އަފްގާނިސްތާނުގެ ނަންގަހާރް ޕްރޮވިންސްގެ ސުރްކް ރޮޑް ޑިސްޓްރިކްޓުގައި އޮތް ކައިވެނި ހަފްލާއެއްގައި ލަވަ ޖަހާތީ ތޯލިބާނުން ކަމަށް ބުނެ ބަޔަކު ވަދެ ދެ މީހަކު މަރާލައިފި އެވެ.
އެ ކައިވެނި ހަފްލާ ކުރިޔަށް ގެންދިޔައީ އަންހެނުންނާއި ފިރިހެނުންނަށް ވަކި ސަރަހައްދެއް ހާއްސަކޮށްގެންނެވެ. އެ ހަފްލާގައި ލަވަޖެހީ އަންހެނުންނަށް ހާއްސަ ބައިގަ ތޯލިބާން ސަރުކާރުގެ ހުއްދަ އާއި އެކު އެވެ.
މި ހާދިސާ އާއި ގުޅިގެން ތޯލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ އެތަނަށް ވަދެ ދެމީހަކު މަރާލައި 10 މީހުން ޒަހަމް ކޮށްލީ ބަޑި ހިފައިގެން ވަތް ތިން މީހުން ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެމީހުންނަކީ ތޯލިބާން ޖަމާއަތުގެ ބައެއް ނޫން ކަމަށެވެ.
އެކަމަކު ތަހުގީގުގައި އެ ދެމީހުން ވަނީ އެމީހުންނަކީ އައިއެސް ޖަމާއަތަށް ނިސްބަތްވާ ބައެއް ނޫން ކަމަށްވެސް ބުނެފަ އެވެ.
1996-2001 ވަނަ އަހަރަށް އަފްގާނުގައި ތޯލިބާނުން ވެރިކަށް ކުރި އިރު މިއުޒިކް އޮތީ ހަރާމް ކަމެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފަ އެވެ. އެކަމަކު މިފަހަރު އެ ޖަމާއަތުން ވެރިކަމަށް އައި ފަހުން މިއުޒިކް އަދި މަނާކޮށްފައެއް ނުވެ އެވެ.
ތޯލިބާނުންގެ ވެރިކަމުގައި މަނާ ގިނަ ކަންކަން މިހާރު ވަނީ އަފްގާނިސްތާނު ރައްޔިތުންނަށް އަންގާފަ އެވެ. އޭގެ ތެރޭގައި ވައްކަމާއި ފޭރޭ މީހުން ދަންޖައްސައި މެރުމާއި، ފިރިހެނުން ހުޅަނގު ގައުމުތަކުގައި އިސްތަށިގަނޑު ކޮށާހެން ކޮށައި، ތުނބުޅި ބޭލުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން ޔުނިވާސިޓީތަކުގައި އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުން ވަކި ކުރަން ކްލާސްރޫމްތަކުގައި ޕާޓިޝަން ޖަހާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް