شعبان މަހު ރޯދަ ހިފުން ގިނަ ކުރަން ޢަޒުމް ކަނޑައަޅާ !

ރަމަޟާން މަސް އައިސް އަޅުގަނޑުމެންނާ ބައްދަލުކުރަން ދާދި ކުޑަދުވަސްކޮޅަކަށްވީއެވެ. އަޅުގަނޑުމެން މިހާރުއްސުރެ މިދަނީ އެމަހަށްޓަކައި ގެއާއި ބަދިގެ  ތައްޔާރުކުރަމުންނެވެ. ހާރަށާއި ރޯދަވިއްލުމަށް ތައްޔާރ...

17 Apr 2018 | 04:27

ރަމަޟާން މަސް އައިސް އަޅުގަނޑުމެންނާ ބައްދަލުކުރަން ދާދި ކުޑަދުވަސްކޮޅަކަށްވީއެވެ. އަޅުގަނޑުމެން މިހާރުއްސުރެ މިދަނީ އެމަހަށްޓަކައި ގެއާއި ބަދިގެ  ތައްޔާރުކުރަމުންނެވެ. ހާރަށާއި ރޯދަވިއްލުމަށް ތައްޔާރުކުރާނެ ތަކެއްޗާއި މެދު ވިސްނަމުންނެވެ. މިކަންތައްތަކުގައި އަޅުގަނޑުމެން އާފިލުވެފައިވަނިކޮށް މިވަނީ ބަރަކާތްތެރި ޝައުބާން މަސް ފެށިފައެވެ. ޝައުބާންމަހުގައި ގިނަގިނައިން  ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

ޝައުބާން މަހަކީ ރަމަޝާން މަސް ފިޔަވައި އެމަހެއްގައި އެންމެ ގިނައިން ކީރިތި ރަސޫލާ ރޯދަފުޅު ހިއްޕެވި މައްސަރެވެ. މާތް اللَّهُ އެކަމަނާއަށް ރުއްސުން ލެއްވި ޢާއިޝާގެފާ ނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ.. ”(ރަމަޟާންމަސް ފިޔަވައި) ޝަޢުބާންމަސްނޫން އެހެން މަހެއްގައި، އެ މަހުގެ ހުރިހާ ދުވަހަކު މާތްނަބިއްޔާ صلىاللهعليهوسلم  ރޯދަފުޅުހިއްޕަވާކަމުގައެއް ނުވެއެވެ. ފަހެ، ހަމަކަށަވަރުން، އެކަލޭގެފާނު ޝަޢުބާން މަހުގެ ކޮންމެ ދުވަހަކު ރޯދަފުޅަށް ހުންނަވައެވެ”

ޝައުބާން މަހަކީ ރަމަޝާންމަހާ ރަޖަބު މަހާ ދެމެދުގައިވާ މައްސަރެވެ. އަދި އެއީ މީސްތަކުން އެ މައްސަރަކާމެދު ޣާފިލްވެފައިވާ މަހެކެވެ. އެ މައްސަރުގައި މީސްތަކުންގެ އަމަލުތައް ﷲ ގެ ޙަޟްރަތަށް އުފުއްލެވެއެވެ. އެހެންކަމުން ކީރިތި ރަސޫލާ ރޯދަ ފުޅަށް ހުންނަވަނިކޮށް އެކަލޭގެފާނުގެ އަމަލުފުޅުތައް ﷲ ގެ ޙަޟްރަތަށް އުފުއްލެވުމަށް އެކަލޭގެފާނު ލޯބިވެވަޑައިގަންނަވައެވެ. އެކަލޭގެފާނު ޝައުބާން މަހުގެ ގިނަ ދުވަހު ރޯދައަށް ހުންނެވުމަށް އެދިވަޑައިގަންނަވަނީ މި ސަބަބަށްޓަކައެވެ.

މާތް ﷲ ރުއްސުންލެއްވި އުސާމާ ބިން ޒައިދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. (لَمْ أَرَك تَصُومُ مِنْ شَهْر مِنْ الشُّهُور مَا تَصُوم مِنْ شَعْبَان , قَالَ : ذَلِكَ شَهْرٌ يَغْفُلُ النَّاس عَنْهُ بَيْنَ رَجَبٍ وَرَمَضَان , وَهُوَ شَهْر تُرْفَعُ فِيهِ الأَعْمَال إِلَى رَبّ الْعَالَمِينَ ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ) اهـ حسنه الألباني في صحيح النسائي (2221).

“ޝަޢްބާން މަސް ފިޔަވާ އެހެން މައްސަރެއްގައި ކަލޭގެފާނު އެހާ ގިނައިން ރޯދަ ހިއްޕަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުއެވެ”. ޙަދީޘް ކުރެއްވިއެވެ، “އެއީ މީސްތަކުން ޣާފިލުވެފައިވާ މަހެކެވެ. ރަޖަބާއި ރަމަޟާން އާއި ދެމެދުގައިވާ މަހެކެވެ. އެމަހަކީ ﷲ ގެ ޙަޟްރަތަށް އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލުތައް ރޯދައަށް ހުންނަވަނިކޮށް އުފުއްލެވުމަށް ލޯބި ކުރައްވަމެވެ”.

ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. ރޯދަ މަސް ކައިރިވުމުން ގެއާއި ގޯތިތެރެ ޒީނަތްތެރިކުރުމަށް ވުރެ މި ފަދަ އަޅުކަންތަކަށް އިސްކަންދެމާ ހިންގަވާށެވެ. ތަފާތު ކާނާތަކުން ބަދިގެ މުއްސަނދިކުރުމުގެ ބަދަލުގައި އީމާންތެރިކަން ވަރުގަދަކުރުމަށް ސުންނަތް ރޯދަ ހިފުން ގިނަކުރަން އަޒުމް ކަނޑައަޅަމާ ހިނގާށެވެ. ސަވާބާއި ދަރުމަ ލިބުން އޮތީ ގޭއާއި ބަދިގޭގައިވާ ޒީނަތްތެރިކަމަކުން ނޫނެވެ. ﷲ އަށް ހިތް ޚާލިސްކޮށް ކުރާ އަޅުކަންތަކުންނެވެ. ޝައުބާން މަހާ ބައްދަލުކުރުމުގެ ނަސީބު މިއަދު އަޅުގަނޑުމެންނަށް މިވަނީ ލިބިފައެވެ. މިއީ މިމަހާއި ބައްދަލުވާނެ އެންމެ ފަހުފަހަރުކަމަށްވެސް ވެދާނެއެވެ. އަންނަ އަހަރު މި ނަސީބު ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ވީއިރު މި ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެެވެ. ވެހޭތާ ފެން ނަގާށެވެ. މި މާތް މައްސަރުގެ ދަރުމަ އާއި ސަވާބު އެދިގެން ހެޔޮ އަމަލު ގިނަކޮށް ރޯދަ ހިފުން އިތުރުކުރާށެވެ. ސަލާމަތާއި ނަސީބުލިބޭނީ އޭރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް