މޯލްޑިވް ގޭހުން ދެމުން އަންނަ އެއްވެސް ހިދުމަތެއްގެ އެއްވެސް އަގަކަށް ބަދަލެއް އައިސްފައިނުވާކަމަށާއި ބަދަލު ގެނެސްފައިވަނީ ބިލުގެ ފޯމެޓަށް ކަމުގައި މޯލްޑިވް ގޭސް އިން ބުނެފިއެވެ.
މޯލްޑިވް ގޭހުން މިހެން ބުނެފައިވަނީ އެލްޕީޖީ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގަމުން އަންނަ ފައިސާއިން ހަ އިންސައްތަ ޖީއެސްޓީ ނަގަން ފަށާފައިވާކަމަށް ބުނެ ދައުރުރުވަމުން އަންނަ ވާހަކަތައް ތަފްސީލުކޮށްދެމުންނެވެ.
އެގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން މޯލްޑިވް ގޭހުގެ މާކެޓިން މެނޭޖަރ އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ، ސިލިންޑަރ ރަޖިސްޓްރޭޝަން ފީއަކީ ހަމަ ކުރީގެވެސް އަގު ކަމަށާއި މިހާރުވެސް އަދި ކުރީގައިވެސް އެ އަގު ނަގަމުން އަންނަނީ ޖީއެސްޓީ ހިމަނައިގެން ކަމަށެވެ.
"ކަސްޓަމަރުން މިހާރު ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަމުން ގެންދާ އަގަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމުގައި ދަންނަވަން" މީޑިއާ ތަކަށް މައުލޫމާތުދެއްވަމުން މޯލްޑިވް ގޭސްގެ މާކެޓިން މެނޭޖަރ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރަޖިސްޓްރޭޝަން ބިލް ސްލިޕަށް ގެނެވުނު ބަދަލަކީ ހަމައެކަނި، ރަޖިސްޓޭޝަން ބިލްގައި ޖީއެސްޓީ ވަކިން ފެންނާނެ ގޮތަށް ގެނެވުނު ބަދަލެއް ކަމަށެވެ. އަދި އެ ކުންފުނިން ވިއްކާ ކައްކާ ގޭހުގެ އަގަކަށް ނުވަތަ ދެމުން ގެންދާ ހިދުމަތެއްގެ އަގަކަށް އެއްވެސް ބަދަލެއް ނާންނަކަން ހުރިހާ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް