ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރާ ނައިފަރު ދާއިރާގެ ޖޭޕީ ކެނޑިޑޭޓު އަލްއުސްތާޛް އަބްދުﷲ އަބްދުލް ހަކީމް، މަސްވެރިންނަށް މަންފާ ލިބޭނެ ބިލެއް ޑްރާފްޓް ކުރަމުން އެބަދެއެވެ. މި ބިލުގެ ނަމަކީ، މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ޤާނޫނެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ވިދާޅުވީ، މަޖިލީހަށް ހޮވިއްޖެނަމަ އެންމެ ފުރަތަމަ ވެސް މަޖިލީހުގެ ތަޅުމަށް މި ބިލު ވައްދާނެކަމަށެވެ. ރާއްޖޭގެ ލޭނާރަކީ މަސްވެރިކަން ކަމުގައި ފާހަގަ ކުރައްވައި އަބްދުﷲ ވިދާޅުވީ، މި ބިލު ވެގެންދާނީ މަސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ހުށަހެޅޭ ބިލެއްގެ ގޮތުގައެވެ.
ނައިފަރަކީވެސް މަސްވެރި ރަށެއްގެ ގޮތުގައި ފާހަކުރައްވައި، އަބްދުﷲ އިތުރަށް ވިދާޅުވީ، މަސްވެރިންނަށް މަސް ނުކިރި ދުވަސްތަކަކު ތިބެން ޖެހޭކަމުގައެވެ. އަދި ބާނާ މަސް ރަގަޅު އަގެއްގައި ބައެއް ފަހަރު ނުވިކޭކަމެވެ. އަދި ބައެއްފަހަރު މަސް ނުވިކިގެން އުކާލާ ފަހަރުވެސް އަންނަ ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ވަގުތު ތަކުގައި ދައުލަތުގެ އެހީގައި މަސްކިރައި، ރަގަޅު އަގެއްގައި މަސް ވިއްކުމުގެ ކަންކަން މި ބިލުގެ ތެރޭގައި ހިމަނައިފައި ވާނެކަމަށެވެ.
ބިލް ޑްރާފްޓް ކޮށް ގާނޫނަކަށް ވުމުން، ބާނާ މަސް ކިރުމަށް ދައުލަތަށް ލާޒިމް ވެގެންދާނެއެވެ. މި ގާނޫނުގެ ދަށުން ދައުލަތުން ކުރަންޖެހޭނެ މަސައްކަތަކީ ފެކްޓަރީތައް ގާއިމް ކުރުމާއި، މިހާރު ހުރި ފެކްޓަރީތައް ހަރުދަނާ ކުރުމަށް ކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން އިންވެސްޓަރުންނަށް ފުރުސަތުތައް އިތުރުވެގެން ދާނެކަމަށާއި، އެ ފެކްޓަރީތަކުގެ ސަބަބުން އިތުރު ވަޒީފާތައް އުފެދިގެން ދާނެ ކަމަށްވެސް އަބްދުﷲ ފާހަގަ ކުރިއެވެ.
މީގެ އިތުރުން، މަސްވެރިން ބާނައިގެން އަންނަ މަސްތައް ކައްކާ ފަރާތްތަކަށްވެސް މި ބިލުގެ އެހީގައި މަންފާ ލިބޭނެކަމަށް އަބްދުﷲ ވިދާޅުވިއެވެ. އެގޮތުން މަސްކައްކަން ބޭނުންވާ ތެޔޮ ފަދަ ތަކެތި ދައުލަތުގެ އެހީގައި ލިބޭނެގޮތް ހެދުމަށް މި ބިލުގައި އެކުލަވާލައިފައި ވާނެކަމަށް އަބްދުﷲ ވިދާޅުވިއެވެ.
މި ބިލު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު، މި ވޭތުވެ ދިޔަ ތަނުގައި ނައިފަރު ދާއިރާއަށް އަދި އެހެން ދާއިރާތަކަށް ވާދަކުރި އެއްވެސް ކެނޑިޑޭޓެއް މަޖިލީހަށް ހޮވުމުގެ ކުރިން ބިލެއް ޑްރާފްޓް ކޮށްފައި ވާކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށްވެސް އަބްދުﷲ ހާމަކުރެއްވިއެވެ. އަބްދުﷲ ގެ އުންމީދަކީ، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެއްޖެ ނަމަ، މަޖިލީހުގެ ތަޅުމަށް އެންމެ ފުރަތަމަވެސް މި ބިލު ވެއްދުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް