އެދުވަހު އިންޑިއާ ސަރުކާރުން ވެދެއްވި އަސްކަރީ އެހީތެރިކަން އަބަދުމެ ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާނެކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ނޫސްބަޔާނުގައެވެ.
"މިއަދު މިފާހަގަ ކުރާ 31 ވަނަ ނަސްރުގެ ދުވަހަކީ، މި ގައުމަށްޓަކައި ޖާނުން ގުރުބާންވީ ފަރާތްތަކުގެ ހަނދާންތައް އާކުރާ ދުވަހެވެ. އެދުވަހު ޝަހީދުވި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭފުޅުންނާއި އާންމުންގެ ހަނދާންތައް ލޯތްބާއެކު އާކުރާ ދުވަހެވެ. އެފަދަ ބަޔަކު މި ދިވެހިރާޢްޖޭގައި ލެއްވީތީ ޝުކުރުކުރާ ދުވަހެވެ. ހަވާލުކުރި ޒިންމާތައް އެއްވެސް ފަސެޖްހުމެއްނެތި، ސާބިތުކަމާއެކީ އަދާކުރުންމަތީ ދެމިތިބި، އަދި މި ގައުމުގެ އިސްތިގްލާލް ނެގެހެއްޓުމަށްޓަކައި މަސައްކަތްކުރި އެންމެހާ ފަރާތްތަކުގެ ހަނދާން އާކުރާ ދުވަހެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި މިނިސްޓަރު ޝާހިދު ވިދާޅުވެފައިވނީ މިއަދަކީ ހަގީގީ ރަހްމަތްތެރިންނާއި ބައިވެރިންގެ އަގު ވަޒަންކުރާ ދުވަސް ކަމަށާއި 3 ނޮވެމްބަރު 1988 ގައި އިންޑިއާ ސަރުކާރުން ވެދެއްވި އަސްކަރީ އެހީތެރިކަމަކީ އަބަދުމެ، ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާނެ ކަމެއް ކަމަށެވެ. އެކަމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޝުކުރު ދުވަހަކުވެސް ފަނޑުވެގެންނުދާނެ ކަމަށެވެ.
"އެ ދުވަހު، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސަލާމަތަށް ހުރި ޚާއްސަ ގޮންޖެހުންތަކެވެ. އެފަދަ ގޮންޖެހުންތަކަށް ރާއްޖެފަދަ ކުދި ޤައުމުތައް ހުށަހެޅިފައިވާ މިންވަރެވެ. މި މައްސަލައާ ގުޅޭގޮތުން ރާއްޖެއިން އދ.ގައި ވަކާލާތުކުރިއެވެ. އަދި އޭގެ ސަބަބުން ކުދި ޤައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން އެތައް ގަރާރެއް ފާސްވެގެންދިޔައެވެ. ދިވެހިރާއްޖެއިން އޭރު ކުރި މަސައްކަތުގެ ސަބަބުން، ބައިނަލްއަޤްވާމީ ސަލާމަތާ ގުޅޭ މަޝްވަރާތަކުގައި، ކުދި ގައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރެވޭ ގޮތް ބަދަލުވެގެންދިޔައެވެ." މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިއަދުގެ ދުނިޔޭގައި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ބައްދަލުކޮށް، ނުރައްކާތަކުން އަރައިގަތުމަށްޓަކައި، ގައުމުގެ ފުދުންތެރިކަމާއި، ކަންކަމާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރަށް ވަރުގަދަ ކުރުމުގެ މުހިންމުކަން މިވަނީ ބޮޑުވެފައި ކަމަށާއި އެއާއެކު، ބައިނަލްއަޤްވާމީ މުޖުތަމައާއެކު އޮތް ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަންވެސް މިވަނީ ބޮޑުވެފައި ކަމަށެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކޮށް އަޅުގަނޑުމެންގެ ރަހްމަތްތެރިންނާއި ބައިވެރިންނާއެކު އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމެވެ." މިނިސްޓަރުގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.
ފޮރިން މިނިސްޓަރުގެ ނޫސްބަޔާން ނިންމަވާލައްވާފައިވަނީ މާތް ﷲ މި ގައުމާއި މި ގައުމުގެ ރައްޔިތުން އެންމެހާ ނުރައްކާތަކުން ސަލާމަތްކޮށްދެއްވައި، އަބަދުމެ އަބަދާށް އަމާންކަންމަތީ ލެއްވުން އެދި ދުއާކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް