހު ކޮޓަރިން ނިކުމެގެން އޭނާ މިސްރާބުޖެހީ ލޯންޑްރީ ބަޔަށް ދިއުމަށެވެ.

****************************

ގޭގެ އެންމެ ސިޓިންގްރޫމަށް ޖަމާވެފައިވަނީ ހުރާޝާއާއި އައްބާސް ފުރަން އުޅޭތީއެވެ. ވިޔަފާރި ދަތުރެއްގައި އޭ ބުނެ ދޮގު ހެދިޔަސް ހަޤީގަތް ރޫބީއަށް އެނގެއެވެ. މުއީން އިތުރު ފަރުވާއަށް ފުރަން އުޅޭތީ ރޫބީއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާގެ ހިތަށް ދަތިކަމެއް ލިބެމުން ދިޔައީ ފުރުމުގެ ކުރިން މުއީނާއި ރީނާއާ ބައްދަލުކުރެވެން ނެތީމައެވެ.

" ކޮން ދުވަހަކުން އަންނަން ބައްޕަމެން ތިދަނީ؟" ދެޖީބަށް އަތް ޖަހައިގެން ހުރި އާކިން ސުވާލުކޮށްލިއެވެ.

" އެހެން ވަކި ދުވަހެއް ބުނާކަށް ނޭނގޭ.. އާކި ރޫބީއަށް ރަނގަޅަށް ބަލާތި.. ރޫބީ އެކަނިވިޔަ ނުދޭތި... " އައްބާސް އާކިންގެ ކޮނޑުގައި އަތްއަޅައިލަމުން ބުންޏެވެ. އެވަގުތު އާކިންއަށް ފޫހިކަމެއް ލިބުނަސް މޫނުމަތިން އެކަން ނުދައްކާވޭތޯ މަސައްކަތް ކުރަމުން ހިނިތުންވެލިއެވެ. އައްބާސް އަރީކަށް ބަލައިލަމުން ބޯޖަހައިލި ހިނދު އަރީކްވެސް ބޯޖަހައިލީ އެބުނީ ކީކޭކަން އެނގޭ ފަދައަކުންނެވެ.

" މަމް މެން އަންނައިރު އަހަރެންނަށް ހެދުން ކޮޅެއް ގެނެސްދޭތި.. އަޅެ ތި ދަތުރުގެ ވާހަކަ ކުރިން ބުނިނަމައެއްނު.. އޭރުން އަހަރެންނާއި ރިކީވެސް ދާނަން.. ދޯ ރިކީ.." އަރީކަށް ބަލައިލަމުން ޒޫނީ ބުންޏެވެ.

" ކުއްލިއަކަށް ދާން ޖެހުނީމަ ނުބުނެވުނީ.. ދެން އެހެންފަހަރަކުން ދޯ.. މަންމަ އަންނައިރު އިންޝާﷲ ހުރިހާ ކުދިންނަށްވެސް ހަދިޔާ ގެންނާނަން.." ޒޫނީ ގައިގައި ބައްދައިލަމުން ހުރާޝާ ބުންޏެވެ.

" ރޫބީ މަމްގެ އާކި އާ ދެކުދިން ބަސްއަހައިގެން އުޅޭތި.. " ރޫބީ ގައިގައިވެސް ބައްދައިލަމުން ހުރާޝާ ބުންޏެވެ. އައްބާސްވެސް ރޫބީގެ ބޮލުގައި ފިރުމައިލިއެވެ.

" ޓޭކް ކެއަރ މަމް.. ޓޭކް ކެއަރ ބައްޕާ..." ހުރާޝާ އާއި އައްބާސް ގައިގައި ވަކިވަކިން ބައްދައިލަމުން އަމްރާ ބުންޏެވެ.

****************************

ރޭގަނޑުގެ ކެއުމަށް އެންމެން އިންސާފުކުރަމުން ދިޔަ ވަގުތެވެ. ތަނުގައި މަދީ އާކިން އެކަންޏެވެ. ރޫބީ ދިޔައީ އާކިން އެތަނަށް އަންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ. އެންމެން ތިއްބާ އޭނާ ކޮންމެ ކަމެއް ކުރިޔަސް އާކިންއަށް އެއްވެސް އެއްޗެއް ނުބުނެވޭނެކަން އެނގޭތީއެވެ. އޭނާ އުއްމީދު ކުރި ގޮތަށް އާކިން އައިސް ކާމޭޒު ކައިރީގައި އިށީނުމުން ރޫބީއަށް ހިނިތުންވެވުނެވެ. އާކިން އިށީނުމާއެކު ރޫބީ ތެދުވެ އާކިންގެ ތައްޓަށް ކާއެއްޗެހި އަޅަން ފެށިއެވެ. އެ މަންޒަރު ފެނި އަމްރާއަށް ހިނިތުންވެވުނެވެ. ރޫބީ އޭނާގެ ބަސް ޤަބޫލުކުރީތީ އެކަމާ އުފާކުރިއެވެ. ޒޫނީވެސް އަރީކް ގައިގައި ކޮއްޓައިލަމުން އެމަންޒަރު ދައްކައިލިއެވެ. އާކިން އިނީ އިންތިހާއަށް ރުޅިއައިސްފައެވެ. ބޭނުންވީ އޭނާގެ ކުރިމަތީގައި ހުރި ތަށި ދުރަށް އެއްލައިލުމަށެވެ. ދެއަތްތިލަ މުށްކެވިގެން ދިޔަ ހިނދު އާކިން ރުޅި މަތަ ކުރަން މަސައްކަތް ކުރިއެވެ. އާކިންގެ ތައްޓަށް ރިހަވެސް އަޅައިދިނުމަށްފަހު ރޫބީ ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ.

" ކިހިނެއްވީ އާކި ނުކައި ތި އިންނަނީ.. ދޮންތައޭ ރިހަ ކެއްކީ.. ދޮންތަ ކައްކާ ރިހަ އާކި އަށް ނުލާހިކު މީރެއްނު.." އާކިން ނުކައި އިންނަން ފެށުމުން އަމްރާ ބުންޏެވެ. އާކިން ގަދަކަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ބޯޖަހައިލިއެވެ. އެއަށްފަހު ހިތާ ދެކޮޅަށް ނަމަވެސް ސަމްސަލުން މޮޑެން ފެށިއެވެ. ނަމަވެސް އެތެރެއިން އޭނާގެ ހިތް އަނދަމުން ދިޔައެވެ. ހިތްގޮވަމުން ދިޔައީ ރޫބީއާ ދިމާލަށް ފަތިވަރު ގޮވައިލުމަށެވެ.

**********************

ބަދިގޭގެ ކަންތަކުގައި ކުޑަކޮށް ނާބީއަށް އަތްގާތް ކޮށްލައިދިނުމަށްފަހު ރޫބީ އައިސް ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި އިން އާކިން އިނީ ރޫބީގެ އިންތިޒާރުގައި ކަހަލައެވެ. ރޫބީ ފެނުމާއެކު ފުންމައިގެން ތެދުވެ ރޫބީއާ ދިމާލަށް އައި ގޮތުން ރޫބީގެ ހިތް ތުރުތުރު އަޅައިގެން ދިޔައެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ހުރި ފިޔަވަޅުމަތީގައި ރޫބީ ހުއްޓެވެ.

" ކިހިނެއްވެގެންތަ ތިއުޅެނީ؟ ބުނެފީމެއްނު އަހަރެންގެ ކަންތައްތަކާ ނުބެހޭށޭ..." އައި ރުޅީގައި އާކިން އައިސް ހިފީ ރޫބީގެ އަތުގެ ފަލަމަސްގަނޑުގައެވެ.

" ތަދުވޭ...." އާކިން ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ރޫބީއަށް ބުނެވުނެވެ.

" ގައިމުންވެސް ކަލޭ އަހަރެންނާއި ނަޖުވާއަށް ދިން އަނިޔާވުރެން ތަދުކުޑަވާނެ.." އެހުރިގޮތަށް ހުރެ އާކިން ބުނެލިއެވެ. ރޫބީގެ ދެލޮލުން ކަރުނަ ފައިބަން ފެށީ ވަމުން ދިޔަ ތަދުންނެވެ. ނަމަވެސް އެކަމުން އާކިންގެ ހިތަކަށް މާބޮޑު އަސަރެއް ކުރާހެން ހިޔެއް ނުވެއެވެ.

" އާކިން ކިހިނެއްވެގެންތަ ތިއުޅެނީ.." ހަށިގަނޑުގެ ހުރި ހާ ބާރެއްލާފައި އާކިން އަތުން ވީއްލިގަންނަމުން ރޫބީ ބުންޏެވެ. އެވަގުތު ރޫބީގެ އަޑުވެސް ބާރުވެގެން ދިޔައީ އިޙްތިޔާރަކާ ނުލައެވެ.

" އަދިވެސް އަހަރެންތަ ކަމެއްވެގެން މިއުޅެނީ... ލަދެއް ހަޔާތެއް ނެތިގެން ކަލެއެއް ނޫންތަ ތިއުޅެނީ.. ބުނެފީމެއްނު އަހަރެންގެ ކަންތައްތަކާ ނުބޭހޭށޭ.. އަދި ކިތަންމެ ވަރަކަށް ކަލޭ ތިހެން އުޅުނަސް އަހަރެންގެ ހިތުން ޒައްރެއްގެ މިންވަރުވެސް ޖާގައެއް ނުލިބޭނޭ.." އާކިންވެސް ހަޅޭއްލަވައިގަތެވެ.

" ފޯރ ގޯޑްސް ސޭކް އާކިންގެ ހިތުން ޖާގައެއް އަހަރެން ބޭނުމެއްވެސް ނޫން.. އަހަރެން މަސައްކަތް މިކުރަނީ އަނތްބެއްގެ ވާޖިބު އަދާކުރެވޭތޯ.. އެއީ އަހަރެން ﷲއަށް ޓަކައި ކުރާކަމެއް.. " މިފަހަރު ރޫބީވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

" މާ މާތް މީހަކަށް ވާންވެގެން މޫނުމަތީގައި އެކްޓް ކުރާނެ ކަމެއް ނެތް.. ކަލޭ ހީކުރީ ތިމުޑުދާރު ހިތް އޮތް ގޮތް އަހަރެންނަށް ނޭނގޭނެ ކަމަށްތަ؟ ނޫނީ ކަލޭގެ ނިޔަތް އަހަރެންނަށް ނޭނގޭނެ ކަމަށްތަ؟ " އާކިން ބުންޏެވެ.

" އާކިން ކޮންމެ ގޮތަކަށް ހީކުރިޔަސް އަހަރެންނަށް ވަރިހަމަ.. އަހަރެންގެ ހިތް އޮތް ގޮތް ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެ.. އާކިން ކިތަންމެ ހިތްހަމަނުޖެހުނަސް އަހަރެންގެ ވާޖިބު އަދާކުރުވުމުން ނުހުއްޓުވޭނެ.. އަދި ބުނަންތަ.. ދެވަނަ ފަހަރަށް ތިގޮތަށް އަހަރެން ގަޔަށް އަތްލައިފިއްޔާ އާކިންގެ މައިންބަފައިން ކައިރީގައި އަހަރެން ބުނާނަން.. " ސާބިތު ކަމާއެކު ރޫބީ ބުންޏެވެ. އެއަށްފަހު އާކިންއަށް ވާހަކަ ދައްކަން ފުރުސަތު ނުދީ އޭނާ ގޮސް ފާހާނައަށް ވަނެވެ. އާކިންގެ ދުބުމަ ގޮށްޖެހިގެން ދިޔަ ހިނދު މުށްބާރުކޮށްލެވުނެވެ. ކިތަންމެ ރުޅިއައި ނަމަވެސް އާކިންއަށް މަޖުބޫރުވީ ހިމޭނުން ހުރުމަށެވެ.

*********************************

އަމްރާ ޑިއުޓީ ނިންމާލާފައި އައިސް ވަން އިރު ރޫބީ ސޯފާގައި ފޮތެއް ކިޔަން އިނެވެ. ވަރުބަލިކަމާއެކު އަމްރާއައިސް ސޯފާއަށް ވެއްޓިގަންނަމުން ނާބީއަށް ގޮވާލާފައި ފެންތައްޓެއް ގެނެސްދިނުމަށް އެދުނެވެ.

" މާ ބުރަކޮށް އުޅުނު ދުވަހަކީތަ؟" އަތުގައި އޮތް ފޮތް ލައްޕައިލަމުން ރޫބީ އަހައިލިއެވެ. އަމްރާ ވަރުބަލިކަމާއެކު ބޯޖަހައިލި އެވަގުތު ނާބީ އައިސް ފެންތައްޓެއް ދިއްކޮށްލިއެވެ. އެއްނޭވައިން ފެންތަށި ބޯލުމަށްފަހު ނާބިއަތަށް ދިއްކޮށްލުމުން ތަށި ހިފައިގެން ނާބީ ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. ސޯފާގައި ހަމަޖެހިގެން އިށީންނަމުން އަމްރާ ރޫބީއަށް ނަޒަރު ހުއްޓައިލިއެވެ.

" ރޫބީ ފޫއްސެއް ނުވޭތަ އަބަދު ގޭގަ އިނދެ އިނދެ..." އަމްރާ އަހައިލިއެވެ.

" ފޫހިވޭ.. އެކަމަކު މާލޭގައި އެކަނިން ހިނގާކަށް އަހަރެންނަކަށް ނޭނގޭ.." ރޫބީ ހިނިތުންވެލަމުން ބުންޏެވެ. ސިޑިން ފައިބައިގެން އައި އާކިން އައިސް އެމީހުން ކައިރީގައި ހުއްޓުނީ އެވަގުތުއެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް އާކިންގެ ތުންފަތްމަތިން ހިނިތުންވުމެއް ފެންނަން ހުއްޓެވެ.

" އާކި.. ހާދަ ހެވިފަ.. " އަމްރާ އަހައިލިއެވެ.

" އަހަރެންގެ އަންހެނުން ގޮވައިގެން ޑޭޓަކަށް ދާން އުޅޭތީ ވަރަށް އުފަލުން މިހިރީ.." އާކިން ދިން ޖަވާބުން ސިހިފައި ރޫބީއަށް ބަލައިލެވުނެވެ. އެވަގުތު އާކިން ރޫބީއާ ދިމާލަށް އަތް ދިއްކޮށްލިއެވެ. ހައިރާންވެ އަންތަރީސްވެފައި އިނދެ ރޫބީ އާކިންގެ އަތުގައި ހިފާފައި ތެދުވިއެވެ.

" ވާއު.. އާކި ސޯ ރޮމޭންޓިކް.." އަމްރާ ވީ އުފަލުން ބުންޏެވެ.

" އޯކޭ ދޮންތާ.. ސީ ޔޫ.." ރޫބީގެ އުނަގަނޑުގައި ހިފައި ގަޔާ ކައިރިކޮށްލަމުން އާކިން ބުންޏެވެ. ރޫބީ ހުރީ ހައިރާންވީ ވަރުން ބުނާނެ އެއްޗެއް ނޭނގިފައެވެ. އާކިން މަޤްސަދަކީ ކޮބައިބާވައޭ ހިތަށް އަރާފައެވެ.

" ލެޓްސް ގޯ ވައިފީ..." ރޫބީ ގޮވައިގެން ކުރިއަށް ހިނގައިގަންނަމުން އާކިން ބުންޏެވެ. އެމީހުން ގެއިން ނިކުންނަ މަންޒަރު ބަލަން ހުރި އަމްރާ ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. ދެމީހުންވެސް އޭނާގެ ނަސޭހަތް ޤަބޫލުކުރީތީ އެކަމާ އުފާކުރިއެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 23 ނޮވެމްބަރ ވާ އަންގާރަދުވަހު ގެނެސްދެވޭނެ، އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް