އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓް މިއަދު އިފްތިތާޙް ކޮށްފި އެވެ.
މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވާފައިވަނީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ދީނީ ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވެބްސައިޓެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލާފަ އެވެ.
ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ހޯދޭނެ އިންތިޒާމް، ވެބްސައިޓް މެދުވެރިކޮށް ހަމަޖެއްސުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މުވައްޒަފުންގެ ކިބައިން މިނިސްޓަރ ވަނީ އެދިލައްވާފަ އެވެ.
މިވެބްސައިޓުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އާންމުކުރާ ފަތުވާތަކާއި އިސްތިޝާރީ ލަފާތަކާއި، ފޯރުކޮށްދޭ ޚިދުމަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި ފޮޓޯއާއި، އަދި ޝާއިޢުކޮށްފައިވާ ފޮތްތައް ހިމެނިފައި ވެއެވެ.
ސްމާރޓް ފޯނުތަކާއި ޓެބްލެތްތަކުންނާއި ލެޕްޓޮޕާއި ކޮމްޕިޔުޓަރުން ވެސް އުނދަގުލެއްނެތި ބެލޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ވެބްސައިޓްގައި، އެ އިދާރާއިން ދެމުން ގެންދާ ޚިދުމަތްތަކާގުޅޭ ޚިޔާލާއި މަޝްވަރާ އަދި އެކިއެކި ދީނީ މައްސަލަތައް ސީދާ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭ އިންތިޒާމް ހަމަޖެހިފައި ވެއެވެ.
މިވެބްސައިޓުގެ އެޑްރެހަކީ http://www.fatwamajlis.gov.mv އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް