މަގުމައްޗަށް ކުނި އަޅާ މީހުންގެ މައުލޫމާތުތައް އެންވަޔަރަންމަންޓަލް ޕްރޮޓެކްސަން އޭޖެންސީން ހާމަކުރަން ފަށާފައިވާއިރު މިއަދު މަގުމައްޗަށް ކުނިއެޅި ތިން މީހެއްގެ މައުލޫމާތު އެ އިދާރާއިން ހާމަކޮށްފިއެވެ.
އެގޮތުން މިއަދު 12:45ގައި އީޕީއޭއިން ބުނެފައިވަނީ ދެވިނަ މަގު، މއ. ޝިފްރަން ކަންމައްޗަށް ސަރަހައްދަށް ކުނި އެޅީ ބ ތުޅާދޫ މޫރިތިގޭ ހުޝާމް އަލީ ކަމަށެވެ. 12:46ގައި ބުނެފައިވަނީ ޗާންދަނީ މަގު ކޮމަށިގޭ ކަންމައްޗަށް ކުނިއެޅީ ހދ. ނޭކުރެންދޫ ފްލާވަރު ހައުސް ޒުބައިދާ އަލީ ކަމަށެވެ.
މީގެ އިތުރުން 02:52ގައި ބުނެފައިވާގޮތުގައި ގުލްހަޒާރު ގޯޅި ކަންމައްޗާއި މުއިވެޔޮމަގު ކަންމައްޗަށް ކުނި އެޅީ ޅ. ނައިފަރު ގުލްހަޒާރުގޭ އަބްދުﷲ މާހިރު ކަމަށެވެ.
އީޕީއޭއިން މިވަނީ މާލޭގެ މަގުމައްޗަށް ކުނިއަޅާ މީހުންގެ ނަން އާންމުކޮށް ޖޫރިމަނާ ކުރަން ފަށާފައެވެ. އީޕީއޭއިން މިކަން ކުރިއަށްގެންދަނީ ފުލުހުންނާއި ގުޅިގެންނެވެ.
ގަވާއިދާ ޚިލާފަށް މާލޭގެ މަގުތަކަށް ކުނިއަޅާ މީހުންގެ ނަން އާއްމު ކުރުމުގެ ބާރު އީޕީއޭ އަށް ލިބިފައިވާއިރު ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރަށް 300ރ. ނަގައެވެ. އަދި ކުށްތަކުރާރު ކުރާ ނަމަ އެ އަދަދު އިތުރުކުރުމުގެ އިޚްތިޔާރު ވެސް އީޕީއޭއަށް ލިބިގެންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް