އދ. އޭއީސީގައި އިތުރު 16 ކްލާސް ރޫމާ އެކު އެއްދަންފަޅި އަށް ކިޔަވައިދޭން ފަށަނީ

އދ. މަހިބަދޫގައި ހުންނަ އދ. އަތޮޅުގެ ތަޢުލީމީ މަރުކަޒުގައި އަލަށް ހުޅުވި 16 ކްލާސް ރޫމާ އެކު މާދަމާ އިން ފެށިގެން އެއްދަންފަޅި އަށް ކިޔަވައިދޭން ތައްޔާރުވެއްޖެއެވެ. މިއީ 2019 ވަނަ އަހަރު ބަޖެޓް ކުރެވު...

31 Oct 2021 | 15:19

އދ. މަހިބަދޫގައި ހުންނަ އދ. އަތޮޅުގެ ތަޢުލީމީ މަރުކަޒުގައި އަލަށް ހުޅުވި 16 ކްލާސް ރޫމާ އެކު މާދަމާ އިން ފެށިގެން އެއްދަންފަޅި އަށް ކިޔަވައިދޭން ތައްޔާރުވެއްޖެއެވެ.

މިއީ 2019 ވަނަ އަހަރު ބަޖެޓް ކުރެވުނު ޕްރޮޖެކްޓެކެވެ.

މަހިބަދޫ ސްކޫލުގެ 16 ކްލާސްރޫމް ޢިމާރާތް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުު ޝަރަފުވެރި ކޮށްދެއްވާ އިމާރާތް ހުޅުވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. މި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ހިމެނޭހެން މިނިސްޓްރީގެ އިސްވެރިންނާއި، އދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ނަޞީރު އާއި މަހިބަދޫ ކައުންސިލްގެ ރައީސް އަލްފާޞިލް ރަޝާދު ޢަލީ އާއި މަހިބަދޫ ކައުންސިލް މެންބަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ޢިމާރާތް ހުޅުވައިދެއްވާ މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ބެއްލެވުމުގެ ދަށުން ތަންފީޒުކުރަމުން މިދާ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ކޮންމެ ދަރިވަރަކީ، ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ކެރޭ، މުރާލި، އޯގާތެރި، އަޅާލުންތެރި ދަރިވަރުން އުފެއްދުން ކަމުގައެވެ. އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ދަރިވަރަކީ ވެސް ފަސްމީރު ކުރު ރުކަކަށް ހެދުމެވެ.

މިފަދަ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި، ރަސްމީ ގޮތުން އިމްތިޙާނުތަކަށް ކިޔަވައިދޭ ތަކެތީގެ އިތުރަށް، އެތަށް އައު ކަންތައްތަކެއް ދަސްކޮށް އައު ހުނަރުތަކެއް ހޯދަންޖެހޭ ކަމަށް ވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ އޭގެ ތެރޭގައި އެކި މީހުނާއި އެކީ މުޢާމަލާތް ކުރާނެ ގޮތާއި، އެކި ޙާލަތްތަކުގައި އުޅުން ބަހައްޓާނެ ގޮތާއިި، ފުރިހަމަ ޞިއްޙަތެއްގައި ހުންނާނެ ގޮތް އެނގެންޖެހޭ ކަމުގައެވެ. އަދި ރަށުގެ އެހެންމީހުން ބޭނުން ދެތިން އަތު މަސައްކަތާއި ހުނަރެއްވެސް ދަރިވަރުންނަށް އެނގެން ޖެހޭ ކަމަށް ވިދާޅުވެ، ފަސްމީރު ކުރިރުކަކީ އެފަދަ ހުރިހާ ހުނަރުތަކެއް ލިބިގެންވާ ދަރިވަރުން ކަމުގައި އިޝާރަތް ކުރައްވާފައި ވެއެވެ.

މިނިސްޓަރ އައިޝަތު އަލީ ގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި ކޮންމެ ކުއްޖަކީ ފަސްމީރު ކުރިރުކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް މިހާރު އޮތް އެންމެ ބޮޑު ދައްޗަކީ މަދަރުސާތައް ދެ ދަންފަޅިއަށް ހިންގާތީއެވެ. އަދި ރަސްމީ މުޤައްރަރުތަކުގައި ކިޔަވައިދޭ ތަކެތި ކިޔަވައިދިނުމަށްފަހު، ހަށިގަނޑުގެ ތަރުބިއްޔަތާއި ސްކޫލުގެ އެކިކަންކަން ކިޔަވައިދޭނެ ޖާގައެއް، ވަގުތެއް، މާހައުލެއް ސުކޫލުން ފޯރުކޮށްދެވެން ނެތް ކަން ފާހަގަ ކުރައްވާފައިވެއެވެ.

އެހެންކަމުން މި ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކީ ސްކޫލްތަކަކީ އެއް ދަންފަޅިއަށް ހިންގޭ ސްކޫލްތަކަކަށް ހެދުން ކަމުގައި ވިދާޅުވެފައިވެއެވެ.

އެގޮތަށް ސުކޫލްތަކުގެ ކިޔެވުން ބަދަލު ކުރެވިއްޖެނަމަ މެންދުރު ފަހުގައި ރަސްމީ މުޤައްރަރުތަކުގައިވާ ބައިތައް ކިޔަވައި ދިނުމަށް ފަހު، ދަރިވަރުންގެ އަޚްލާޤީ ބައިތައް އެކުދީންގެ ކިބައިގައި އަށަގެންނެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ސްކޫލްތައް އެއްދަންފަޅިއަކަށް ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ދެނެގަތުމަށްޓަކައި ސަރުކާރުން ވަނީ މިހާރުގެ ޙާލަތު ދެނެގަނެފައި އޮޑިޓް ކޮށްފައި ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ބަޖެޓްގައި ހިމަނައިގެން މި މަސައްކަތް ކުރުމަށް ވަނީ ފަށައިފައި ކަން ވިދާޅުވެ އެކަމަނާ ވިދާޅުވީ މިހާރުވެސް ސުކޫލްތަކަށް އުމްރާނީ ތަރައްގީ ގެނައުމަށްޓަކައި 166 ޕްރޮޖެކްޓް އެބަަ ހިންގައެވެ.

އޭގެ ތެރޭގައި ޖުމްލަ 1039 ކުލާސްރޫމާއި، 66 މަލްޓިޕާރޕަސް ހޯލާއި 215 އެހެނިހެން އިމާރާތްތަކުގެ މަސައްކަތްތައް އެބަ ކުރިއަށްގެންދެއެވެ. އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ލެބޯރަޓަރީ، ލައިބްރަރީ، ސްޓާފް ރޫމް، އޮފީސް އިމާރާތް ފަދަ އިމާރަތް ތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް