ބޮލީވުޑްގެ ތަރި ޝާހްރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުންނަތާ 28 ދުވަސް ފަހުން ދޫކޮށްލުމުން ގެއަށް ދެވުނީ އިއްޔެ އެވެ.
ކްރޫޒް ލައިނާއެއްގައި ރަހުމަތްތެރިންނާއި އެކު ޕާޓީ ކުރަނިކޮށް އޭނާ ހައްޔަރު ކުރީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. ކަފާލާތުގެ ދަށުން ޖަލުން މިނިވަން ކޮށްދޭން އެދުނު ނަމަވެސް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ން ދަށު ކޯޓުގައި އޮތް ތިން އާޑުއެހުމުގައިވެސް ބުނެފައިވަނީ އާރްޔަން އަތުން އެ ދުވަހު މަސްތުވާތަކެތި ފެނިފަ ނުވިޔަސް އޭނާގެ އެކުވެރިންގެ އަތުން ފެނިފަވާތީ އެ މައްސަލައިގަ އޭނާ ޝާމިލްވާ ކަމަށެވެ.
އެންމެ ފަހުން މައްސަލަ އިސްތިއުނާފުކުރުމުން ބުރާސްފަތި ދުވަހު ހައި ކޯޓުން އޭނާ ދޫކޮށްލީ ކަފާލާތުގެ ދަށުން ޝަރުތުތަކެއް ކުރުމަށް ފަހު އެއް ލައްކަ އިންޑިއަން ރުޕީސް ކޯޓަށް ދެއްކުމުންނެވެ. އަދި ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފަ އެވެ.
އާރްޔަންއަށް ކުރި ޝަރުތުތަކުގެ ތެރޭގައި މުމްބާއީން ބޭރަށް ނުދިއުމާއި، އެންސީބީން ބޭނުންވެއްޖެ ކޮންމެ ހިނދެއްގަ ޖަވާބުދާރީވާން އެތަނަށް ހާޒިރުވުން ހިމެނެ އެވެ އެހުރިހާ ކަމަށް އާރްޔަން ވަނީ އެއްބަސްވެފަ އެވެ.
އާރްޔަން ހައްޔަރު ކުރުމުން ބައްޕަ ޝާހްރުކްގެ މުޅި ދިރިއުޅުން ހުއްޓުނު ކަހަލަ އެވެ. ގާތް މީހުން ބުނެފައިވާގޮތުގައި އާރްޔަން ސަލާމަތް ކުރުމަށް ޝާހްރުކް މަސައްކަތްކުރީ ނުނިދާ ނުކައި ނުބޮއެވެ.
އަދި މިހާރު އޭނާ ވަނީ އާރްޔަން މިނިވަން ވުމުން ދަރިފުޅަށް އިތުރު ލަނޑެއް ނުލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަަސައްކަތް ފަށާފައި އެވެ. އެގޮތުން އާރްޔަންއަށް ރަނގަޅު ބޮޑީ ގާޑެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އެ އާއިލާގެ ގާތް މީހަކު މީޑިއާގައި ބުނެފައިވެ އެވެ.
ޝާހުރުކް ނިންމާފައިވަނީ އާރްޔަންގެ ބޮޑީ ގާޑު އޭނާ ދާ ކޮންމެ ތަނަކަށްގޮސް އޭނާ ކުރާ ކޮންމެ ކަމެއްގައި ބައިވެރިވުމަށެވެ. އޭރުން މިފަހަރު އާރްޔަން އަށް ކުރިމަތިވިފަދަ ހާދިސާއެއް ކުރިމަތިނުވާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
ޝާހްރުކް މަސައްކަތް ކުރަމުން ދަނީ އޭނާގެ ބޮޑީ ގާޑު ރަވީ ސިންގް ފަދަ މީހަކު އާރްޔަންއަށް ހަމަޖެއްސުމަށެވެ. ރަވީގެ ކުޅަދާނަކަން މިފަހުން ފެނިގެން ދިޔައީ އާރްޔަން ޖަލުގައި ހުރި އިރު އޭނާއާ ބައްދަލު ކުރަން ޝާހްރުކް ޖަލަށް ދިޔަ ދުވަހު އެތާ ކައިރީގައި ފިތިބާރުވި ވަގުތު އޭނާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރަވީ ކުރި މަސައްކަތުންނެވެ.
އާރްޔަން އިއްޔެ ދޫކޮށްލި ނަމަވެސް ކުރިޔަށް އޮތް ތިން މަސް ދުވަހު އޭނާ ގެއިން ނުކުތުން ޝާހްރުކާއި އަންހެނުން ގޯރީ ހާން ވަނީ މަނާކޮށްފަ އެވެ. އަދި ރައްޓެހިންނާއި ބައްދަލު ކުރުމާއި ޕާޓީ ކުރުން ވަނީ މަނާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް