ސީސީ ޓީވީ ފުޓޭޖެއް ނޫނެވެ. އަޅަމެން ކުރާ ކޮންމެ ކަމެއް މާތް ﷲ ދެނެވޮޑިގެން ވެއެވެ.

ދާދި މިދާކަށް ދުވަހު ހިނގާދިޔަ މި ހާދިސާއަކީ ހަމަގައިމުވެސް އަހަރެމެން ދިވެހީންނަށް އިބުރަތަކަށް ފުދެއެވެ. ހަނދާން ނެތިގެން މީހަކަށް ފިހާރައެއްގެ ތެރޭގައި ބޭއްވުނު ވޮލެޓަކުން މެދު އުމުރު ފުރައިގެ ދެމަ...

23 Jun 2019 | 04:24

ދާދި މިދާކަށް ދުވަހު ހިނގާދިޔަ މި ހާދިސާއަކީ ހަމަގައިމުވެސް އަހަރެމެން ދިވެހީންނަށް އިބުރަތަކަށް ފުދެއެވެ.

ހަނދާން ނެތިގެން މީހަކަށް ފިހާރައެއްގެ ތެރޭގައި ބޭއްވުނު ވޮލެޓަކުން މެދު އުމުރު ފުރައިގެ ދެމަފިރިއަކު ހެވި ދިލިފައިތިބެ ވިޔަފާރި ކުރިއެވެ. އަދި އެ ވޮލެޓު އެހިސާބުން ވަގަށްވެސް ނެގިއެވެ. އެ ދެމަފިރިންނަށް "ރަންގަނޑެއް" ނުވަތަ ބޮޑު ނިޢުމަތެއް ލިބުނު ފަދައެވެ. ތިބީ އެހާވެސް ހެވިފައެވެ.

އެހެން ނަމަވެސް ސީސީޓީވީ ފުޓޭޖް މުޅި ސޯޝަލް މީޑިއާގައްޔާއި ލޯކަލް މީޑީއާގައި ވައިރަލްވެ އެ ދެމަފިރިން ފަޟީހަތްވިއެވެ. ޖެހިގެން އައި ދުވަހު އެ ދެމަފިރިން އެކުގައި ގޮސް އެ ވޮލެޓު ފުލުހުންނާއި ހަވާލުވެސް ކުރިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ވޮލެޓު އެ ދެމަފިރިން ފުލުހުންނާއި ހަވާލުކުރީ އޭގެން ވިޔަފާރި ކުރި އަދަދުވެސް ހިމެނުމަށްފަހުގައެވެ.

ސީސީޓީވީ ފުޓޭޖް އާއްމު ނުވިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެ ދެމަފިރިން އެ ވޮލެޓު ނުވަތަ އެ ވޮލެޓުގައިވާ ފައިސާ ހަވާލު ކުރާނެހެއްޔެވެ؟ ހަމަ ގައިމުވެސް އެ ދެމަފިރިންގެ އަމަލުތައް އެ ދުވަހު ހުރިގޮތުން ހެޔޮ ނިޔަތެއްގައި އެ ވޮލެޓު ފުލުހުންނާއި ނުވަތަ އޭގެ ވެރިފަރާތާ ހަވާލު ކުރާނެ ކަމަކަށް ނުބެލެވެއެވެ.

އަހަރެމެންނަކީ މުސްލިމުންނެވެ. އަހަރެމެންގެ އިލާހަކީ އެއްކައުވަންތަ އިލާހެއް ކަމަށާއި، އަޅުކަންވެވޭ އިތުރު ފަރާތެއް ނުވާކަން އަޅަމެން ޤަބޫލު ކުރަމެވެ. އަދި މާތް ﷲ އަކީ އަޅަމެން ކުރާ ހުރިހާކަމެއް މޮޅަށް ދެނެ ދެކެވޮޑިގެންވާ އިލާހު ކަމުގައިވެސް އަޅަމެން ގަބޫލު ކުރަމެވެ.

އޭ އަޚާއެވެ. އޭ އުޚްތާއެވެ. އަހަރެމެން މި މުޖްތަމައުން މި ފެންނަމުން އަންނަނީ ކޮންފަދަ މަންޒަރުތަކެއް ހެއްޔެވެ. އަނެކާގެ ހައްގަށް ގިނަ ގިނައިން އަރައިގަންނަ މަންޒަރެވެ. ވައްކަމާއި ފޭރުން އާންމުވެފައިވާ މަންޒަރެވެ. ދެމަފިރިން އެކުގައްޔާއި މޫނު ބުރުގާ އަޅައިގެންވެސް ވައްކަން ކުރާ މަންޒަރެވެ. ޢީބަ ބުނުމާއި ނެތިމޮށުންވެސް މި މުޖްތަމައުގައި މިއަދު އިންތިހާއެވެ. އަނެކާ އާއިމެދު ވިސްނާ ހަމަ އެކަކުވެސް މިއަދު ނުފެންނަ ފަދައެވެ.

މުސްލިމުންނަށް ވީހިނދު ހަނދާން އާކޮށް ޤަބޫލު ކުރަންޖެހޭ ހަޤީގަތްތަކެއް އެބަހުރި ނޫންހެއްޔެވެ. މި ދުނިޔެއަކީ ވަގުތީ ތަނެއް ކަމެވެ. މަރުވުމަށްފަހު އަލުން ދިރުއްވާނެ ކަމެވެ. ހިސާބު ބައްލަވާނެ ކަމެވެ. އެމީހަކު ކުޅަ އަމަލެއްގެ ހެޔޮ ޖަޒާ އާއި އަޒާބު އެމީހަކަށް އާޚިރަތް ދުވަހު ދެއްވާނެ ކަމެވެ.

އެހެންކަމުން ހެޔޮ އަމަލު ކުރުން މަތީ އަދި ނުބައި އަމަލުތަކުން ދުރުވުން މަތީގައި އަހަރެމެންގެ ހަޔާތް ވެއަތު ކުރަން ހިނގާށެވެ. ކުރާ ކޮންމެ ނުބައި އަމަލެއް ސީސީ ޓީވީ ކެމެރާއަށް ރެކޯޑު ނުވެދާނެއެވެ. އެ މަންޒަރު ވައިރަލްވެސް ނުވެދާނެއެވެ. އެހެންނަމަވެސް ކުރާ ކޮންމެ އަމަލެއް، ހަމަ ކޮންމެ އަމަލެއް މާތް ﷲ ދެކެ ދެނެވޮޑިގެން ވެއެވެ. އާޚިރަތް ދުވަހަށް އީމާންވެ ބިރުވެތި ވަމާ ހިނގާށެވެ. ނުބައި ނުލަފާ އާދަތައް ދޫކޮށް ހެޔޮ ލަފާ މުޖްތަމައެއް ބިނާ ކުރުމަށް ކޮންމެ ފަރުދަކުމެ މަސައްކަތް ކުރަމާ ހިނގާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް