ޢުލޫމުލް ޤުރުޢާނުން ގިނަ ޖާގަތަކާއި އެކު ބޮޑު އިމާރާތެއްގައި ކިޔަވައިދޭން ފަށައިފި

މާލޭގައި ޤުރުއާން ކްލާސް ހިންގަމުން އަންނަތާ އަށް އަހަރުވެފައިވާ ޢުލޫމުލް ޤުރުޢާނުން މިހާރު ކިޔަވައިދެމުން އަންނަ ކުލާސްތަކުގެ ޖާގަ ފުލް ވެފައިވާތީވެ ޖާގައިގެ ގޮތުން ތަނަވަސް ބޮޑު އިމާރާތެއްގައި ކިޔަވ...

31 Oct 2021 | 09:25

މާލޭގައި ޤުރުއާން ކްލާސް ހިންގަމުން އަންނަތާ އަށް އަހަރުވެފައިވާ ޢުލޫމުލް ޤުރުޢާނުން މިހާރު ކިޔަވައިދެމުން އަންނަ ކުލާސްތަކުގެ ޖާގަ ފުލް ވެފައިވާތީވެ ޖާގައިގެ ގޮތުން ތަނަވަސް ބޮޑު އިމާރާތެއްގައި ކިޔަވައިދޭން ފަށައިފިއެވެ.

މި ކުލާސްތައް ފަށަން ހަމަޖެހިފައިވާ ޢިމާރާތް ހުންނަނީ މައްޗަންގޮޅީ ދަގަނޑު ކެނޑިގޭ ގޯޅި ތެރޭގައި ބުލްބުލް އާގޭގައެވެ.

ޢުލޫމުލް ޤްރުއާން ކްލާސްގެ ވެރި ފަރާތް ކަމުގައިވާ އައިޝަތު ސާފިޢާ (ސާފިޢާ މިސް) "ދުވަސް" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެބޭފުޅުން އަންނަނީ ޢުލޫމުލް ޤުރުއާނުގެ ނަމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ އާއި އެކު ކްލާސްތައް ހިންގަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު މާލޭގެ މާފަންނުގައި ޢުލޫމުލް ޤުރްޢާން ދޭއްގެ ނަމުގައި ކިޔަވައިދޭ އިތުރު ކްލާހެއް ހުޅުވައިފައި ވެއެވެ.

ސާފިޢާ މިސް ވިދާޅުވި ގޮތުގައި އިއްޔެ އެބޭފުޅުން ހުޅުވި ޤުރުއާން ކުލާހަކީ ކުރީގައި ކިޔަވައިދެމުން އައި ކްލާސް ތަކުގެ ޖާގަ ފުލް ވެފައިވާތީވެ ޙިދުމަތް ފުޅާކުރުމުގެ ގޮތުން ބަދަލު ކުރި ޢިމާރާތެކެވެ.

ޢުލޫމުލް ޤުރުއާންގައި ކްލާސަތައް ކުރިއަށް ގެންދަނީ ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒު ކޮށްގެންނެވެ. ކިޔަވައިދިނުމުގައި އެކުއްޖެއްގެ ފެންވަރަށް ބަލައިގެން ދަރިވަރުގެ ކިޔެވުން ކުރިއެރުވުމަށްޓަކައި ވަކި ވަކި ލަނޑުދަނޑިތައް ކަނޑައަޅައިގެން މަސައްކަތް ކޮށް ދެވޭނެއެވެ.

ޢުލޫމުލް ޤުރުއާންގެ ކުލާސްތަކުގައި މިވަގުތުވެސް 250 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އެބަދެއެވެ. ކޮންމެ އަހަރަކުވެސް މި ޤުރުއާން ކުލާހުން 25-30 ދެމެދުގެ އަދަދަކަށް ދަރިވަރުން ޚަތިމް ކުރެއެވެ. ޚަތިމް ކުރާ ދަރިވަރުންނަށް ވެސް ޓްރޮފީ އާއި ސެޓްފިކެޓް ހަވާލު ކޮށްފައިވެއެވެ.

މި ކުލާސްތަކުގެ މުޤައްރަރު ކަނޑައަޅާފައި ވަނީ މަރުހަލާތަކަކަށް ބަހާއިލައިގެން ހިފްޒް، ތިލާވާ އަދި ފިލި ކްލާސް ތައްވެސް ހިމަނައިގެންނެވެ. ޢުލޫމުލް ޤުރުއާނުގެ ހިފްޒް މުގައްރަރު ރޭވިފައިވަނީ މުޅި މުސްހަފް ހިތު ދަސް ކުރެވޭ ގޮތަށެވެ. މި ކުލާސްތަކުގައި ދަރިވަރުން ޤުރުއާނަށް އަހުލުވެރި ކުރުވުމުގެ ގޮތުން ޤުރުއާނުގެ ތެރެއިން ދުޢާ ތައް ހޯދައިގެން ދަސްކޮށްދިނުމުގެ ބައިވެސް ކުރިއަށް ގެންދެއެވެ.

އަލަށް ފަށަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ކުދިންގެ މެދުގައި ނަމާދު ކުރަން ދަސްކޮށްދޭ ޕްރޮގްރާމާއި ޒިކުރު ތައް ދަސް ކޮށްދޭ ޕްރޮގްރާމަކާއި އަދި ދަރިވަރުންގެ އަރަބި ލިޔުމުގެ ފެންވަރު ރަނގަޅު ކުރުުމުގެ ގޮތުން ރީތިކޮށް އަރަބި ލިޔަން ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ފެށުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ބެލެނިވެރިންގެ އެދުމުގެ މަތިން  މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސުކޫލްތަކަށް ކަނޑައަޅާފައިވާ ޤުރުއާން ފޮތުގެ މުގައްރަރު ވެސް ފަރިތަ ކޮށް ދެއެވެ.

މި ކުލާސްތަކުގައި އެލްކޭޖީގެ ދަރިވަރުން ހިމެނޭނެހެން ގުރޭޑް ބާރައިގެ ދަރިވަރުންވެސް ކިޔަވައެވެ. ކުލާސްތައް ކުރިއަށް ގެންދަނީ ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ހެނދުނު ހަތަކުން ފެށިގެން ރޭގަނޑު ނުވައަކަށެވެ. އެގޮތުން ކޮންމެ ދުވަހަކު ތޭރަ ގަޑި އިރު ކުލާސްތައް ނަގައިދެއެވެ.

ސާފިޢާ މިސް ވިދާޅުވިގޮތުގައި ކިޔަވައި ދިނުމުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން މި ކުލާސްތަކަށް ޓީޗަރުން ނަގާއިރު އަބަދުވެސް ނަގަނީ ޤުރުއާން ޓީޗިން ފުރިހަމަ ކޮށްފައި ތިބި ކަމަށް ޤާބިލް ފަރާތްތަކެވެ. އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ޢުލޫމުލް ޤުރުއާން ވުޖޫދު ވީ ދުވަހުން ފެށިގެން ކިޔަވައިދެމުން އައިސްފައިވަނީ މުޅިންވެސް އަންހެން ޓީޗަރުންނެވެ.

މިހާތަނަށް އުލޫމުލް ޤުރުއާނުން ދުޢާ ފޮތެއް ވެސް ނެރެފައިވެއެވެ. ތިން ބަޔަކަށް ބަހާލައިގެން އުލޫމުލް ގުރުއާނުން ނެރެފައިވާ އައްނޫރު ދުޢާ ފޮތުގައި ހިމެނެނީ މާތް ﷲގެ 99 އިސްމުފުޅާއި ނަމާދުގެ ދުޢާ ތަކާއި ހެނދުނާއި ހަވީރުގެ ޒިކުރުތަކެވެ.

މި ދުޢާ ފޮތަކީ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބޭނުން ކުރަމުން އަންނަ ފޮތެކެވެ. އެހެންކަމުން މި ދުޢާ ފޮތް ދަސްްކުރުމުން ދަރިވަރުންނަށް ސެޓްފިކެޓް ދެއެވެ.

މީގެއިތުރުން ޢުލޫމުލް ޤުރުއާނުން މިހާރު ލިޔެ ނެރެން ތައްޔާރު ކޮށްފައިވާ އިތުރު ފޮތްތައްވެސް އެބަހުއްޓެވެ.

ޢުލޫމުލް ޤުރުއާންގެ ކުލާސްތަކުގައި ދަރިވަރުން ބައިވެރިކުރައްވަން ބޭނުންވާ ފަރާތްތަކަށް9940142 ނަމްބަރަށް ގުޅައިގެން ރެޖިސްޓްރީ ކުރެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް