ފަސް ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލްތައް އަމިއްލައަށް ހިންގަން ބަޖެޓު ދެނީ

ރާއްޖޭގައި ފަސް ސަރަހައްދުގައި ގާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތައް އަމިއްލައަށް ހިންގާގޮތަށް ހަމަޖައްސައި ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ. މިކަން އިއުލާނު ކުރެއްވީ އަންނަ އަހަރަށް ...

31 Oct 2021 | 11:28

ރާއްޖޭގައި ފަސް ސަރަހައްދުގައި ގާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތައް އަމިއްލައަށް ހިންގާގޮތަށް ހަމަޖައްސައި ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.

މިކަން އިއުލާނު ކުރެއްވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މިނިސްޓަރު ވިދާޅުވީ މިގޮތަށް ނިންމީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތަކާ އެކު، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

އަމީރު ވިދާޅުވީ، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށެވެ. އޭނާ ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ފަސް ހޮސްޕިޓަލުގެ ވަސީލަތްތަކާއި ހިދުމަތްތައް ވާނީ ފުޅާކޮށް ފެންވަރު ރަނގަޅު ކޮށްފައި ކަމަށާއި އަދިވެސް އުމްރާނީ ގޮތުން މި ހޮސްޕިޓަލްތަކަށް އިންވެސްޓްކުރަން ނިންމާފައިވާ ކަމަށެވެ.

އެ ފަސް ހޮސްޕިޓަލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ. މިއަދު ހުށަހެޅި ބަޖެޓުގައި ވަނީ މި ހޮސްޕިޓަލްތަކަށް ކަނޑައަޅާފައިވާ ބަޖެޓުވެސް ހިމަނާފަ އެވެ.

- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: 236،722،751 ރުފިޔާ

- އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް: 170،570،756 ރުފިޔާ

- ގަން ރީޖަނަލް ހޮސްޕިޓަލް: 160،940،967 ރުފިޔާ

- އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް: 172،200،000 ރުފިޔާ

- އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް: 264،341،229 ރުފިޔާ

މިނިސްޓަރު ވިދާޅުވީ މި ހޮސްޕިޓަލްތައް އަމިއްލައަށް ހިންގާ ގޮތަށް ހަމަޖެހުމުން ސިއްހީ ހިދުމަތް ލާމަރުކަޒުވެ ހިދުމަތްތައް އަވަސްވެ ކުރިއަރައި ދިއުމަށް މަގުފަހިވާނެ އެވެ.

މިއާއެކު މި ސަރަހައްދުތަކުގެ ހެލްތު ސެންޓަރުތައް ވެސް ހިންގާ ގޮތަށް އޮތީ މި ހޮސްޕިޓަލްތަކުގެ ދަށުންނެވެ.

އަންނައަހަރަށް ލަފާކޮށް ސަރުކާޜުން ހުށަހަޅާފައިވާ ބަޖެޓުގައި ސިއްހީ ދާއިރާއަށް ހާއްސަކޮށް 4.6 ބިލިއަން ރުފިޔާ ކަނޑައަޅާފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް