ނައިފަރު ދާއިރާއަށް ވާދަކުރާ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓު، އަލްއުސްތާޛް އަބްދުﷲ އަބަދުލް ހަކީމްގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށް ދާކަމަށް، އަބްދުﷲ ގެ ކެމްޕެއިން މެނޭޖަރު ހުސައިން ވިދާޅުވެއްޖެއެވެ.
ހުސައިން ވިދާޅުވިގޮތުގައި، ކެމްޕެއިން ހަރަކާތްތައް ހިންގުމުގެ ގޮތުން، މިހާރު ވަނީ ކެމްޕެއިން އެކްޓިވިޓީ ޝެޑިއުލް އެއް ހަދާފައެވެ. މި ޝެޑިއުލްގެ ފަށުން ކެމްޕެއިން ކޮމިޓީއެއްވެސް ވަނީ އެކުލަވާލައިފައެވެ. މީގެ އިތުރުން ދާއިރާގެ ރައްޔިތުންގެ ކައިރިޔަށް ދޮރުން ދޮރަށް ހިނގުމާއި، މާލޭގައި ދިރިއުޅޭ ދާއިރާގެ ރައްޔިތުން ދިރިއުޅޭ ގެތަކަށް ޒިއާރަތްކުރުން ހަމަޖެހިފައިވާކަމަށް ހުސައިން މައުލޫމާތުދެއެވެ.
ކެމްޕެއިން ހަރަކާތެއްގެ ގޮތުން، ކޯލް ސެންޓަރުގެ މަސައްކަތް ފަށައި، ދާއިރާގެ ރައްޔިތުންނާއި ފޯނުން ގުޅައި ކެނޑިޑޭޓާ މެދު ދެކޭގޮތް، ރައްޔިތުންގެ ފަރާތުން ހޯދުމުގެ މަސައްކަތްވެސް ކުރެވެމުން އަންނަ ކަމަށް ހުސައިން ވިދާޅުވިއެވެ. މިއާއި އެކު މިހާރު ވަނީ މާލޭގައި ކެމްޕެއިން އޮފީހެއްވެސް ހުޅުވާފައެވެ.
އަބްދުﷲ އަށް ކެމްޕެއިން ކުރުމުގެ ގޮތުން މިހާރު ވަނީ ނައިފަރުގައި ބެނާ ދަމައި، ބިލްބޯޑާއި ޕޯސްޓާ ތަތްކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ގޭގެއަށް ލީފްލެޓްއާއި ސްޓިކާ ބެހުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް ހުސައިން ވިދާޅުވިއެވެ.
މީގެ އިތުރުން ނައިފަރުގައި ގާއިމްކޮށްފައިވާ ޖަގަހައިގައި އާންމު ޖަލްސާތައް ބޭއްވުމާއި، ފަރިއްކޮޅުވުންތައްވެސް އާދައިގެ މަތިން ބާއްވާކަމަށް ހުސައިން މައުލޫމާތު ދިނެވެ.
އަބްދުﷲ އަށް ނައިފަރުން ތާއީދު އޮތްކަމާއި، ޖޭޕީގެ މެމްބަރުންގެ އިތުރުން ވަކި ކޮޅަކަށް ނުޖެހި ތިބި ރައްޔިތުންގެ ސަޕޯޓުވެސް ވަނީ އަބްދުﷲ އާއި އެކު ކަމަށް ހުސައިން އިތުރަށް ވިދާޅުވިއެވެ. އަބްދުﷲ ގެ ކެނޑިޑޭޓް ނަމްބަރަކީ 1އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް