ހުވަދޫ ކަނޑަށް ދިޔަވަމުންދާ ކަމަށް ބުނެ އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކުރި "އަލްމާ" ބޯޓު ގއ. މާމެންދޫއަށް ގޮސްފި އެވެ.
އެ ބޯޓު ދިޔަވާ ކަމަށް ބުނެ އެމްއެންޑީއެފަށް ރިޕޯތު ކުރީ މިއަދު މެންދުރު އެވެ. ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ދިޔައީ އެމްއެންޑިއެފް ސަދާން އޭރިއާ ކޯސްޓުގާޑުންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ފުރަތަމަ ރިޕޯޓު ކުރީ ދިޔަވަމުންދާ ކަމަށްބުނެ ކަމަށެވެ. އެކަމަކު ފަހުން ކޯސްޓު ގާޑުން ކެޕްޓަނަށް ގުޅުމުން ބުނެފައިވަނީ ކަނޑުގަދަ ކަމުން ދަތުރު ނުކުރެވި ހާލުގައި ޖެހިގެން ރިޕޯޓު ކުރީކަމަށެވެ.
އޭރު ބޯޓު ދަތުރު ކުރަމުން ދިޔައީ ގއ. އެކެފަރުގެ އުތުރުން 8 ނޯޓިކަލް މޭލު ބޭރުން ނެވެ.
ކޯސްޓުގާޑު ޓީމަށް ބޯޓު އޮތް ސަރަހައްދަށް ދެވުނީ މިރެއެވެ. އޭނާ ވިދާޅުވީ މިމާމެންދޫއަށް ބޯޓު ދިޔައީ ކޯސްޓުގާޑުގެ އެހީތެރިކަމާއި އެކުގަ ކަމަށެވެ.
ބޯޓުގައި ތިބީ ފަސް ދިވެހިންނާއި ތިން ބިދޭސީންނެވެ. އެކަމަކު އިންފިމޭޝަން އޮފިސަރު ވިދާޅުވީ "އަލްމާ" ދޯނީގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.
މިފަހުން ކަނޑުމަތީގެ ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފަ އެވެ.
އެގޮތުން ކަނޑުގަދަވެ ސަފާރީއެއް ބަންޑުން ޖަހާލައި ބިދޭސީ އަކު މަރުވެފައިވެ އެވެ. އަދި އޭގެ ފަހުން ލޯންޗަކުން މޫދަށް ވެއްޓި އަންހެނަކު މަރުވެ ކުޑަކުއްޖަކު ގެއްލިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް