ކޯވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު އާންމު ނުކުރާތާ ދެ ދުވަސް ވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކޮންމެ ދުވަހެއްގެ ކޯވިޑްގެ އެންމެ ފަހުގެ މައުލޫމާތު ދެނީ އެރެއެއްގެ 10:00 ގައި އެވެ. އެންމެ ފަހުން އެ މައުލޫމާތު އާންމުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ.
އެޗްޕީއޭއިން ބުނީ ކޯވީޑާއި ގުޅޭ މައުލޫމާތުތައް އާންމު ނުކުރެވިގެން އުޅެނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. އެންމެ ފަހުން، ރޭވެސް އެޗްޕީއޭއިން ބުނީ އަދިވެސް އެ މައްސަލަ ހައްލު ނުވާ ކަމަށެވެ.
އަދި ހައްލުވިހާ އަވަހަކަށް ކޯވިޑްގެ މައުލޫމާތުތައް އާންމު ކުރާނެ ކަމަށެވެ.
ކޯވިޑް މައުލޫމާތުތައް އާންމު ނުކުރެވޭތާ ދެ ދުވަސްވީއިރު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހާއްސަކޮށް އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި ވަރަށް ހަލުވިކަމާއި އެކު ދަނީ ކޯވިޑް ފެތުރެމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮވިޑް ޖެހިފަ ތިބި 1،700 މީހުން ތިބި އިރު އޭގެ ތެރެއިން 29 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. އަދި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޯވިޑް ޖެހިގެން ތިން މީހަކު މަރުވެފައިވެ އެވެ.
ރާއްޖެއިން ކޯވިޑް ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 87،000 އަށް އަރާފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 85،531 މީހުން ރަނގަޅުވެފައިވާއިރު 243 މީހުން ވަނީ ކޯވިޑް ބަލީގައި މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް