" މިފަހަރު ކުރަން މިއުޅެނީ އާދައިގެ ދަތުރެއް ނޫން.. މިފަހަރު އިރާދަކުރެއްވިއްޔާ އަހަރެމެން އެނބުރި އަންނާނީ އާއިލާއަށް އިތުރު މެމްބަރެއް ގޮވައިގެން.." ހުރާޝާ ބުންޏެވެ.
" ތިބުނީ؟" ހައިރާންވެފައި އިނދެ އަރީކް އަހައިލިއެވެ. އާކިންއާއި އަމްރާ އަދި ޒޫނީވެސް އިނީ ހައިރާންވެފައެވެ.
" އެއީ ސަޕްރައިޒެއް.. ﷲ އިރާދަކުރެއްވިއްޔާ އެކޮޅަށް ދެވުނީމަ ހުރިހާ ކަމެއްވެސް އެނގޭނެ.. ބައްޕަ ބޭނުންވަނީ ވީހާވެސް އަވަހަކަށް އެކޮޅަށް ދާން.. ޓިކެޓް ލިބުނުހާ އަވަހަކަށް ފުރަންވީ.. އެހެންވީމަ ހުރިހާ ކުދިންވެސް ތައްޔާރަށް ތިބޭތި.." އައްބާސް ބުންޏެވެ. ހުރާޝާއާއި އައްބާސް ފިޔަވައި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާން ކަމެވެ.
" ދެން އެންމެ ރަނގަޅު ދަރިފުޅުމެން ދިޔަޔަސް.. ބައްޕަމެން މިދަނީ ފްރެޝް ވެލަން..." އިންތަނުން ތެދުވަމުން އައްބާސް ބުންޏެވެ. ހުރާޝާވެސް އައްބާސްގެ ފަހަތުން ތެދުވެގެން ހިނގައިގަތެވެ.
" ކޮން މެމްބަރެއްގެ ވާހަކަތަ ބައްޕަ އެބުނީ؟" ހައިރާންވެފައި އިނދެ ޒޫނީ އަހައިލިއެވެ. އަރީކް ދެކޮނޑު އަރުވައިލީ އޭނާއަށްވެސް ނޭނގެޔޭ ބުނާ ފަދަ ގޮތަކަށެވެ.
" އިތުރު މެމްބަރެއް އަންނާނީ މީހަކު މެރީ ކުރީމަ ނޫނީ ވިހެއިމަ ދޯ.. މި އާއިލާގަ ކައިވެނި ނުކޮށް ހުރީ އާކި އެކަނި.. ސޯ އާކި... މެރީޖް..." ޝައްކެއްގައި އިނދެ އަމްރާ އަހައިލިއެވެ. އަރީކް އާއި ޒޫނީގެ ނަޒަރުވެސް އާކިންއަށް ހުއްޓުނެވެ. އާކިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. އޭނާ ހުރީ ކައިވެނި ކުރަން ބޭނުންވެ އެވާހަކަ އައްބާސް އާއި ހުރާޝާ ކައިރީގައި ދައްކަން ނުކެރިފައެވެ. އޭނާ ކައިވެނި ކުރަން ބޭނުންވާކަން މައިންބަފައިންނަށް އެނގުނީ ހެއްޔެވެ؟ އެކަމަކު އޭނާއާއި ނަޖުވާގެ ގުޅުން ރޫބީ ފިޔަވައި އެހެންވެސް މީހަކަށް ނޭނގޭނެއެވެ. ކޮންމެވެސް ގޮތަކުން އޭނާއާއި ނަޖުވާގެ ގުޅުން އެމީހުންނަށް އެނގިގެން ކައިވެނި ހަމަޖެއްސީހެއްޔެވެ؟ ޙުދު އާކިންވެސް އިނީ ބޮޑު ސުވާލެއް އުފެދިފައެވެ.
" ނޭނގެ.. ވެދާނެއްނު އެހެން މީހެއްގެ ވާހަކަ ދައްކަނީ ކަމަށްވެސް.. ބައްޕަގެ ނޫނީ މަންމަގެ ރައްޓެއްސެއް ނޫނީ ރައްޓެއްސެއްގެ ދަރިއެއް ގެންނަން އުލެނީ ކަމަށްވެސް.." އާކިން ބުންޏެވެ.
" އޭރަކުން ނުބުނާނެ ދޯ އިތުރު މެމްބަރެކޭ... " އަރީކް ބުންޏެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އެންމެންވެސް ވިސްނަމުން ދިޔައީ ގެންނަން އުޅޭ މެމްބަރާ މެދުގައެވެ.
" ނޯ ވޭ.... ރިކީގެ ދަރިއެއް އަނެއްކާ އެރަށުގަ ހުރީތަ.. ރިކީ އަހަރެންނަށް ޗީޓް ކުރީތަ.. މަންމަމެންނަށް އެކަން އެނގިގެން އެކުއްޖާ ބަލާދަނީ ކަންނޭނގެ.. އެހެންވެގެން ކަންނޭނގެ ބައްޕަ މިއަދު ފާޑަކަށް އިނީ.. " ޒޫނީ ވާހަކަ ދައްކަން ފެށީ ކުއްލިއަކަށެވެ. އެހެން ބުނިއިރު އޭނާއަށް ރޮވިއްޖެއެވެ.
" ވަޓް ރަބިޝް... " އައި ރުޅީގައި އަރީކަށް ބުނެވުނެވެ. އާކިންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހެމުން ހެމުން ގޮސް އޭނާ ސޯފާ މައްޗަށް ވެއްޓުނެވެ.
" ސާބަސް ޒޫން... ހާދަ ދުރަކަށޭ ތިވިސްނީ.. ރިކީ ދުވަހަކުވެސް ޒޫންއަށް ޗީޓް ނުކުރާނެ..." އަމްރާވެސް ހެވިފައި އިނދެ ބުންޏެވެ.
" އެދޮގު ދޮންބެއްތާ ހަމަ ވެދާނެއްނު.. ކާކަށް އެނގެނީ.." ސޯފާގައި އޮތް އާކިން ހިނިގަނޑު މަތަކުރާން މަސައްކަތް ކުރަމުން ބުންޏެވެ. އަރީކް ރުޅިއައިސްފައި އޭނާ ކައިރީގައި އޮތް ކުޝަން އާކިންއާ ދިމާއަށް އެއްލިއެވެ. އާކިން ހުށިޔާރުވެ އޮވެ ކުޝަންގައި ހިފިއެވެ.
" ޒޫން އަހަރެންނަށް ޓްރަސްޓެއް ނުކުރަން ދޯ..." ޒޫނީ އާ ދިމާލަށް ބަލައިލަމުން އަރީކް ބުންޏެވެ. ކަންބޮޑުވެފައި އިން ޒޫނީ އިރުކޮޅަކު އަރީކްގެ މޫނަށް ބަލަން އިނުމަށްފަހު ދެފަރާތަކަށް ބޯހޫރައިލިއެވެ.
" ޑޯންޓް ޑޫ އިޓް އާކީ... ޒޫން މިހާރުވެސް އިނީ ނުލާހިކު ދެރަވެފަ.. ބަލާބަލަ ދާހިއްލާ ފޯވެގެން އޮވެ މުޅި ސޯފާގަ ތިހޭކީ.. ޗީޑި.. ދޭބަލަ ފެންވަރަން.." އަމްރާ ބުންޏެވެ.
" އެކި ގޮތްގޮތަށް ވިސްނުމަށްވުރެ ރަނގަޅުވާނީ އެއީ ކޮން މެމްބަރެއް އެނގެން ދެން މަޑުން ތިބިއްޔާ.. ވެދާނެ ހަމަ މަމް އާއި ބައްޕަގެ ފްރެންޑެއް ކަމަށްވެސް، ވެދާނެ އާކީގެ މެރީޖް ފިކްސް ވި ކަމަށްވެސް.. ﷲ ތަޢާލާ އަށް ފަހު މަމް އާއި ބައްޕައަށް އެނގޭނީ ކޮން މެމްބަރެއް ކަމެއް.. " އަމްރާ ބުންޏެވެ.
" އޯރ ވެދާނެ ދޮންބެގެ ވަގު އަނބި ކަމަށްވެސް..." އަރީކް ކައިރިއަށް ރުޅި އަރުވައިލުމުގެ މަޤްސަދުގައި އާކިން ބުންޏެވެ. އާކިން ބޭނުންވި ގޮތަށް އަރީކް ރުޅިއައިސްގެން އިންތަނުން ތެދުވެގެން އާކިން އާ ދިމާލަށް އަންނަން ފެށިއެވެ. ހުށިޔާރުވެ ހުރެ އާކިން އޮތްތަނުން ތެދުވެގެން ސިޑިއާ ދިމާލަށް ދުއްވައިގަތެވެ. އަރީކްވެސް އާކިންގެ ފަހަތުން ދުއްވައިގަތެވެ.
" އާކިން ކިޔާނެ އެކަހަލަ އެއްޗެހި.. ޒޫންވެސް ތިގޮތަށް ނުވިސްނަބަލަ... " އިންތަނުން ތެދުވެގެން އައިސް ޒޫނީގެ ކޮނޑުގައި ޖަހައިލަމުން އަމްރާ ބުންޏެވެ.
" ދޮންތި މިދަނީ ފްރެޝްވެލަން... ޒޫން ބަދިގެއަށް ގޮސް ނާބީ ކައިރީގައި ބުނެދީބަލަ ދޮންތިގެ ކޮޓަރިއަށް ކޮފީއެއް ފޮނުވައިދޭށޭ..." އަމްރާ ބުންޏެވެ. ޒޫނީ ހިނިތުންވެލަމުން ބޯޖަހައިލިއެވެ. އަމްރާވެސް ހިނިތުންވެލެމަށްފަހު ސިޑީން އަރައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ.
************************
ކޮޓަރިއަށް ވަންގޮތަށް އެނދުމައްޗަށް ކޯޓު އެއްލައިލުމަށްފަހު ކޮޓަރިން ނިކުމެވެން ހުންނަ ތަނަވަސް ބެލްކަންޏަށް އައްބާސް ނިކުތެވެ. ރެއިލިންގް ގައި ދެއަތް އަޅުވައި، ތިރިއަށް ބަލައިލަމުން އޭނާ ފުންނޭވައެއް ދޫކޮށްލިއެވެ. ޑްރެސިންގް ޓޭބަލް މަތީގައި ދަބަސް ބެހެއްޓުމަށްފަހު ހުރާޝާވެސް އައްބާސްގެ ފަހަތުން ނިކުމެ އައްބާސް ކައިރިއަށް ހުއްޓި އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.
" ކީއްވެ އެކުދިން ކައިރީގައި ނުބުނީ... އެވާހަކަ ދައްކަން ވެގެނެއްނު އެކުދިން އެއްތަނަކަށް ގެނައީވެސް... ޙާއްސަކޮށް އާކިން.. އޭނާއަށް ނާންގާ ކިހިނެއް މިކަން ކުރާނީ.." އޭނާގެ މަޑުމައިތިރި ރާގުގައި ހުރާޝާ އަހައިލިއެވެ.
" ޖެހިލުންވީ.. އާކިން ކައިރީގައި ނުވެސް އަހާ އެފަދަ ބޮޑު ނިންމުމެއް ނިންމަން ޖެހުނީތި.. އަހަރެންގެ އެދުމާ އާކިން ދެކޮޅު ނުހަދާނެކަން ހަމަ ޔަގީން.. އަހަރުމެންގެ އެދުމަށް ކުދިންގެ ކައިވެނި ހަމަޖެއްސުމަކީ އަހަރެންގެ އުސޫލެއް ނޫން.. އަމްރާވެސް އަރީކްވެސް ކައިވެނި ކުރީ އެމީހުން ބޭނުންވި މީހުންނާ.. އެކަމަކު އާކިންއަށް އެފުރުސަތު ނުދެވޭނެތީ ޖެހިލުންވެ ދެރަވަނީ... " ދުރު ބަލަހައްޓައިގެން ހުރެ އައްބާސް ވާހަކަ ދެއްކިއެވެ.
" ދެން ކިހިނެއް ހަދާނީ..." ގޮތްހުސްވެފައިވާ މީހަކު ފަދައިން ހުރާޝާ ބުންޏެވެ.
" ހަދާނެ ގޮތް ވަރަށް ސާފު.. އާކިން ކުއްޖަކާ ގުޅިގެން އުޅޭ ކަން އަހަރުމެންނަށް އެނގިފައެއް ނެތް.. އަހަރުމެންގެ އެދުމުގަ އޭނަ ކޮޅުފައިން ނުޖަހާނެކަން ޔަގީން.. މިއީ އަހަރެންގެ ރަހުމަތްތެރިޔާގެ ފަހު ވަސިއްޔަތް.. އޭނާއަށް އެކަން ކޮށްދޭން އަހަރެން ބޭނުން.." އެހެން ބުނިއިރު އައްބާސްގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އެމަންޒަރު ބަލަން އުނދަގޫވެ ހުރާޝާ އައްބާސްގެ ކޮނޑުގައި ބޯއަޅައިލިއެވެ. އޭނާގެ ދެލޮލުންވެސް ކަރުނަ ފާއްދާލި މިއަދު ލިބުނު ހިތާމަވެރި ޙަބަރުގެ ސަބަބުންނެވެ.
********************
ފެންވެރައިގެން ނަމާދަށް ގޮސްފައި އައިސް އާކިން އެނދުގައި ޖައްސާލިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައި މިއަދު އައްބާސް ދެއްކި ވާހަކަތަކެވެ. ހަޤީގަތުގައިވެސް އައްބާސް އެދައްކަނީ އޭނާގެ ކައިވެނީގެ ވާހަކަ ހެއްޔެވެ؟ ނަޖުވާ އާއި އޭނާގެ ގުޅުން އައްބާސް އަށް އެނގުނީ ހެއްޔެވެ؟ އެހެންވެ ސަޕްރައިޒެއްގެ ގޮތުގައި އޭނާއާއި ނަޖުވާގެ ކައިވެނި ހަމަޖައްސަނީ ހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް މިފަހަރު ރަށައް ގޮސްފައި އޭނާ އެނބުރި އަންނާނީ ދެއާއިލާ ކައިރީގައިވެސް އޭނާއާއި ނަޖުވާގެ ގުޅުމުގެ ވާހަކަ ބުނެފައެވެ. ވެގެންވަންޏާ ނަޖުވާ އޭނާގެ އަނތްބަކަށް ހަދައިގެންނެވެ. ނަޖުވާއަކީ އާކިންގެ ހިތުގައި އަށަގަތް އަލަތު ލޯތްބެވެ. ސްކޫލްގެ އެންމެ ފަހު ދައުރުއްސުރެން ފެށިގެން އޭނާއާއި ނަޖުވާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ނަޖުވާއަކީ އޭނާ ކުޑައިރުންސުރެންވެސް ދަންނަ ކުއްޖެކެވެ. އެކުވެރިކަން ލޯތްބަށް ބަދަލުވީ ކޮންއިރަކު ކިހިނެއް ކަމެއް އެމީހުންނަކަށްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނާ ނަޖުވާދެކެ އިންތިހާއަށް ލޯބިވާ ކަމެވެ. ނަޖުވާ ނޫން ކުއްޖެއް އެހަޔާތަށް ގުޅުވުމަކީ އާކިން ހިތަށްވެސް ގެންނަން ބޭނުންނުވާ ކަމެކެވެ. ނަޖުވާގެ ރީތި ސޫރަ ހިތުގައި ކުރެހިގެން ދިޔުމާއެކު އާކިންއަށް ހިނިތުންވެވުނެވެ. ކައިރީގައި އޮތް ފޯނު ނެގުމަށްފަހު ވައިބާރ ހުޅުވައިލިއެވެ. 'ލަވް' ޖަހާފައި އޮތް ނަމަށް ފިތާލުމާއެކު އޭނާއާއި ނަޖުވާގެ ދެމެދުގައި ދެކެވިފައި ހުރި ވާހަކަތައް ހުޅުވުނެވެ. މެސެޖެއް ލިޔަމުން ދިޔައިރު އާކިންގެ ތުންފަތްމަތީގައިވީ މާނަފުން ހިނިތުންވުމެކެވެ.
******************
އެނދުގައި ފޯނަށް ބަލަހައްޓައިގެން އޮތް ނަޖުވާގެ ތުންފަތްމަތީގައިވަނީ ލަދުރަކި ހިނިތުންވުމެކެވެ. ޑްރެސިންގް ޓޭބަލް ކައިރީގައި ރީތިވާން ހުރި ރޫބީއަށް އެނދުގައި ހެވިފައި އޮތް ނަޖުވާ ފެނުމުން އައީ ލާނެތް ހިންޏެކެވެ. ނަޖުވާގެ މޫނުމަތީގެ ކުލަވަރުން އޭނާ އެވާހަކަ ދައްކަނީ އާކިންއާ ކަން އެނގުނެވެ.
" ސާބަސް ސާބަސް.. ކާންވެސް ނުގޮސް ތިއޮންނަނީ މާފޮޅުވަން ދޯ..." އިސްތަށިގަނޑުގައި ފުނާއަޅަން ހުރި ރޫބީ ބުންޏެވެ.
" އަހަރެން ކުރާ ކަމަކަށް ނުބަލާ ރީތިވެބަލަ... ޑޯންޓް ޓެލް މީ މިރޭވެސް ތިއުޅެނީ ސައިފްއާ ބައްދަލުކުރާން ދާންކަމަށް.." ފޯނު އެއްފަރާތުގައި ބޭއްވުމަށްފަހު ކުރުއަތްމައްޗަށް އޮށޯންނަމުން ނަޖުވާ ބުންނެވެ.
" އަޅެ މާދަން ސައިފް ފުރާށޭ އުޅެނީ ޓްރެއިނިންގް އަށް.. މިރޭ ބައްދަލުކުރުން ވަރަށް މުހިންމު.. ދެން ނޭނގެ ފެންނާނެ ދުވަހެއްވެސް.. އެތަނަށް ގޮސް އެހާވަރަކަށް ނުވެސް ގުޅޭނެ..." ވޫލުކޮޅަކުން އިސްތަށިގަނޑު މައްޗަށް އައްސައިލަމުން ރޫބީ ބުންޏެވެ.
" އޯކޭ އޯކޭ.. އަވަހަށް ދޭ.. އެކަމަކު ލަސްނުވެ އަންނާތި.. ރޭގަވެސް ކިރިޔާ ބޭބެއަށް ފަޅާނޭރީ.." ނަޖުވާ ބުންޏެވެ. އެވަގުތު ފޯނަށް މަސެޖެއް އައި އަޑަށް އަނެއްކާވެސް ނަޖުވާ ފޯނު ނެގުމަށްފަހު ބަލައިލިއެވެ.
" މިރޭގެ ކަންތައް ހަމަވީތި.. ނަޖޫ ނިދާއިރުވެސް އާކިންގެ މެސެޖްތަކަށް ހުއްޓުމެއް ނާންނާނެ.." އިންތަނުން ތެދުވެ ދޮރާ ދިމާލަށް ހިނގައިގަންނަމުން ރޫބީ ބުންޏެވެ.
" ދިޔައީ ނަޖޫ... މަންމަ އަހައިފިއްޔާ ކޮންމެވެސް ގޮތަކުން ހަމަޖައްސާލާތި.." ނިކުތުމުގެ ކުރިން އަދިވެސް އެއްފަހަރު ނަޖުވާއާ ދިމާލަށް ބަލައިލަމުން ރޫބީ ބުންޏެވެ. ނަޖުވާ ބޯޖަހައިލި ފޯނަށް ބަލަން އޮވެއެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު ރޫބީ މަޑުމަޑުން ދޮރު ލައްޕައިލިއެވެ. އަމިއްލަ ގޭގައި ވަގެއް ފަދައިން މަޑު ފިޔަވަޅުތަކެއް އަޅަމުން ރޫބީ ނިކުތެވެ. އެވީހާއިރު ނޭވާ ހިފަހައްޓާލައިގެން ހުރި ރޫބީ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލީ ބޮޑު ދޮރާށިން ނިކުމެވުމުންނެވެ. މަގުގެ ދެފަރާތް ހޯދާލަމުން ކުރިމަތިން ފެންނަން އޮތް މަގާ ދިމާލަށް ރޫބީ ހިނގައިގަތެވެ. ފަނަރަވަރަކަށް މިނެޓް ފަހުން ރޫބީ ހުރީ އެރަށު ތުނޑި އޮންނަ މަގުގައެވެ. ގަސްތަކުގެ ތެރެއިން ވަދެގެން ދިޔަ ރޫބީއަށް ރާޅު ޖަހާ ފަށުގައި ފުރަގަހަށް ހުއްޓިގެން ހުރި ސައިފް ފެނުނެވެ. އިސްކޮޅުން ދިގު ސައިފްގެ ހިމަހަށިގަނޑުގައި ފަހަތުން އައިސް ރޫބީ ބައްދައިލިއެވެ. އެވަގުތު ފިރިހެންވަންތަ ލުއި ހުނުމެއްގެ އަޑު އިވިގެން ދިޔައެވެ. ސައިފް ރޫބީގެ އަތުގައި ފިރުމައިލުމަށްފަހު އެއަތުގައި ހިފައި ރޫބީ އޭނާގެ ކުރިމައްޗަށް ގެނައެވެ.
" ހާދަ ލަސްވީ..." ރޫބީގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން ސައިފް ބުންޏެވެ.
" މީހަކަށް ފެނިދާނެތީ ވަރަށް ބަލައިގެން މިއައީ.. ރޭގަވެސް ކިރިޔާއެއްނު ސަލާމަތްވީ.." ހީނލަމުން ރޫބީ ބުންޏެވެ. ރޫބީގެ އެ ހުނުމުގައި ސައިފްވެސް ބައިވެރިވިއެވެ. ސައިފް ރޫބީގެ އަތުގައި ހިފައިގެން ގޮސް ވެލިގަނޑުމަތީގައި އިށީނެވެ. ރޫބީ ސައިފްގެ ކޮނޑުމަތީގައި ބޯއަޅައިލިއެވެ. ވަކި އެއްޗެއް ނުބުނެ ސައިފް ރޫބީގެ ދޮން މޫނަށް ބަލަހައްޓައިގެން އިނެވެ. ފުރުމުގެ ކުރިން އޭނާ ބޭނުންވީ ހިތްފުރެންދެން ރޫބީގެ މޫނަށް ބަލައިލުމަށެވެ. އެމުޅި ހިސާބުންވެސް އިވެމުން ދިޔައީ ދޮންވެލިގަނޑަށް ރާޅުބީއްސާ އަޑާއި ގަސްގަހުގެ އެއްފަތް އަނެއްފަތާ ކޭއްތިލާ އަޑެވެ. ތަނަށް ވެރިވެފައިވީ ހިމޭންކަން ފޫއަޅުވައިލީ ރޫބީ ދޫކޮށްލި އާހަކުންނެވެ.
"އަޅެ ސައިފް އަހަރެން ގޮވައިގެން ދޭބަލަ.. އަހަރެން ކިހިނެއް ސައިފްއާ ނުލާ އުޅޭނީ..." ރޫބީ ދެރަވެލާފައި ބުންޏެވެ. ސައިފް ހީނލިއެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ޙުދު އޭނާވެސް ރޫބީއާ ދުރަށް ދާން ބޭނުމެއްނުވެއެވެ.
" އަހަރެންނަށް ވާނަމަ ދާނީ ރޫބީ ގޮވައިގެން..." ރޫބީގެ އަތްތިލައިގެ އިނގިލިތަކުގެ ތެރެއަށް އޭނާގެ އަތްތިލައިގެ އިނގިލިތައް މަހާލަމުން ސައިފް ބުންޏެވެ.
" އެހެންވެގެންނޭ އޭރު އަހަރެން ބުނީ މަންމަމެން ކައިރީގައި ބުނަން ހިނގާށޭ.. އޭރުން މިހާރު ތިބޭނީ މެރީ ކޮށްގެން..." ސައިފްގެ ކޮނޑުމަތިން ބޯހިއްލައިލުމަށްފަހު އޭނާގެ މޫނަށް ބަލައިލަމުން ރޫބީ ބުންޏެވެ.
" އަހަރެން ބޭނުންވީ އެންމެ ފުރަތަމަ އަހަރެންގެ ފިއުޗަރ ސެކިޔޯރ ކުރަން... ރޫބީގެ މައިންބަފައިން ބަލައިގަންނާނެ ފަދަ ޤާބިލު މީހަކަށް ވެގެން ރޫބީގެ މައިންބަފައިން ކައިރިއަށް ގޮސް ކައިވެންޏަށް އެދެން އަހަރެން ބޭނުންވަނީ.... އެންމެ ތިން މަސް ރޫބީ ކެތްކޮށްލަދީ.. އަހަރެން އެނބުރި އާދެވުނުހާ އަވަހަކަށް ރޫބީގެ ކައިވެންޏަށް އެދެން ދާނަން..." ރޫބީގެ އަތްތިލައިގައި ހިފައި ބާރުކޮށްލަމުން ސައިފް ބުންޏެވެ. ރޫބީ ހިނިތުންވެ އިނދެ ބޯޖަހައިލުމަށްފަހު އަނެއްކާވެސް ސައިފްގެ ކޮނޑުގައި ބޯއަޅައިލިއެވެ.
" އަހަރެން ވަރަށް މިސްވާނެ ރޫބީ މަތިން.. ކޮންމެ ދުވަހަކު ނުގުޅުނަސް ހަފްތާއަކު އެއްދުވަހު ނަމަވެސް ގުޅޭތޯ ބަލާނަން..." ޔަގީންކަން ދޭފަދަ ގޮތަކަށް ސައިފް ބުންޏެވެ.
" އައި ވިލް މިސް ޔޫ މޯރ... ތިންމަސްވަންދެން ސައިފް ނުފެންނާނޭ ހިތަށް އެރީމަ ވަރަށް ދެރަވޭ... " ރޫބީ ބުންޏެވެ.
" މީ ޓޫ ދޫންޏާ... އަހަރެންނަށް ކާމިޔާބު ލިބޭތޯ ދުޢާ ކުރާތި" ސައިފް ބުންޏެވެ.
" އަހަރެންގެ ދުޢާ އަބަދުވެސް ސައިފްއާ އެކު ވާނެ.." އެއޮތް ގޮތަށް އޮވެ ރޫބީ ބުންޏެވެ.
**********************
ހޮސްޕިޓަލުގެ ރިސެޕްޝަނުގައި އިން ނަޖުވާ ވިސްނަމުން ދިޔައީ ލޯބިވާ އެކުވެރިޔާ ރޫބީ އާ މެދުގައެވެ. ސައިފް ފުރައިގެން ދިޔަ ފަހުން ރޫބީގެ މޫނުމަތީގެ ކުލަވަރު ހުންނަނީ އޮއްސިފައެވެ. އަބަދު ހިނިތުންވެފައި ހުންނަ ކުއްޖާގެ ތުންފަތްމަތިން ހިނިތުންވުމެއް ފެންނަނީ މަދު ފަހަރަކުއެވެ. ބޭރަށް ނުނިކުމެ ގިނައިރު ރޫބީ އޮންނާނީ ކޮޓަރީގައެވެ. ނަޖުވާ ވިސްނަމުން ދިޔައީ ރޫބި އުފާކޮށްދޭން ކުރެވޭނެ ކަމަކާ މެދުގައެވެ. ރޫބީ އަބަދު ދެރަވެފައި ހުންނަތަން ދުށުމަކީ ނަޖުވާއަށް ކެތްވާނެ ކަމެއް ނޫނެވެ.
މިފަދަ ހިޔާލެއްގައި އިން ނަޖުވާ ސިހުނީ ނަޖުވާގެ ނަމުން ކުއްޖަކު ގޮވައިލުމުންނެވެ. ޑިއުޓީ ބަދަލުވާ ގަޑި ޖެހުނީކަން އެނގުމުން ނަޖުވާ ފޯނުން ގަޑި ބަލައިލިއެވެ. މެންދަމު ބާރަ ޖަހަން ގާތްވަނީއެވެ. ޑިއުޓީ ނިންމާލުމަށްފަހު ދަބަސް ކޮނޑުގައި އަޅުވައިގެން ނަޖުވާ އަވަހަށް ހިނގައިގަތީ ލަސްނުކޮށް ގެއަށް ދެވޭތޯއެވެ. ވަގުތުގެ ގޮތުން މަގުމަތިން އެއްވެސް އިންސާނެއް ނުފެނެއެވެ. މުޅި ހިސާބަށް އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. ފަންޏެއް ރޯލާ އަޑުވެސް ނީވެއެވެ. ގެ ހުންނަ މަގަށް ނިކުންނަ ގޯޅިން ލަނބާލިތަނުން ކޮންމެވެސް މީހަކު ނަޖުވާގެ އަތުގައި ހިފާ އެމީހަކާ ދިމާލަށް ދަމައިލިއެވެ. ލިބުނު ސިހުމުގައި ނަޖުވާ ހަޅޭއްލަވައިގަންނަން އުޅުނު ވަގުތު އެމީހަކު ނަޖުވާގެ އަނގަމަތީގައި އަތް އެޅިއެވެ.
ނުނިމޭ – ވާހަކައިގެ އާ ބައެއް، އިންޝާﷲ، 24 އޮކްޓޯބަރު ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް