އަބްދުﷲ މަރުވި މައްސަލަ އަދިވެސް ބަލާ ނުނިމޭ: އެޗްއާރުސީއެމް

މޭޑޭގެ މުޒާހަރާ އާއި ގުޅިގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި އެމްޑީޕީގެ އެކްޓިވިސްޓު އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭކަމަށް ހިއުމަން ރައިޓްސް ކ...

17 May 2018 | 08:18

މޭޑޭގެ މުޒާހަރާ އާއި ގުޅިގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި އެމްޑީޕީގެ އެކްޓިވިސްޓު އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

އެޗްއާރުސީއެމުން މިހެން ބުނީ އޭނާ މަރުވި މައްސަލަ ތަހުގީގުކޮށް ނިންމާ ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް މީޑިއާގެ ބައެއް ވަސީލަތްތަކުން ރިޕޯޓު ކުރުމާއި ގުޅިގެންނެވެ. އެވާހަކަތައް އެޗްއާރުސީއެމްއިން ދޮގު ކުރެ އެވެ.

އެޗްއާރުސީއެމްގެ މީޑީއާ އޮފިސަރު ވިދާޅުވީ އެއީ އަދިވެސް ބަލަމުންދާ މައްސަލައެއް ކަމަށާއި މިހާތަނަށް އެ މައްސަލައިގަ އެއްވެސް މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ބަލާ ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ މަރުވެފައިވަނީ އެތެރެ ހަށީގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އޭނާގެ އާއިލާއިން ތުހުމަތު ކުރާގޮތުގައި އަބްދުﷲ ކުއްލިއަކަށް އެ ބަލީގައި މަރުވާން ޖެހުނީ ކަރެކްޝަންސް ގެ އިހުމާލުންނެވެ.

އެގޮތުން އޭނާ ފުއްޕާމެއާއި ކިޑްނީ ފެއިލްވެގެން ކަރެކްޝަންސް އިން އަބްދުﷲ އަށް ފަރުވާދިންކަން ލިޔުންތަކުން އެނގޭކަމަށް އާއިލާއިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް