އދ ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާ ޢަބްދުﷲ ޝާހިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ދަތުރަކީ އެގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. އަދި މިއީ ތިން ދުވަހުގެ ދަތުރެއް ކަމަށެވެ.
މި ދަތުރުގައި، ދެގައުމުން އިސްކަންދޭ ކަންތައްތަކާއި ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވަނީ މައުލުމާތު ލިބިފަ އެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީއާއި ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކާއި އދ. އަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމުގެ މަގާމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
އެމެރިކާގެ ނިއުޔޯކުގައި ޝާހިދު ހުންނެވިއިރު ޝާހިދު ވަނީ އ.ދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރާއްޖެ އަށް ވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް