ޞިއްޙީދާއިރާގައި ޑިޓޮކްސްކުރުމޭ ކިޔައި އުޅެނީ ޑްރަގްފަދަ އެއްޗެއްސަށް މީހަކު ދެވިހިފުމުން އެކަމުން އޭނާ ދުރުކޮށްދޭން ކުރާ މަސައްކަތްތަކަކަށެވެ. ނުވަތަ ދޭ ފަރުވާތަކަށެވެ. އާންމުންގެ ތެރޭގައި ޑިޓޮކްސްކުރުމޭ ކިޔައި އުޅެނީ އާންމު ދިރިއުޅުމުގައި ހަށީގަނޑުގައި އުފެދޭ ވިހައާއި ބޭނުންނެތް މާއްދާތައް ހަށިގަނޑު ނައްތައިލުމަށެވެ. ނުވަތަ ބޭރުކުރުމަށެވެ. ހަށިގަނޑުގައި ހުންނަ މިފަދަ މާއްދާތައް ނައްތައިލުމުގައި ބޮޑު ރޯލެއް ކުޅެނީ ފުރަމެޔެވެ. ވީމާ ޑިޓޮކްސްކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟
ކާތަކެތިގެ ތެރޭގައި ފައިބަރ ހިމެނޭ ތަކެތި ގިނަކުރަނީ ހަޖަމުކުރުމަށް ފަސޭހަކޮށްދިނުމަށްކަމަށްވާފަދައިން، ހަށިގަނޑުގައި ހުންނަ ވިހަމާއްދާތައް ނައްތާލުމަށް އެހީވެދޭ ކަމެއްގެ ގޮތުގައި ޑިޓޮކްސްކުރުން ހިމެނެއެވެ. ހަށިގަނޑަށް މިވިހަ މާއްދާތައް އެތެރެވަނީ ނޭވާލުމުގެ ތެރެއިން؛ ދުމާއި، ސްޕްރޭ ކެމިކަލް، އެއަރ ފްރެޝްނަރ ފަދަ އެއްޗެހީގެ ސަބަބުން، ކެއުމާއި ބުއިމުގެ ތެރެއިން؛ ބޯންގެންގުޅޭ ފެނަށް އެއްވެފައިވާ ބައެއް ކެމިކަލާއި ގަސްހެއްދުމަށް ބޭނުންކުރާ ގަސްކާނާއާއި އެހެނިހެންކެމިކަލާއި އެއްގަމުމަހާއި ކިރުގެ ބާވަތްތައް ބަންދުކުރުމުގައި އަދި އެތަކެތި ތައްޔާރުކުރުމުގައި ބޭނުންކޮށްފައި ހުންނަ ބައެއް ކެމިކަލްގެ ސަބަބުންނެވެ. އަދި ރީތިވުމަށް ބޭނުންކުރާ ގިނަ ސަމާނުގެ ސަބަބުންވެސް ހަމުގެ ޒަރިއްޔާއިން ހަށިގަނޑަށް މިވިހަތައް ވާޞިލްވެއެވެ.
ޑިޓޮކްސްކުރުމުގެ މުހިއްމުކަމަށް ބަލާއިރު ފާހަގަކޮށްލަންޖެހެނީ، މީގެ 50ކަށް އަހަރުކުރިޔާއި އަޅާބަލާއިރު ބުނެވިދިޔަފަދަ ވިހަމާއްދާތަކަށް އަޅުގަނޑުމެން ހުށަހެޅިފައިވާ މިންވަރު އެތައްގުނައެއް އިތުރުވެފައިވާކަމެވެ. ވީމާ އޭރާއި އަޅާބަލާއިރު މިވިހަ މާއްދާތައް އަޅުގަނޑުމެންގެ ހަށިގަނޑަށް އެތެރެވެފައިވާލެއް ގިނަވާނެއެވެ. އެންވަޔަރމެންޓަލް ވޯކިންގ ގުރޫޕާއި، ކޮމޮންވެލްތް ގުޅިގެން 2005ވަނަ އަހަރު ހިންގި ދިރާސާއެއްގައި ދައްކާގޮތުން 2004ވަނަ އަހަރު އެމެރިކާއަށް އުފަންވި 10 ކުއްޖެއްގެ ލެއިން 200އަށްވުރެ ގިނަ އިންޑަސްޓްރިއަލް ކެމިކަލްފެނިފައިވެއެވެ. މިހޯދުމުން އެނގެނީ މައިމީހާގެ ޒަރިއްޔާއިން ނުވިހާ ކުޑަދަރިފުޅުވެސް މިފަދަ ވިހަމާއްދާތަކަށް ހުށަހެޅިގެންދާކަމެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގައި ގިނަވަމުން އަންނަ ހުރިހާ ވިހަ މާއްދާތައް ނައްތާލުމަކީ ފުރަމެއަށް ފަސޭހަކަމަކަށް ނުވާނެއެވެ. އަދި ފުރަމޭގެ އިތުރުން މިމަސައްކަތްކުރާ، ކިޑްނީއަށާއި، ކާނާ ހަޖަމުކުރުމުގެ ނިޒާމާއި، ހަންގަނޑާއި، ފުއްޕާމެއަށްވެސް އެއީ ފަސޭހަކަމަކަށް ނުވާނެއެވެ. ވީމާ ހަށިގަނޑު ޑިޓޮކްސްކުރުން ޚިޔާރުކުރުން ބުއްދިވެރިއެވެ.
ހަށިގަނޑު ޑިޓޮކްސްކުރުމަށް އާންމުގޮތެއްގައި ކެއިންބުއިން ވަކިގޮތަކަށް ބެހެއްޓުމާއި އަދި ހަށިގަނޑު ޑިޓޮކްސްކޮށްދޭ ބައެއް އުފެއްދުންތައް ބޭނުންކުރެއެވެ. އަދި އޭގެ ސަބަބުން ދުޅަހެޔޮޞިއްޙަތެއް ލިބުމަށް މަގުފަހިވުމާއި ބަރުދަން ލުއިކޮށްދިނުމަށް އެހީވެދެއެވެ. ޑިޓޮކްސްކުރުމަށް ކެއިންބުއިމުގައި ބޭނުންކުރާތަކެތީގެ ތެރޭގައި އާންމުކޮށް ހިމެނެނީ ވިޓަމިނާއި، މިނަރަލާއި، ތަފާތު ސަޔާއި އަދި ކުޑަކަމުދިޔުމާއި ބޮޑުކަމުދިޔުމަށް ފަސޭހަކޮށްދޭފަދަ ކާނާއެވެ. މިގޮތަށް ކެއިން މުއިން ބެހެއްޓުމުގެ ބޭނުމަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތައިލާ ނުވަތަ ހަށިގަނޑުން ބޭރުކުރާ ގުނަވަންތައް ދުޅަހެޔޮކުރުމެވެ. އަދި އެގުނަވަންތަކުގެ މަސައްކަތައް ފަސޭހަކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް