ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ނިންމައިފިއެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ ދެ ނަމެކެވެ. އެއީ ފަތުހުﷲ ގެ އިތުރުން އިސްމާއީލް ނާޝިދުގެ ނަމެވެ. މީގެތެރެއިން ފަތުހުﷲ އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރެކެވެ. އަދި ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓު ކޮމިޝަނަރެވެ. އޭނާ ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 18 އަހަރު މިހާރު ވަނީ ވެފައެވެ.
މި ދެ ބޭފުޅުންގެ ނަން ދިރާސާކުރިއިރު ކޮމެޓީން ވަނީ ދެ ބޭފުޅުންގެ ނަމަށް އާއްމުންގެ ހިޔާލު ހޯދަންވެސް ހުޅުވާލައިފައެވެ.
ފަތުހުﷲ ގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށްވެސް ކޮމެޓީން ވަނީ ދެ ބޭފުޅަކު އައްޔަން ކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. މީރާގެ އިސް މަގާމުތަކަށް ހުސްވެފައި މިވަނީ މީރާގެ ގާނޫނަށް ގެނައި އިސްލާހަކުން ކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް