ލައިފްޖެކެޓު މަޖުބޫރު ހާލަތްތަކަކާއި އެކު ކަނޑުދަތުރުގެ ސަލާމަތާއި ބެހޭ ގަވައިދު ގެޒެޓުކޮށްފި

ކަނޑުދަތުރުގެ ސަލާމަތާ ބެހޭ ގަވައިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފި އެވެ. މި ގަވައިދު އިސްލާހު ކޮށްފައި މިވަނީ މިމަހުގެ ތެރޭގައި ލޯންޗަށް ބިންދާލި ރާޅަކާއި އެކު މޫދަށް ވެއްޓުނު އަންހެނަކު މަރުވެ އޭނ...

31 Oct 2021 | 16:43

ކަނޑުދަތުރުގެ ސަލާމަތާ ބެހޭ ގަވައިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފި އެވެ.

މި ގަވައިދު އިސްލާހު ކޮށްފައި މިވަނީ މިމަހުގެ ތެރޭގައި ލޯންޗަށް ބިންދާލި ރާޅަކާއި އެކު މޫދަށް ވެއްޓުނު އަންހެނަކު މަރުވެ އޭނާގެ ދަރިފުޅު ގެއްލިފައިވަނިކޮށެވެ. މިހާދިސާ ހިނގި އިރު ލޯންޗުގައި އެއްވެސް މީހަކު ލައިފްޖެކެޓު އަޅާފައެއް ނެތެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ގެޒެޓު ކުރި ގަވައިދުގައި މައިގަނޑު ދެ އިސްލާހެއް ގެނެސްފައިވެ އެވެ. އެއީ އެ ގަވާއިދުގެ 27 ވަނަ މާއްްދާއަށް އަކުރެއް އިތުރު ކުރުމާއި ގަވާއިދުގެ 27 ވަނަ މާއްދާގެ ފަަހަތަށް އިތުރުކޮށްފައިވާ 27-1 އެވެ.

އެ އިސްލާޙުތަކުގައި ވާގޮތުން ނުވަ މީޓަރަަށް ވުރެ ކުރު އުޅަނދުތަކުގެ ތެރެއިން، ވަށައިގެން ބަންދުކޮށްފައިވާ އުޅަނދުތަކުގައި ދަތުރުކުރާ އިރު، ލައިފް ޖެކެޓް ހުންނަން ވާނީ ޕަސިންޖަރުންގެ އަތުގަ އެވެ. އަދި ބައެއް ހާލަތުގައި ދަތުރުކުރާ އިރު، ލައިފް ޖެކެޓް އަޅާނެ ގޮތުގެ އިރުޝާދު ދިނުމާއި ލައިފްޖެކެޓް އެޅުވުމަކީ ވެސް ކެޕްޓަންގެ ޒިންމާއެކެވެ.

ލައިފްޖެކެޓު އެޅުވުން މަޖުބޫރު އިތުރު ހާލަތްތަކުގެ ތެރޭގައި ހިމެނެނީ މޫސުން ގޯސްވުމުގެ ސަބަބުން އެލާޓް ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާ އިރު ކޮންމެ ސައިޒެއްގެ އުޅަނދެއްގައި ދަތުރުކުރިޔަސް ލައިފް ޖެކެޓު އަޅަން ޖެހެ އެވެ. މޫދު ކުޅިވަރަށް ހާއްސަ އުޅަނދުތަކުގެ ތެރެއިން ނުވަ މީޓަރަށް ވުރެ ކުރު އުޅަނދުތަކުގައި ދަތުރުކުރާއިރު ލައިފް ޖެކެޓު އެޅުމަކީވެސް މަޖުބޫރު ކަމެކެވެ.

މޫސުން ގޯސްވެ އެލާޓު ނެރެފައިވާ ވަގުތުތަކުގައި ފަސިންޖަރުންނާއި އެކު ކަނޑުދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ. ހާއްސަކޮށް ނުވަ މީޓަރަށްވުރެ ކުރު އުޅަނދު ފަސިންޖަރުން ނުލައިވެސް ކަނޑުދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.

އެކަމުން އިސްތިސްނާ ވާނީ ސަރުކާރުގެ ހުއްދަ ލިބިގެން ކުރާ އިމަޖެންސީ ދަތުރުތަކެވެ.

މި ގަވައިދާ ހިލާފުވެއްޖެ ނަމަ ފުރަތަމަ ފަހަރު ކެޕްޓަން 15،000 ރުފިޔާއިން ޖޫރިމަނާ ކުރެ އެވެ. އޭގެ ފަހުން ތަކުރާރު ކުރާނަމަ ޖޫރިމަނާ އިތުރުވެ ލައިސެންސްވެސް ހިފަހައްޓަ އެވެ.

ގަވާއިދާ ހިލާާފުވެގެން ލައިސަންސް ހިފަހައްޓައިފި ނަމަ، ކުރި ކުށުގެ ތަފްސީލު ލައިސަންސްގައި ހިމެނުމަކީ ވެސް ދޭނެ އަދަބެކެވެ. ލައިސަންސް އެޅުވުން ލާޒިމްކުރާ މާއްދާއާ ހިލާފަށް އަމަލުކޮށްފި ނަމަ، ކެޕްޓަނުގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް 20،000 ރުފިޔާގެ ޖޫރިމަނާއެއްް އަންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް