ޕާކިސްތާނުގައި 27 މެއި 2009 ވަނަ އަހަރު، އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި މަރުވި ހ.މޮސްކޯގެ އަލީ ޖަލީލްކަމަށް ބުނާ މީހެއްގެ އޯޑިއޯ ކްލިޕެއްގައި ރާއްޖޭގެ ރައީސްކަން ކުރި މުހައްމަދު ނަޝީދާއި އަދި އެހެން ސިޔާސީ މީހުން މަރާލަން ޖަމިއްޔަތުއް ސަލަފުން ރޭވިކަމަށް ބުނާ ބުނުމަށް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ކޮންބައެއްކަން ނޭނގޭ އޮންލައިން ނޫހަކުން ނެރިފައިވާ އަލީ ޖަލީލުކަމަށް ބުނާ މިއޯޑިއޯ އާ ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢަބްދުﷲ ވިދާޅުވީ އޯޑިއޯއަށް އިންނާނީ ޖަވާބު ދީފައި ކަމަށާއި އެއީ އައްނަޙްލު ސޫރަތުގެ 105 ވަނަ އާޔަތް ކަމަށެވެ.އަދި ތިޔައީ އިތުރަށް އެއްޗެއް ބުނާވަރުގެ ވާހަކައެއް ނޫންކަމަށާއި އެހެންވެ އިތުރު އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ވިދާޅުވިއެވެ.
އޯޑިއޯ އާއި ބެހޭގޮތުން ތަފާތު މީހުން ކުރަމުންދާ ސުވާލުތަކަށް ޖަވާބެއްގެ ގޮތުގައި ޝައިޚް ޢަބްދުﷲ ޓްވީޓް ކުރާއްވާފައިވަނީ އައްނަޙްލު ސޫރަތުގެ 105 ވަނަ އާޔަތެވެ. އެއީ (( إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّـهِ ۖ وَأُولَـٰئِكَ هُمُ الْكَاذِبُونَ)) . މާނައީ "ދޮގުހަދާކަން ކަށަވަރީ، ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ، ދޮގުވެރިންނެވެ."
ޝައިޚް ޢަބްދުﷲ ގެ މި ޓްވީޓުން އަލީޖަލީލް ކަމަށް ބުނާ މީހާގެ އޯޑިއޯގައި އެވަނީ ކަނޑައެޅިގެން ބުހުތާނު ދޮގުކަން ދޭހަވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް