ވާހަކަ: އެދެވޭތީ އަދު ބުނަމޭ.. - ފުރަތަމަ ބައި

ދުވަހުގެ އެންމެ ހޫނު ގަދަ ވަގުތެވެ. މޫދުގެ ހިތްގައިމު މާހައުލެވެ. މޫދުން ނަގާ ކުދި ކުދި ރާޅުތައް ސާފު ދޮންވެލިގަނޑަށް ބީއްސަމުން ދިޔައެވެ. މަތީގައި އުދުހެމުން ދިޔަ މުނިޔާތަކުގެ އަޑު މެދު ނުކެނޑެއެވެ. ...

19 Oct 2021 | 05:43

ދުވަހުގެ އެންމެ ހޫނު ގަދަ ވަގުތެވެ. މޫދުގެ ހިތްގައިމު މާހައުލެވެ. މޫދުން ނަގާ ކުދި ކުދި ރާޅުތައް ސާފު ދޮންވެލިގަނޑަށް ބީއްސަމުން ދިޔައެވެ. މަތީގައި އުދުހެމުން ދިޔަ މުނިޔާތަކުގެ އަޑު މެދު ނުކެނޑެއެވެ. ދޭތެރެއަކުން ޖެހިލާ ވައިރޯޅިން، ވަށައިގެންވާ ގަސްގަހުގެ ފަތްތައް އެއްރާގަކަށް ނަށަމުން ދެއެވެ.

މޫދުން އަރައިގެން އައި ދެއަންހެން ކުދިންގެ އަތްތިލަވަނީ ގުޅުވައިލެވިފައެވެ. އެކަކު ވާހަކަ ދައްކަމުން ދިޔައިރު އަނެކަކު ހެނީއެވެ. ހީވަނީ ވާހަކަ ދައްކަމުން ދިޔަ ކުއްޖާ މަޖާ ވާހަކައެއް ކިޔައިދޭ ހެންނެވެ. އެހެނީ އެކުއްޖާވެސް ވާހަކަ ދައްކަމުން ދިޔައިރު އިރުއިރުކޮޅާ ހެމުން ދިޔައެވެ. އިރުއިރުކޮޅާ އެކަކު އަނެކަކު ގައިގައި ޖަހައިވެސްލައެވެ. ދެކުދިން އައިސް ދޮންވެލި ގަނޑުމަތީގައި ދެފައި ދަމައިލައިގެން ފަހަތަށް ދެއަތް އެއްލައިގެން އިށީނެވެ.

" ކިރިޔާ ހަމަ ބައްޕައަށް ނުފެނި ސަލާމަތްވީ.. ސައިފް ބިރުގަނެފަ ހުރި ވަރު އޭނާ މޫނުމަތިން ފެނޭ... އަހަރެން ބުނިން ތިވަރުގެ މީހަކުހޭ ސިފައިންގެ ވަޒީފާއަށް ވަދެގެން ތިއުޅެނީ.." ހެމުން ހެމުން ރޫބީ ދައްކަމުން ދިޔައީ އޭނާގެ ލޯބިވެރިޔާ ސައިފްގެ ވާހަކައެވެ.

" އެހެންވެގެންނޭ އަހަރެން ބުނީ ދައްތައާއި ބޭބެ ކައިރީގައި ތިދެމީހުން ރައްޓެހިވެގެން އުޅޭ ވާހަކަ ބުނާށޭ.. ތިހެން އުޅެނިކޮށް ރީތިގޮތަކަށް ބަސްޓް ވާ ދުވަހު ބޭބެ ވަރަށް ރުޅި އަންނާނެކަން ޔަގީން.." މޫނުމައްޗަށް ސީރިއަސްކަން ގެންނަން މަސައްކަތް ކުރަމުން ނަޖުވާ ބުންޏެވެ.

" އަހަރެން އެކަނިތަ؟ ނަޖޫވެސް އަދި އާކިންގެ ވާހަކަ ބައްޕަ ކައިރީގައި ނުބުނަމެއްނު.. ނަޖޫ ބުނާ ދުވަހަކުން އަހަރެންވެސް ބުނާނަން.. " ނަޖުވާ އާ ދިމާލަށް ބަލައިލަމުން ރޫބީ ބުނީ ބުމަ އަރުވައިލަމުންނެވެ.

" އަހަރެންނާ ރޫބީ އާ ތަފާތެއްނު.. އަހަރެންނަކީ ރޫބީގެ މަންމައާ ބައްޕަ ބަލައިބޮޑުކުރި ކުއްޖެއް.. ރޫބީއަކީ އެމީހުންގެ އަމިއްލަ ލޭ... " ނަޖުވާގެ ވާހަކަ ހުރިގޮތުން ރޫބީގެ ތުންފަތްމަތީގައިވީ ހިނިތުންވުން ފިލައިގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ.

" ނަޖޫ ތިކަހަލަ ވާހަކަ ދައްކާތީއޭ އަހަރެން ފޫހިވަނީ.. އެއްލެޔަށް ނުވިޔަސް މަންމައާއި ބައްޕަ ދުވަހަކުވެސް އަހަރުމެން ދެމީހުން ތަފާތެއް ނުކުރެޔެއްނު.. ނަޖޫ ތީ މަންމަ ބަނޑުން ނުވިހާ ދަރިއެއް ފަދަ.. ބައްޕަވެސް ނަޖޫދެކެ ލޯބިވަނީ އަމިއްލަ ދަރިއެއް ފަދައިން.. " ރޫބީ ހިތްހަމަނުޖެހިފައި ބުންޏެވެ.

" ތިކަން އޮތީ ތިހެން.. އެކަމަކު ބަލައިބޮޑުކުރި ދަރިއަކާ އަމިއްލަ ދަރިއަކު ކޮންމެ ގޮތެއްވިޔަސް ތަފާތުވާނެ... ބައެއް ހާލަތްތަކުގަ ތަފާތު ކުރެވެންވެސް ކުރެވޭނެ.. އެއީ އިންސާނީ ފިތުރަތު.. " ދުރުބަލަން އިނދެ ނަޖުވާ ބުންޏެވެ.

" ނަޖޫ ތިކަހަލަ ވާހަކަ ދައްކާތީއޭ އަހަރެން ފޫހިވަނީ.. ނުވެސް އުޅެން މިތާ އިންނާކަށް.. މުޅި މޫޑު ހަރާބުކޮށްލައިފި." އިންތަނުން ތެދުވެ ހަރު ފިޔަވަޅުތަކެއްގައި ހިނގައިގަންނަމުން ރޫބީ ބުންޏެވެ. ރޫބީ ރުޅިއައި ކަން އެނގުމުން ނަޖުވާ ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. އިންތަނުން ތެދުވަމުން ނަޖުވާ ގޮސް ރޫބީގެ ކަރުގައި އެލިގަތެވެ.

" ރުޅި އައީތަ ބޭބް.. އެއީ އެހެން ބުނި އެއްޗެއް ނޫނޭ... ހަމަ ރުޅި އަރުވާލާހިތްވީ.." ރޫބީގެ ކޮނޑަށް އަތްވައްޓައިލައިގެން ހުރެ އަނެއް އަތުން ރޫބީގެ ކޮލުގައި ވިކައިލަމުން ނަޖުވާ ބުންޏެވެ. ރޫބީ ދެބުމަ ގޮށްޖަހައިލަމުން ނަޖުވާއާ ދިމާލަށް ބަލައިލި ނަމަވެސް އޭނާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ.

އުމުރުން އެކާވީސް އަހަރުގެ ރޫބީ އާއި ނަޖުވާއަކީ އެކަކު އަނެކަކު ދެކެ ލޯބިވާ އަދި ވަފާތެރި، ﷲ ތަޢާލާއަށް މެނުވީ އެކަކަށްވެސް ދުރުނުކުރެވޭނޭ ފަދަ ދުވަސްވީ ގާތް ދެރަޙުމަތްތެރިންނެވެ. އެދެމީހުންގެ ރަހުމަތްތެރިކަމުގެ ވަރުގަދަ ގުޅުމުގެ ވާހަކައަކީ ރަށަށް މަޝްހޫރު ވާހަކައެކެވެ. އެންމެ ކުޑައިރުން ފެށިގެން މިހާ ދުވަސްވީއިރު އެދެމީހުންގެ މެދުގައި ކުޑަވެސް މައްސަލައެއް ޖެހިފައި ނުވެއެވެ. ހަސަދަވެރިވާ ބައެއް މީހުން އެދެމީހުންގެ ގުޅުމުގައި ކޫރުލާން މަސައްކަތްކުރިނަމަވެސް ﷲގެ އިރާދަފުޅުން އެކަންވާނީ ނާކާމިޔާބުވެފައެވެ. އެކަކު އަނެކަކަށްޓަކާ ފުރާނަދޭންވެސް ތައްޔާރަށް ތިބި އެދެރަޙުމަތްތެރިން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ. ދެހށިގަނޑެއް ނަމަވެސް އެއްފުރާނަފަދަ ދެރަޙުމަތްތެރިންނެވެ.

ރޫބީއަކީ ރީނާއާއި މުއީންއަށް ލިބިފައިވާ ހަމައެކަނި ދަރިއެވެ. ރީނާގެ ހުރި މައްސަލަތަކެއްގެ ސަބަބުން އެކައިވެންޏަށް އިތުރު ދަރިއަކު ނުލިބެއެވެ. ނަޖުވާއަކީ ރީނާ ބަލައިބޮޑުކުރި ކުއްޖެކެވެ. ރީނާގެ މައިންބަފައިން ނިޔާވުމަށްފަހު ރީނާ ބަލައިބޮޑުކުރީ ނަޖުވާގެ މާމަ އަސްރާރެވެ. އަސްރާރަށް ލިބިފައިވާ ދެއަންހެންކުދިންގެ ތެރެއިން ނަދީމާއަކީ ނަޖުވާގެ މަންމައެވެ. އަނެއް ކުއްޖާ ޅަފުރާގައި ވަނީ މަރުވެފައެވެ. ރަށްމެދަށް ވިހެއުމަށްފަހު ވީނުވީއެއް ނޭނގި ނަދީމާ ވަނީ ގެއްލިފައެވެ. ބައްޕައަކީ ކާކުކަމެއް އެއްވެސް މިހަކަށް ނޭނގެއެވެ. ނަދީމާ ގެއްލުނީކަމެއް ނޫނީ ފިލައިގެން ދިޔައީ ކަމެއް އަސްރާރަކަށް ނޭނގުނެވެ. އެހެންނަމަވެސް ރަށުތެރޭ ދެކެވެނީ ބޭރު ގައުމަކަށް ނިސްބަތްވާ ނަދީމާގެ ލޯބިވެރިއަކާ އެކު ފިލައިގެން ދިޔައީ ކަމަށެވެ. ނަޖުވާއަށް ދެއަހަރުވިތަނާ އަސްރާރްވެސް ނިޔާވީއެވެ. އެހެންކަމުން ނަޖުވާގެ ހުރިހާ ޒިންމާއެއް ނެގީ ރީނާއެވެ. ރީނާ އާއި މުއީން ނަޖުވާ ބަލައިބޮޑުކުރީ ރޫބީ ފަދައިން އިންތިހާއަށް ލޯބިދީގެންނެވެ. އެހެންނަމަވެސް ފަހަރެއްގައިވެސް ނަޖުވާ، އޭނާ އަކީ އެމީހުންގެ އަސްލު ދަރިއެއް ނޫންކަން ހަނދާން ނައްތާ ނުލައެވެ.

****************

ނަޖުވާއާއި ރޫބީ ސަކަރާތް ޖަހަމުން އައިސް ގެއަށް ވަންއިރު ރީނާ އާއި މުއީން ގޯތިތެރޭގައި ހުރި ޖޯލީގައި ވާހަކަ ދައްކަން ތިއްބެވެ. އެދެކުދިން ފެނުމާއެކު އެމީހުން ވާހަކަ ދެއްކުން ހުއްޓައިލުމަށްފަހު  މޫނުމައްޗަށް ވެރިވެފައިވީ ނުތަނަވަސްކަން ފިލުވައިލަމުން ހިނިތުންވެލިއެވެ. ލޮލުގެ ކަނަކުން ފޭދިފައިވާ ކަރުނަތައް ރީނާ ފޮހެލީ އެދެކުދިންނަށް ނޭނގޭނެ ހެންނެވެ.

" ސާބަސް ހަމަ! މިއަދުވެސް ތިއައީ މިއޮއް ފަދަ ގަޑީގަ މޫދަށް އެރިގެން... މިހާރު ދެން ކޮންމެ ދުވަހެއްގެ އާދަޔަކަށް ވެއްޖެ މިކަންވެސް.." ތެމިފައިވާ ނަޖުވާއާއި ރޫބީއާ ދިމާލަށް ރީނާ ބުންޏެވެ.

"މިގަޑީގަ މޫދަށް އެރުނީމަ މަޖާވާނީ.. މިހާ ހޫނު ގަދަ ގަޑިއެއްގަ މޫދަށް އެރިލީމަ ހާދަ އަރާމޭ.." ރޫބީ ހިނިތުންވެލަމުން ބުންޏެވެ. ވަކި ޖަވާބެއް ނުދީ ރީނާގެ ނަޒަރު ދަތުރުކޮށްލީ ނަޖުވާއާއި ރޫބީ ލައިގެން ތިބި ހެދުމަށެވެ. ފުޅާ ހަރުވާޅަކާއެކު ގަޔަށް ދޫ ޓީޝާޓެއްގައި ރޫބީ ހުރިއިރު ނަޖުވާ ހުރީ ކުޑަ ސޯޓުކޮޅަކާއެކު ގަޔަށް ހިފިފައި ހުރި އަތްކުރު ޓީޝާޓެއް ލައިގެންނެވެ. ރީނާގެ ނަޒަރު ނަޖުވާއަށް ފާހަގަވެ ލައިގެން ހުރި ސޯޓަށް ދަމައިލެވުނެވެ.

" ބައްޕަ ހާދަ ފާޑަކަށް ތީނދީ.. އަދިވެސް ބޮލުގަ ރިއްސާތަ؟" ޖޯލީގައި އެއްދިމާލަކަށް ގެއްލިފައި އިން މުއީން ކައިރިއަށް ހުއްޓެމުން ރޫބީ އަހައިލިއެވެ. މުއީން ބޮލުގައި ރިއްސާތީ އުޅޭތާ ދުވަސްގަނޑެއް ވެއްޖެކަން ރޫބީއަށްވެސް އެނގެއެވެ. މުއީން އާއި ރީނާ އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ.

" ކުޑަކޮށް..." ހިނިތުންވާން މަސައްކަތް ކުރަމުން މުއީން ބުންޏެވެ. މުއީންގެ އެޖަވާބު ޤަބޫލުކުރާން ރޫބީއަށް އުނދަގޫވީ ކީއްވެކަމެއް ނޭނގުނެވެ. ލޮލަށް ޖަމާވާން ކައިރިވަމުން ދިޔަ ކަރުނަތައް ހިންދާލެވޭތޯ ރީނާ މަސައްކަތް ކުރަމުން ދިޔައެވެ.

" ބައްޕަ މިދަނީ އަސުރު ނަމާދަށް ދާން.. ބައްޕަ އަންނަންވާއިރަށް ނަޖޫ އާ ދެކުދިންވެގެން މީރު ޕިއްޒާއެއް އަޅާފައި ބަހައްޓާތި!" އިންތަނުން ތެދުވަމުން މުއީން ބުންޏެވެ. ރޫބީގެ އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރިން އޭނާ ބޭނުންވީ އެތަނުން ދާށެވެ. ދެން އިތުރަށް ސުވާލެއްކޮށްފިނަމަ ދޮގު ހަދަން އުނދަގޫ ވެދާނެތިއެވެ. މުއީން ދިޔަ ދިމާލަށް ރޫބީ ބަލަހައްޓައިގެން ހުރިއިރު ހިތުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. މުއީންގެ އުޅުމަށް ބަދަލެއް އައިސްފިކަން ޔަގީނެވެ.

" ދެންވެސް ދޭބަލަ ފެންވަރައިގެން ނަމާދުކޮށްގެން އަންނަން.. ބައްޕަ އެބުނީނު ހަވީރު ސަޔަށް ޕިއްޒާ ހަދައިދޭން.." ރީނާ ބުންޏެވެ. ރޫބީ ހިނިތުންވާން މަސައްކަތް ކުރަމުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ރޫބީގެ ފަހަތުން ނަޖުވާ ވެސް ހިނގައިގަތެވެ. އެހެންނަމަވެސް އެތެރެއަށް ވަނުމުގެ ކުރިން ރީނާ ނަޖުވާއަށް ގޮވައިލުމުން ހުއްޓެން ޖެހުނެވެ.

" ނަޖޫ މަޑުކޮށްބަލަ ދައްތަ ބޭނުން ވާހަކައެއް ބުނަން.. ރޫބީ ދޭބަލަ ފެންވަރައިގެން ނިކުންނަން ނަޖޫ ދާންވާއިރަށް.." ނަޖުވާ އާ އެކު ރޫބީވެސް ހުއްޓުމުން ރީނާ ބުންޏެވެ. އެންމެ ރަނގަޅޭ ބުނުމަށްފަހު ރޫބީ އެތެރެއަށް ވަދެގެން ދިޔައެވެ. ނަޖުވާގެ އަތުގައި ހިފައިގެން ރީނާ ގޮސް އިށީނީ ބޮޑު ފޭރުގަހުގެ ދަށުގައި ހުރި ޖޯލީގައެވެ.

" ނަޖޫ!! މިހާރު ތީ ފުރާފުރިހަމަ ވެފައި ހުރި އަންހެން ކުއްޖެއް.. އަންހެން ކުދިން ތިގޮތަށް ހެދުން އެޅުމަކީ އެހާ ރަނގަޅު ކަމެއް ނޫން.. ނަޖޫ ހެދުން އަޅާފައި ތިހުރި ގޮތް ދައްތައަށް އެއްގޮތަކަށްވެސް ކަމަކުނުދޭ! ތިހެން ހެދުން އެޅީމަ ފިތުނަވެރި ލޯތައް ގިނަވާނެ.. އަންހެން ކުދިންނަކި ވަރަށް ބަލައިގެން އުޅެން ޖެހޭ ބައެއް.. އަދި ދައްތައަށް ރަނގަޅީ ގޭތެރޭގައިވެސް ނަޖޫ އުޅޭއިރު ތިހާ ކުރު އެއްޗެހި ނުލުން.. އުއްމީދު ކުރަން ދައްތަ މިދެއްކި ވާހަކަތައް ނަޖޫ ޤަބޫލުކުރާނެ ކަމަށް...ދެން ދޭ އަވަހަށް ފެންވަރައިގެން ނަމާދުކޮށްގެން އަންނަން.." ނަޖުވާގެ ބުރަކަށީގައި ފިރުމައިލަމުން ރީނާ ބުންޏެވެ. ނަޖުވާ ހިނިތުންވާން މަސައްކަތް ކުރަމުން އިންތަނުން ތެދުވެގެން ހިނގައިގަތެވެ. ކޮޓަރިއާ ދިމާލަށް ހިނގަމުން ދިޔައިރު އެކި ކަހަލަގެ އެއްޗެހި ނަޖުވާގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. މީގެ ދެދުވަސް ކުރިން ރޫބީވެސް މޫދަށް ދިޔައީ ނަޖުވާ ލައިގެން ހުރި ކަހަލަ ޓީޝާޓާކާއި ސޯޓެއް ލައިގެންނެވެ. ކުރުއެއްޗެހި ލައިގެން ރޫބީވެސް ގޭތެރޭގައި އުޅެއެވެ. އެކަންކަން ރޫބީއަށް މަނާ ނުކޮށް އޭނާއަށް މަނާކުރީ ކީއްވެ ހެއްޔެވެ؟ އޭނާއަކީ އެމީހުންގެ ދަރިއަކަށް ނޫންވީމައި ހެއްޔެވެ؟ މިކަހަލަ އެތައް ޝަކުވާއެއް ނަޖުވާގެ ހިތުގައި ވިއެވެ. ނަޖުވާއަށް ނޭނގި އޮތް ކަމަކީ ރީނާ ރޫބި ކައިރީގައިވެސް ބޭރަށް ދާއިރު އެގޮތަށް ހެދުން ނޭޅުމަށް ނަސޭހަތްތެރިވިކަމެވެ. ގޭތެރޭގައި ކުރު އެއްޗެހި ލައިގެން އުޅުން ރޫބީއަށް މަނާ ނުކޮށް ނަޖުވާއަށް މަނާ ކުރެވުނީ ނަޖުވާއަކީ އެމީހުން އަމިއްލަ ދަރިއެއް ފަދައިން ގެންގުޅޭ ކުއްޖަކަށްވިޔަސް މުއީންއާ ނަޖުވާގެ ކައިވެނި ސައްޙަވާނެތީ މުއީން ވާނީ ނަޖުވާއަށް ހިލޭ ފިރިހެނެއް ކަމުގައިވާތީއެވެ. ރީނާއަށް ވެގެން ވަންޏާ އޭނާ ބޭނުންވަނީ ނަޖުވާވެސް އަދި ރޫބީވެސް އިސްލާމީ ހިޖާބުން ހިޖާބުވުމަށެވެ. އެހެންނަމަވެސް ރޫބީވެސް އަދި ނަޖުވާވެސް އޭނާ ދައްކާ ވާހަކަ ޤަބޫލުނުކުރަނީއެވެ.

*************************

ތަނަވަސް ބޮޑު ސިޓިންގްރޫމްގެ މެދުގައި ބެހެއްޓިފައިވާ  ބޮޑު ސޯފާގައި އައްބާސް އިނެވެ. ހުދުކުލައިގެ ގަމީސްމަތިން ނޫކުލައިގެ ވެސްޓެއް ލާފައިވާއިރު ހަމައެކުލައިގެ ކޯޓެއް ސޯފާގައި އޭނާގެ ކައިރީގައި އޮތެވެ. ކައިރީގައި އޭނާގެ އަތްތިލައިގައި ހިފަހައްޓައިލައިގެން އޭނާގެ އަންހެނުން ހުރާޝާއިނެވެ. އޭނާ އަޅާފައިވާ ރަތްކުލައިގެ ޝޯލްގެ ތެރެއިން ފެންނަން ހުރި އޭނާގެ ދޮން މޫނުމަތިންވެސް ފެންނަނީ މާޔޫސްކަމެވެ. އޮފީސް ނިންމާފައި ދެމަފިރިން ގެއަށް އައީ މީގެ އިރުކޮޅެއް ކުރިންނެވެ. ދެމީހުންގެ ކައިވެންޏަށް ތިރީސް އަހަރުވެފައި ވިޔަސް އަދިވެސް އެދެމަފިރިން ބަލާލާފައި ދުވަސްވީހެނެއް ހިޔެއް ނުވެއެވެ. އުނގުމަތީގައި އޮތް ހުރާޝާގެ ދަބަހުން އޭނާ ނެގީ އެންމެ މިޒަމާނުގެ ފޯނެކެވެ. ވަކިވަކިން ތިން މީހަކަށް ގުޅުމަށްފަހު އޭނާ އެދުނީ ކުރިއަށް އޮތް ވިހިމިނެޓް ތެރޭގައި ސިޓިންގްރޫމަށް އައުމަށެވެ. މުހިންމު ވާހަކައެއް ދައްކަން އޮތީމައެވެ.

އެމީހުން ތިބި ސޯފާގެ ފަހަތުގައި ހުރި ސިޑިން އެންމެ ފުރަތަމަ ފައިބައިގެން އައީ ދޮށީ ފިރިހެން ދަރި އަރީކާއި އޭނާގެ އަންހެނުން ޒޫނީއެވެ. ހަތާވީސް އަހަރުގެ އަރީކް އަކީ އަންހެންކުދިންގެ ހިތްތައް ދަމައިގަންނަފަދަ ގޮތެއް ހުންނަ ރީތި ޒުވާނެކެވެ. އޭނާގެ އަންހެނުން ޒޫނީވެސް ވަކި އޭނާއަށް ދުލެއް ނުކުރެއެވެ. އިސްކޮޅާއި ރޫފަ އެއްވަރުގެ ޒޫނީއަކީ ދޮން ރީތި ކުއްޖެކެވެ. އެންމެ އަޅައިގަންނަނީ އޭނާގެ މަޑުމުށި ކުލައިގެ ކަޅިއާއި ކުދިބުޅި އިސްތަށިގަނޑެވެ. އެދެމީހުން އައިސް އިށީނީ އައްބާސް އާއި ހުރާޝާ ތިބި ސޯފާއާ ދިމާލަށް ހުރި ސޯފާގައެވެ.

" ކިހިނެއްވީ މަމް... ބައްޕަ.. އެވްރިތިންގ އޯކޭ؟" ފަހަރަކު މީހެއްގެ މޫނަށް ވަކި ވަކިން ބަލައިލަމުން އަރީކް އަހައިލިއެވެ. އައްބާސް ވަކި ޖަވާބެއް ނުދެއެވެ.

" އެހެންމީހުން އަންނަންދެން މަޑުކޮށްލަންވީނު.. އޯކޭ ދޯ ދަރިފުޅަށް.." މަޑުމައިތިރި ރާގެއްގައި ހުރާޝާ ބުންޏެވެ. އޭނާއަކީ އެއް އިރެއްގައިވެސް ދަރިންނާ ރުންކުރުކޮށް މުހާތަބު ކުރާ މީހެއް ނޫނެވެ. ކިތަންމެ ރުޅިއަޔަސް އޭނާ ބަލަނީ ވީހާވެސް މަޑުމައިތިރިކޮށް ވާހަކަ ދެއްކޭތޯއެވެ.

" މިހާރު އަހަރެންވެސް ނުތަނަވަސް ވާން ފަށައިފި.. ކަމެއް ގޯސްވީތަ އަނެއްކާ؟" ޒޫނީއަށް ނީނދެވިގެން ބުންޏެވެ. އައްބާސްގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން އަރީކާއި ޒޫނީ ތިބީ ހިތްނުތަނަވަސްވެފައެވެ.

ގެއަށް ވަދެގެން އައި އާކިން ކޮނޑުގައި އޮތް ބެކްޕެކް ސޯފާއަށް އެއްލާފައި މިސްރާބުޖެހީ ވާތްފަރާތުން ތަންކޮޅެއް އެތެރޭގައި ހުރި ބަދިގެއާ ދިމާލަށެވެ. އޭނާ ކަރުހިއްކައިގަނެފައި ހުރި މިންވަރު ނިކުމެފައި ހުރި ލަނގޮޑިން ހެކިދެއެވެ. އެތާތިބި އެކަކުވެސް އޭނާ ހުއްޓުވަން ނޫޅުނީ މިވަގުތު އޭނާ ވަރުބަލިވެފައި ހުރިވަރު އެނގޭތީއެވެ. ލައިގެން ހުރި ބެނިއަން އާ އެކު ކަކުލުން މައްޗަށް ހުރި ސޯޓުގައި ހުރި އާކިން އަންހެންކުދިންގެ ކަތި ނަޒަރުތައް އަމާޒުވާހާ ރީއްޗެވެ. އޭނާއަށް ލިބިފައިވާ ކަސްރަތީ ހަށިގަނޑު ފެނުނު ކޮންމެ މީހަކު އޭނާއަށް ތައުރީފު ކުރާނެކަން ޔަގީނެވެ. ދާހިއްލާފައި ހުރިއިރު ނިތްކުރިމަތިން ފާޅުވަމުންދާ ދާތިކިތަކުން އޭނާގެ ހަށިގަނޑު ވަރުބަލިވެފައިވާ މިންވަރު ހާމަވެއެވެ. އަނގަ އާ ދިމާކޮށް އަޅަމުންދިޔަ ފެންތަކުން ބައެއް ފައިބަމުންދިޔަ އިރު އެ ފެންތަކުން ލައިގެން ހުރި ޓީޝާޓުން ބައެއް ތެމެމުން ދިޔައެވެ. ހަރަކާތްތައް އަވަސްކޮށްލާފައި އޭނާ އަލުން މިސްރާބުޖެހީ ސިޓިންގްރޫމަށެވެ. މާބޮޑަށް ދާހިއްލާފައި ހުރުމުން ސޯފާގައި އިށީންނާކަށް އާކިން ބޭނުމެއް ނުވިއެވެ. ބަދަލުގައި އޭނާ އިށީނީ ހުރާޝާ އިން ދިމާލުން ސޯފާގެ އަތްގަނޑުމަތީގައެވެ.

" ސޮރީ ކުޑަކޮށް ލަސްވީމަ.. ކީއްކުރަން މަމް ގުޅާފަ އަންނަން ބުނީ..؟" އާކިން ސުވާލުކޮށްލިއެވެ. ހުރާޝާއަށް ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ގޭތެރެއަށް އައިސްވަނީ އެމީހުންގެ އެންމެ ދޮށީ ދަރި އަދި އެންމެ އަންހެންދަރި އަމްރާއެވެ. އަރީކާއި އާކިން ފަދައިން އަމްރާއަކީ ވެސް ބަލާލަން ރިތި ކުއްޖެކެވެ. އޭނާއަކީ މާލޭގައި އަމިއްލަ ކްލިނިކެއް ހިންގާ ކުޅަދާނަ ކުޑަކުދިންގެ ޑޮކްޓަރެކެވެ. ހިނިތުންވުމެއްގައި ހުރެ އޭނާ އައިސް އިށީނީ އައްބާސް އިން ދިމާލުން ވާތް ފަރާތުގައި ހުރި ގޮނޑީގައެވެ.

" ސޮރީ ކުޑަކޮށް ލަސްވީމަ.. އެންމެ ފަހު ޕޭޝަންޓު ބަލަން އިންދަ މަމް ގުޅީ.. ނިންމާފައެއްނު އާދެވޭނީ.. " މައާފަށް އެދެމުން އަމްރާ ބުންޏެވެ.

" މަމް ދެން މިހާރު ހުރިހާ އެންމެން ހަމަވީ.. ބައްޕައަށް ކިހިނެއްވެފަތަ އޭނދީ.. " ކެތްމަދުވެފައި އިނދެ އަރީކް އަހައިލިއެވެ. އެވަގުތު އެތާ ތިބި އެންމެންގެ ނަޒަރުވެސް ހުއްޓިފައި ހުރީ އައްބާސްއަށެވެ. ހުރާޝާ އައްބާސްގެ ކޮނޑުގައި އަތްބާއްވަލީ ދެން ވާހަކަ ދައްކަން ފަށާށޭ ބުނާފަދަ ގޮތަކަށެވެ. އެވީހާއިރު އެއްދިމާލަކަށް ބަލަހައްޓައިގެން އިން އައްބާސް ދެއަތުގެ އުޅަބޮނށި ދެކަކުލުގައި އަޅުވައިލަމުން ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ.

" އެއްވެސް ކުއްޖަކު ހާސްނުވާތި.. ބައްޕައަށް އެއްވެސް ކަމެއް ނުވޭ އިނގޭ! ބައްޕަ ކުޑަކޮށް ބޮލުގަ ރިއްސާތީ މިއަދު މިހެން އިނދެވެނީ... އަސްލު ބައްޕަ ދައްކަން އުޅުނު ވާހަކައަކީ މަންމައާއި ބައްޕަ އެބަވިސްނަން ތަންކޮޅެއް ދިގު ޗުއްޓީއެއް ނަގައިގެން މަންމަގެ ރަށައް ގޮސްލަން.. މަންމަވެސް ބައްޕަވެސް ބޭނުންވަނީ ދާއިރު ދަރިފުޅުމެން ގޮވައިގެން ދާން.." މަޑުމައިތިރިކަމާއެކު އައްބާސް ބުންޏެވެ. އެވަގުތު ހުރިހާ ކުދިންގެ ތުންފަތްމަތިންވެސް ފެނިގެން ދިޔައީ ހިނިތުންވުމެކެވެ. އޭގެތެރެއިންވެސް އާކިން ދެލޯ ވިދައިގަތީ ލިބުނު އުފާވެރި ޙަބަރުންނެވެ. ޙުދު އޭނާވެސް އެހުންނަނީ ރަށައް ދާން ބޭނުންވެފައެވެ.

" ޔޭ އައިމް ސޯ އެކްސައިޓެޑް.. " ޒޫނީ ބުންޏެވެ.

" އަޅުގަނޑުމެން ހަމަ ދާން ތައްޔާރު.. އެކަމަކު އެވާހަކަ ބުނަންވެގެންތަ ބައްޕަ އެންމެން އެއްތަން ކުރީ.. އަޅުގަނޑު ހީކުރީ ބޮޑުކަމެއްވީއޭ.." އަމްރާ ބުންޏެވެ. އައްބާސް ހިނިތުންވާން މަސައްކަތް ކުރަމުން ބަލައިލީ ހުރާޝާ ކައިރީގައި އިން އާކިން އަށެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ކުރި ބަލައިލިއެވެ.

" މިފަހަރު ކުރަން މިއުޅެނީ އާދައިގެ ދަތުރެއް ނޫން.. މިފަހަރު އިރާދަކުރެއްވިއްޔާ އަހަރެމެން އެނބުރި އަންނާނީ އާއިލާއަށް އިތުރު މެމްބަރެއް ގޮވައިގެން.." ހުރާޝާ ބުންޏެވެ.

" ތިބުނީ؟" ހައިރާންވެފައި އިނދެ އަރީކް އަހައިލިއެވެ. އާކިންއާއި އަމްރާ އަދި ޒޫނީވެސް އިނީ ހައިރާންވެފައެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 21 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އާއި 11:00 އާއި ދެމެދުގެ ވަގުތެއްގައި ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

މި ވާހަކައިގެ އެޕިސޯޑްތައް ގެނެސްދެވޭނީ ހަފްތާގެ، އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް