އެމް.ޔޫ.އެމް ގެ މެންބަރުންނަށް އިންޝޫރެންސް ތައާރަފުކުރަނީ

ރާއްޖޭގެ ލީޑީންގ އިންޝުއަރެންސް ކުންފުނިތަކަކާއި ގުޅިގެން ވަރަށްފުރިހަމަ އިންޝުއަރެންސް ޕްލޭންތަކެއް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ މެންބަރުންނަށް ތައާރަފުކުރުމަށް ތައްޔާރު ވެ...

31 Oct 2021 | 06:26

ރާއްޖޭގެ ލީޑީންގ އިންޝުއަރެންސް ކުންފުނިތަކަކާއި ގުޅިގެން ވަރަށްފުރިހަމަ އިންޝުއަރެންސް ޕްލޭންތަކެއް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ މެންބަރުންނަށް ތައާރަފުކުރުމަށް ތައްޔާރު ވެއްޖެ އެވެ.

މިގޮތުން ތައާރަފުކުރެވޭ ސިއްހީ އިންޝޫރަންސް އަދި މިއުޒިކު ކުޅޭ ސާމާނުގެ އިންޝޫރެންސް ޕެކޭޖުތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މި އާދިއްތަ ދުވަހާއި އަންގާރަ ދުވަހުގެ މެންދުރުފަހު 3 ޖަހާއިރު 'ޒޫމް' މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސެޝަންތަކުގައި އިންޝޫރެންސް ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ފަރާތުން އެމް.ޔޫ.އެމް ގެ މެންބަރުންނަށް ޚާއްސަކުރެވިގެން ފަރުމާކުރެވިފައިވާ ޕެކޭޖުތަކާއިބެހޭ އެންމެހައި ތަފުސީލުތައް އެކުންފުނިތަކުން ހިއްސާކުރާނެ އެވެ.

މިއުޒިކް ކުޅޭ ސާމާނަށް ލިބޭ ކަވަރޭޖުގެ ތެރޭގައި ގުދުރަތީގޮތުން ލިބޭ ގެއްލުމުގެ ސަބަބުން ނުވަތަ ވަގަށް ނެގުމުގެ ސަބަބުން ނުވަތަ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ލިބޭ ގެއްލުމާއި ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގައި ލިބޭ ގެއްލުންތައް ހިމެނެ އެވެ.

މީގެ އިތުރުން ފަންނުވެރިންނަށް ދިމާވާ އެކްސިޑެންތަކާއި، އަނިޔާ އަދި ނިޔާވުމާގުޅިގެން ލިބޭ ކަވަރޭޖާއި ތިންވަނަ ފަރާތެއްގެ ސަބަބުން ލިބޭ ގެއްލުންތަކާއި ގުޅޭ ކަވަރޭޖު ވެސް ހިމެނެ އެވެ.

ސިއްހީ ކަވަރޭޖުގައި މެމްބަރުންނަށް ދިމާވާ ސިއްހީ އެކި ބަލިތަކުގެ ސަބަބުންނާއި، އެކްސިޑެންޓުތަކުގެ ސަބަބުންނާއި ސާރޖަރީ ކުރަންޖެހުމުގެ ސަބަބުން ދައްކަންޖެހޭ ހޮސްޕިޓަލް ބިލްތަކަށް ކަވަރޭޖް ހިމެނެ އެވެ. އަދި ހޮސްޕިޓަލްތަކުން ލިބޭ ފައިދާތަކާއި ސާރޖަރީ ހެދުމުގައި ލިބޭ ފައިދާތަކާއި ސިއްހީ ޚިދުމަތް ހޯދުމުގައި ލިބޭ ފައިދާތައް ހޮމެނެ އެވެ.

ހަމަމިއާއެކު އައުޓް-ޕޭޝަންޓްގެ ގޮތުގައި ލިބޭ ފައިދާތަކާއި މިނޫންވެސް ޚަރަދަކާއިނުލާ ލިބިގެންދާ ބައިވަރު ޚިދުމަތްތައް ވެސް ހިމެނެ އެވެ.

މި އިންޝުއަރެންސްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޔޫނިއަންގެ މެމްބަރުންގެ ތެރެއިން އިތުރު ފީއެއް ދައްކައިގެން "ޕްރީމިއަމް އެޑްއޮން" އަށް ސަބްސްކްރައިބް ކުރާ މެމްބަރުންނަށެވެ.

މި އަހަރު ޑިސެންބަރުމަހު 1 ން ފެށިގެން މި އިންޝުއަރެންސްގެ ޚިދުމަތްތްއް ލިބިގެންދާނެ އެވެ.

އެމްޔޫއެމް އިން ބުނީ އެ ޖަމްއިއްޔާގެ މެންބަރުންނޫން އެންމެހައި މިއުޒިޝަނުންނާއި އެހެނިހެން ފްރީލާންސް ފަންނާނުން ވެސް މި ޚިދުމަތްތައް ހޯދުމަށްޓަކައި މި ޖަމްއިއްޔާގެ މެންބަރަކަށްވުމަށް ގޮވާލާ މަރުހަބާ ކިޔާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް